ކެނެޑާ ސަފީރު ސައުދީން ފޮނުވާލަނީ
ކެނެޑާ ސަފީރު ސައުދީން ފޮނުވާލަނީ

ރިޔާޒް (އޮގަސްޓް 6) - ސައުދީ އަރަބިއާގައި ހުންނަ ކެނެޑާ ސަފީރު ފޮނުވާލުމަށް ފަހު އެ ގައުމާ އެކު އޮންނަ ވިޔަފާރީގެ ހުރިހާ ގުޅުމެއް ފްރީޒް ކުރަން ރިޔާޒުން ނިންމައިފި އެވެ.

ކެނެޑާ ސަފީރު ސައުދީން ފޮނުވާލަނީ
ކެނެޑާ ސަފީރު ސައުދީން ފޮނުވާލަނީ

ސައުދީގެ ޚާރިޖީ ވުޒާރާ އިން ކުރި ޓްވީޓްތަކެއްގައި ބުނެފައި ވަނީ ކެނެޑާގައި ހުންނަ ސައުދީ ސަފީރު ވެސް ވަރަށް އަވަހަށް ގެންނާނެ ކަމަށެވެ. ސައުދީން ބުނެފައި ވަނީ ކެނެޑާ އިން ދަނީ އެ ގައުމުގެ ދާޚިލީ ކަންކަމާ ބެހެމުން ކަމަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް އެކްޓިވިސްޓުން ސައުދީން ހައްޔަރު ކުރަމުންދާތީ ކަންބޮޑުވާ ކަމަށް ކެނެޑާ އިން ދާދި ފަހުން ވަނީ ބުނެފަ އެވެ. ސައުދީން ހައްޔަރު ކުރި އެކްޓިވިސްޓުންގެ ތެރޭގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ސަމަރު ބަދަވީ ހިމެނެ އެވެ. އޭނާ 2012 ވަނަ އަހަރު ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދޭ އިންޓަނޭޝަނަލް ވިމެން އޮފް ކަރޭޖް އެވޯޑް ހޯދައިފަ އެވެ.

ސައުދީގެ ޚާރިޖީ ވުޒާރާ އިން ބުނެފައި ވަނީ އެ ގައުމުގެ ދާޚިލީ ކަންކަމާ ބެހުން އެއްވެސް ގޮތަކުން ބަލައިނުގަނެވޭނެ ކަމަށެވެ. ސައުދީގެ ބަޔާނުގައި ވަނީ ކެނެޑާގެ ޚާރިޖީ ވުޒާރާގެ ބަޔާނަށް ހަވާލާދީފަ އެވެ. އަދި ކެނެޑާގެ އަމަލު ސައުދީން ސިފަކޮށްފައި ވަނީ އެ ގައުމަށް ދިން ހަމަލާއެއްގެ ގޮތުގަ އެވެ.

ސައުދީން އެޅި ޑިޕްލޮމެޓިކް ފިޔަވަޅުތަކާ ގުޅިގެން ކެނެޑާ ސަރުކާރުން އަދި ވަކިއެއްޗެއް ނުބުނެ އެވެ.