އީރާނުން ވަރުގަދަ އަސްކަރީ ތަމްރީނުތަކަކަށް ތައްޔާރު ވަނީ
އީރާނުން ވަރުގަދަ އަސްކަރީ ތަމްރީނުތަކަކަށް ތައްޔާރު ވަނީ

ވޮޝިންޓަން (އޮގަސްޓް 2) - ގަލްފުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކަކަށް އީރާނުން ތައްޔާރުވަމުންދާ ކަމުގެ ހެކިތައް ލިބެމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފި އެވެ.

ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވޮޝިންޓަނުން މަސައްކަތް ކުރަމުންދާތީ ތެހެރާނުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެމެރިކާ އިން މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދަނީ އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވުމަށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ ގަލްފުގެ ހޮރްމޫޒް ކަނޑުއޮޅީގައި އީރާން ސިފައިންގެ ހަރަކާތްތެރިކަން ބޮޑުވެފައިވާ ކަމަށާއި ލަފާ ކުރެވެނީ ވަރުގަދަ އަސްކަރީ ތަމްރީނުތަކަކަށް ތައްޔާރުވަމުން ދަނީ ކަމަށެވެ. އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވަން އެމެރިކާ އިން މަސައްކަތް ކުރާ ނަމަ ހޮރްމޫޒް ކަނޑުއޮޅި ބަންދު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ދީފަ އެވެ.

"އެރޭބިއަން ގަލްފް، ހޮރްމޫޒް ކަނޑުއޮޅި އަދި ގަލްފު އޮފް އޮމާންގައި އީރާނުގެ ކަނޑުގެ ސިފައިން ހިންގަމުން ގެންދާ ހަރަކާތްތަކަށް ސެންޓްރަލް ކޮމާންޑުން ދަނީ ފާރަވެރިވަމުން،" މެދުއިރުމަތީގައި އެމެރިކާގެ ލަޝްކަރު ބަލަހައްޓާ ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާން ނޭވީ ކެޕްޓަން ބިލް އާބަން ވިދާޅުވި އެވެ. "ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އާގު ބޯޓު ފަހަރަށް ރައްކާތެރިކަމާ މެދު ދަތުރު ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެން."

އެމެރިކާގެ އޮފިޝަލުން ރޮއިޓާސް އަށް ބުނެފައި ވަނީ އަސްކަރީ ތަމްރީނަކަށް އީރާނުގެ ކަނޑުގެ ސިފައިންގެ 100 އަށް ވުރެ ގިނަ އުޅަނދު ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ތަމްރީނުތަކުގައި އެތައް ސަތޭކަ އެއްގަމު ސިފައިން ބައިވެރިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ އީރާނުން ތަމްރީނުތަކެއް ބާއްވަން އުޅެނީ ވޮޝިންޓަނަށް މެސެޖެއް ދޭން ކަމަށެވެ.