04 އޯގަސްޓް 2018 - 15:46

ކޯޕެންހޭގަން (އޮގަސްޓް 4) - އާއްމު ތަނެއްގައި މޫނު ބުރުގާ އަޅައިގެން އުޅުނު ޑެންމާކުގެ އަންހެނަކު ޖޫރިމަނާކޮށްފި އެވެ.

މިއީ ބުރުގާ އެޅުމާ ދެކޮޅަށް ޑެންމާކުގައި ފާސްކުރި ގާނޫނަށް ބުދަ ދުވަހު އަމަލު ކުރަން ފެށި ފަހުން އަދަބު ދިން ފުރަތަމަ މީހާ އެވެ. މޫނު ބުރުގާ އެޅުމާ ދެކޮޅަށް އިހްތިޖާޖް ކުރުމަށް އުމުރުން 28 އަހަރުގެ އަންހެން މީހާ ނުކުތުމުން އޭނާގެ ބުރުގާ ބާލަން ވަނީ ބަޔަކު މަސައްކަތް ވެސް ކޮށްފަ އެވެ. ޑެންމާކުގެ ވެރިރަށަށް ބުދަ ދުވަހުގެ ރޭ ބަޔަކު އެއްވީ ވެސް އެ ގާނޫނާ ދެކޮޅަށް އިހްތިޖާޖް ކުރުމަށެވެ. ގިނަ މީހުން ތިބީ ވެސް މޫނު ބުރުގާ އަޅައިގެންނެވެ. އަންހެން މީހާގެ މޫނު ބުރުގާ ބާލަން އުޅުނީ މި އިހްތިޖާޖާ ދެކޮޅަށް އުޅުނު އަންހެނެކެވެ.
މޫނު ބުރުގާއާ ދެކޮޅަށް ޑެންމާކުގައި ފާސްކުރި ގާނޫނަށް އެތައް ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ. ގާނޫނުގައި މޫނު ބުރުގާގެ ލަފްޒް ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ނަމަވެސް ބުނެފައި ވަނީ އާއްމު ތަންތަނުގައި މޫނު ނިވާ ކުރާ ކޮންމެ މީހަކަށް ގާނޫނުގެ ދަށުން އަދަބު ލިބޭނެ ކަމަށެވެ. އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޖޫރިމަނާ ކުރުމެވެ.
މޫނު ބުރުގާ އެޅި އަންހެން މީހާ ޖޫރިމަނާކޮށްފައި ވަނީ 1،500 ޑޮލަރުންނެވެ. ޑެންމާކުގެ ބައެއް އަންހެނުން ބުނެފައި ވަނީ ޖޫރިމަނާ ކުރި ނަމަވެސް މޫނު ބުރުގާ އަޅައިގެން ނުކުންނާނެ ކަމަށެވެ.