25 މެއި 2016 - 13:15

އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގައި ވިއްކި ޕާނާއި އެހެން ވެސް ބޭކަރީ ބާވަތްތަކުގައި ކެންސަރު ޖައްސާ މާއްދާއެއް ހިމެނޭ ކަމަށް ދިރާސާތަކުން ދައްކާފައިވާތީ އެ މައްސަލަ ތަހްގީގު ކުރުމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ރިސާޗަރުންނަށް ފާހަގަވެފައިވާ ގޮތުގައި ދިއްލީން އެއްކުރި ޕާނުގެ ސާމްޕަލުން ވަނީ ޕޮޓޭސިއަމް ބްރޮމޭޓާއި ޕޮޓޭސިއަމް އަޔޮޑޭޓް 84 ޕަސެންޓަށް ހުރި ކަމަށް ފާހަގަކުރެވިފަ އެވެ. މިއީ ވަރަށް ގިނަ ގައުމުތަކުގައި މަނާ ކެމިކަލްތަކެކެވެ. އެކަމަކު އެ މާއްދާތައް އިންޑިއާގެ ބޭކަރީތަކުގައި ބޭނުން ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ.
އޯލް އިންޑިއާ ބްރެޑް މެނުފެކްޗާސް އެސޯސިއޭޝަނުން ބުނީ ޕާނުގައި ކެމިކަލް ހިމަނާފައި ވަނީ "ރައްކާތެރި މިންވަރުގައި" ކަމަށެވެ.
ހެލްތު މިނިސްޓަރު ޖޭޕީ ނައްދާ ވަނީ އާއްމުން ބިރު ނުގަތުމަށާއި އެ މިނިސްޓްރީގެ ރިޕޯޓަށް އިންތިޒާރު ކުރުމަށް އެދިވަޑައިގެންފަ އެވެ.
"އާއްމުން ބިރު ގަތުމުގެ ބޭނުމެއް ނެތް. މި މައްސަލާގައި މިނިސްޓްރީގެ ހޯދުންތަކުގެ މައްޗަށް ތައްޔާރުކުރާ ރިޕޯޓް ވަރަށް އަވަހަށް އާއްމު ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ދިއްލީގައި ހިންގާ ސެންޓަ ފޯ ސައެންސް އެންޓް އެންވަޔަރްމަންޓް (ސީއެސްއީ) ގެ ރިޕޯޓެއްގައި ބުނެފައި ވަނީ ދިއްލީގެ ރީޓެއިލް ފިހާރަތަކުން ޕާނާއި ބޭކަރީ ބާވަތްތަކުގެ 38 ސާމްޕަލް ހޯދާފައިވާ ކަމަށެވެ. އަދި ޕޮޓޭސިއަމް ބްރޮމޭޓާއި އަޔޮޓޭޑް 84 ޕަސެންޓަށް ހުރި ކަމަށް ޓެސްޓްތަކުން ދައްކާފައިވާ ކަމަށް އެ ޖަމާއަތުން ބުނެފައިވެ އެވެ. އަދި މި ކެމިކަލްތައް އިންޑިއާގައި މަނާ ކުރުމަށް ސީއެސްއީން ވަނީ ސަރުކާރުގައި އެދިފަ އެވެ.
"މި ކެމިކަލް ބޭނުން ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް. އެއީ ވަރަށް ގިނަ ގައުމުތަކުގައި މަނާކޮށްފައިވާ ބާވަތްތަކެއް. ސަބަބަކީ އެއީ ކެންސަރު ޖައްސާ މާއްދާތަކެއް ކަމަށްވާތީ،" ސީއެސްއީގެ ބަޔާނުގައި ބުނެފައިވެ އެވެ.