ޕާކިސްތާނުގައި އަންހެން ކުދިންގެ 12 ސްކޫލް އަންދާލައިފި
ޕާކިސްތާނުގައި އަންހެން ކުދިންގެ 12 ސްކޫލް އަންދާލައިފި

އިސްލާމްއާބާދު (އޮގަސްޓް 4) - ޕާކިސްތާނުގެ އެންމެ އުތުރުގައި އޮންނަ ގިލްގިޓް-ބޯލްޓިސްތާނާ 130 ކިލޯ މީޓަރު ދުރުގައި އޮންނަ ޗިލާސްގައި އަންހެން ކުދިންގެ 12 ސްކޫލެއް އެއް ރޭ މަތިން އަންދާލައިފި އެވެ.

ޕާކިސްތާނުގައި އަންހެން ކުދިންގެ 12 ސްކޫލް އަންދާލައިފި
ޕާކިސްތާނުގައި އަންހެން ކުދިންގެ 12 ސްކޫލް އަންދާލައިފި

ފުލުހުން ބުނީ ސްކޫލްތައް އަންދާލުމުގެ އިތުރުން ބައެއް ސްކޫލްތަކުގައި ގޮވާ ތަކެތި ވެސް ހަރުކޮށްފައިވާ ކަމަށެވެ. ސްކޫލްތަކަށް ހަމަލާ ދިނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. ނަމަވެސް ހަމަލާ ދިން މީހުން ހޯދުމުގެ އޮޕަރޭޝަނެއް ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.

ސްކޫލްތައް އަންދާލުމާ ގުޅިގެން އެ ހިސާބުގެ ގިނަ ބަޔަކު ނުކުމެ ވަނީ އިހްތިޖާޖްކޮށްފަ އެވެ. އަދި ސްކޫލްތަކާއި ތައުލީމީ މުއައްސަސާތަކަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ވަނީ ގޮވާލައިފަ އެވެ.

ގިލްގިޓް-ބޯލްޓިސްތާނުގެ ޗިލާސް ޓައުންގައި ޑިސެމްބަރު 2011 ގައި ވެސް ވަނީ އަންހެން ކުދިންގެ ދެ ސްކޫލަކަށް ގެއްލުން ދީފަ އެވެ. މި އަހަރު ކުރީކޮޅު ވެސް ވަނީ އަންހެން ކުދިންގެ ދެ ސްކޫލެއްގައި އަލިފާން ޖަހައިފަ އެވެ. ދެހާސް ހަތަރު ވަނަ އަހަރު ވަނީ ޗިލާސްގައި އަންހެން ކުދިންގެ އަށް ސްކޫލަކަށް ހަމަލާ ދީފަ އެވެ.

ޕާކިސްތާނުގައި އެކި ގަބީލާތަކުގެ މީހުން އުޅޭ ޚައިބަރު ޕަޚްތުންކުވާ ސަރަހައްދުގައި ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭ 1،500 އަށް ވުރެ ގިނަ އަންހެން ކުދިންގެ ސްކޫލް ހަލާކުކޮށްލާފައިވާ ކަމަށްވެ އެވެ.

ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ މަލާލާ ޔޫސުފް ޒައިގެ ބޮލަށް ތާލިބާނުން 2012 ވަނަ އަހަރު ސްވެޓް ވެލީގައި ބަޑި ޖެހީ ވެސް އޭނާ އަންހެން ކުދިންގެ ތައުލީމް ޕްރޮމޯޓް ކުރަން އުޅުމުންނެވެ.