06 އޯގަސްޓް 2018 - 13:41

ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން ރީ ރަޖިސްޓްރޭޝަންގެ ފޯމު ފުރުވައި، އެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަނާޅައި ރިޔާސީ އިންތިޚާބުގެ ވޯޓުން މަހްރޫމް ކުރުވަމުންދާ ކަމަށް ބުނެ، އެ މައްސަލަ ބަލައިދޭން އިދިކޮޅު ޕާޓީތަކުން ސިވިލް ސާވިސް ކޮމިޝަންގައި އިއްޔެ އެދިއްޖެ އެވެ.

އިދިކޮޅު އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މިއަދު ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ މަންދޫބުން، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާ ބައްދަލު ކުރައްވައި ހުށަހެޅި މައިގަނޑު ކަންބޮޑުވުމަކީ، ސަރުކާރުގެ އޮފީސްތަކުގެ ތެރޭގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ސިޔާސީ މަސައްކަތްތައް ކުރުވާ މައްސަލަ ކަމަށެވެ. މުވައްޒަފުންގެ ތެރޭގައި ވަޒީފާގެ ބިރު އުފައްދައި މަޖުބޫރު ކޮށްގެން ރީ-ރަޖިސްޓްރޭޝަންގެ ފޯމުތައް ފުރުވައި އެ ފޯމުތައް ވެރިކަން ކުރާ ޕީޕީއެމްގެ އޮފީހަށް ގެންދާ މައްސަލަ ބަލައިދޭން އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިވިލް ސާވަންޓުން ލައްވައި ސިޔާސީ މަސައްކަތް ކުރުވައި، ފުރާ ރަޖިސްޓްރޭޝަންގެ ފޯމުތައް ޕީޕީއެމްގެ އޮފީހަށް ގެންދާ ކަމުގެ ހެކި ވެސް އަޅުގަނޑުމެން ވާނީ ހުށަހަޅާފައި،" އަނަސް ވިދާޅުވި އެވެ.
ހެއްކެއްގެ ގޮތުގައި ހުށަހެޅީ، އޭނާ ވިދާޅުވި ގޮތުގައި، ސިވިލް ސާވިސް އާއި ކުންފުނިތަކުގެ މުވައްޒަފުން ލައްވައި ފުރުވާ ރީ-ރަޖިސްޓްރޭޝަންގެ ފޯމުތައް ޕީޕީއެމަށް ލިބޭނެ ކަމަށް ޕީޕީއެމްގެ ޖަގަހައެއްގައި، ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ވިދާޅުވި ވާހަކަފުޅުގެ ވީޑިއޯ އެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ފޯމު ފުރުވާ ކަމުގެ ތުހުމަތު ޕީޕީއެމުން ވަނީ ދޮގުކޮށްފަ އެވެ. އެ މަސައްކަތަކީ ހުރިހާ ރައްޔިތުން ރީ-ރަޖިސްޓްރީ ކުރުން ކަމަށާއި މަޖުބޫރުން އެއްވެސް ކަމެއް ނުކުރާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އަނަސް ވިދާޅުވީ އެއްވެސް މުވައްޒަފަކު ލައްވައި ގަދަކަމުން ސިޔާސީ މަސައްކަތް ކުރުވުމަކީ ގާނޫނުގައި މަނާ ކަމެއް ކަން ސީއެސްސީ އަށް ހަނދާންކޮށްދީ، އެ މައްސަލަތައް ވީހާ ވެސް އަވަހަށް ބަލައި ހައްލެއް ހޯދައިދޭން އިދިކޮޅު ޕާޓީތަކުން އެދިފައިވާނެ ކަމަށެވެ.
"އިންތިޚާބު އޮންނަ ސެޕްޓެމްބަރު، 23 އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން މިހާތަނަށް ކަނޑަނާޅާތީ އެ ކަމަށް ބާރު އަޅައިދިނުމަށް ވެސް އެދުނިން،" އަނަސް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބަށް ރީ-ރަޖިސްޓްރީ ކުރުމުގައި މަކަރާއި އޮޅުވާލުން ހިމެނޭ ކަމުގެ ގިނަ ޝަކުވާތަކެއް ވަނީ ފެންމަތިވެފަ އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ، އޮފީސްތަކުގައި ފުރުވި ސިވިލް ސާވިސްގެ މުވައްޒަފުންގެ ރީ-ރަޖިސްޓްރޭޝަންގެ ފޯމުތައް އިލެކްޝަންސަށް ހުށަނޭޅުމެވެ.
އިލެކްޝަންސް ކޮމިޝަނުގެ ހިސާބުތަކުން ދައްކާ ގޮތުގައި އިންތިޚާބަށް 37،000 އަށް ވުރެ ގިނަ މީހުން ވަނީ ރީ-ރަޖިސްޓްރީކޮށްފަ އެވެ. އޭގެ ތެރޭގައި، ސަރުކާރުގެ މުވައްޒަފުން ނުހިމެނޭ ކަމަށް އިދިކޮޅު ޕާޓީތަކާއި ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން ދަނީ ބުނަމުންނެވެ.