06 އޯގަސްޓް 2018 - 07:23

ވަރަށް ކައިރި މުސްތަގުބަލެއްގައި ޑައިރެކްޓަރެއްގެ ގޮތުގައި ފެންނާނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ކުރީގެ ރީތީގެ ރާނީ އައިޝްވާރިޔާ ރާއީ ބުނެފި އެވެ.
މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި، 44 އަހަރުގެ ބަތަލާ ބުނީ ޑައިރެކްޝަނަކީ އޭނާ ވަރަށް ބޮޑަށް ތަޖުރިބާކޮށްލަން ބޭނުންވާ ކަމެއް ކަމަށެވެ. އަދި އެކަމަށް ތައްޔާރުވެގެން ނުކުންނާނީ، ޑައިރެކްޝަނަށް މުޅި މީހާ ފައްކާވެގެން ކަމަށް ވެސް، ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ އައިޝްވާރިޔާ ބުންޏެވެ.
އޭނާ ވަނީ ބޮލީވުޑްގެ ވަރަށް މޮޅެތި ޑައިރެކްޓަރުންނާ އެއްކޮށް މިހާތަނަށް މަސައްކަތް، އެ މީހުންގެ މަސައްކަތް ވެސް ވަރަށް ގާތުން ތަޖުރިބާކޮށްފަ އެވެ. އޭގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީ، މަނީ ރަތުނަމް، އަދިތިޔާ ޗޯޕްޅާ އަދި ކަރަން ޖޯހަރް ފަދަ ޑައިރެކްޓަރުން ހިމެނެ އެވެ.
އެހެންވެ އެ މީހުންގެ ފިލްމްތަކުގައި މަސައްކަތްކޮށްލައިގެން ލިބުނު ތަޖުރިބާއަކީ ޑައިރެކްޝަނަށް ނުކުންނަ އިރު، މުހިއްމު އެއްޗަކަށް ވާނެ ކަމަށް އައިޝްވާރިޔާ ބުންޏެވެ.
"އަހަރެން ޑައިރެކްޝަނަށް ނުކުމެ އެކަމަށް ފުލް ކޮމިޓްމަންޓް ދޭނަން. އަހަންނަކީ އަބަދުވެސް ކަމެއް ކުރާ ކަމަށް ވަންޏާ އެކަމަކާ ވަރަށް ގަޔާވެގެން، ވަގުތު ދީގެން މަސައްކަތްކުރަން އިސްކަން ދޭ މީހެއް،" އެކްޓަރު އަބީޝެކް ބައްޗަންއާ ކައިވެނިކޮށް މިހާރު، ހަ އަހަރުގެ ދަރިއަކު ވެސް ހުރި ބަތަލާ ބުންޏެވެ. "އެހެންވެ ޑައިރެކްޝަނަށް ނުކުންނާނީ ވަރަށް ބޮޑަށް ތައްޔާރުވެގެން."
ހުކުރު ދުވަހު ރިލީޒް ކުރި "ފަނޭ ހާން" ގައި މުހިއްމު ރޯލެއް ކުޅެފައިވާ އައިޝްވާރިޔާ ވަނީ ދާދި ފަހުން އަނޫރާގް ކެޝަޕް ޕްރޮޑިއުސް ކުރާ "ގުލާބް ޖާމޫ" އަށް ސޮއިކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކްރިއާޖް އެންޓަޓައިންމަންޓުން ހަދާ ކުރީގެ ދެ ރިމެކިންއެއް ކަމަށްވާ "ރާތު އޯރް ދިން" އާއި "ވޯ ކޯންތީ" ވެސް ވަނީ އައިޝްވާރިޔާ އަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ ދެ ފިލްމުން ކުރެ ފިލްމަކަށް އޭނާ އަދި ރަސްމީކޮށް ސޮއެއް ނުކުރެ އެވެ.
ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އާންމުކޮށް ޑައިރެކްޝަނަށް ނުކުންނަ ތަރިން ވަރަށް މަދެވެ. އެކަމަކު ފިލްމް ކުންފުނިތައް ހަދައިގެން ފިލްމް ޕްރޮޑިއުސް ކުރާ ބަތަލާ އިން މިހާރު އަންނަނީ އިތުރުވަމުންނެވެ.
ޑައިރެކްޝަނަށް ނުކުންނަން ނިންމާފައިވާ ބަތަލާއިންގެ ތެރޭގައި ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދި ކަންގަނާ ރަނާވަތު ހިމެނެ އެވެ. އޭނާ ލިޔެ، ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމަކީ ""ތޭޖޫ" ކިޔާ ފިލްމެކެވެ.