ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން
ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން

ލަންޑަން (އޮގަސްޓް 7) – އޭނާގެ ސޮއި ހޯދަން ބާސެލޯނާ އިން މަސައްކަތްކުރި ކަމަށާއި އެކަމަކު ބޭނުންވަނީ ޗެލްސީގައި މަޑުކުރަން ކަމަށް ބްރެޒިލް މިޑްފީލްޑަރު ވިލިއަން ބުނެފި އެވެ.

"އަހަރެން އަބަދުވެސް ސާފުކޮށް ބުނަން، އަހަރެން ބޭނުންވާ ގޮތަކީ މި ކްލަބުގައި މަޑުކުރުންކަން،" ކޮމިއުނިޓީ ޝީލްޑް މެޗުން މެންޗެސްޓާ ސިޓީ އަތުން 2-0 އިން ބަލިވި މެޗަށް ފަހު ވިލިއަން ބުންޏެވެ. "އަހަންނަށް ހަގީގީ ބިޑެއްކުރިކަން އަހަންނަށް އެނގޭ ހަމައެކަނި ކްލަބަކީ ބާސެލޯނާ."

ބާސެލޯނާ އިން ވިލިއަން ހޯދަން ދެ ތިން ބިޑެއްކުރި ނަމަވެސް ޗެލްސީން ވިއްކާލަން ދެކޮޅު ހެދީ އެވެ. އެހެންވެ އެ ޓީމުން ފަހުން ވަނީ ބްރެޒިލްގެ އެހެން ކުޅުންތެރިއެއް ކަމަށްވާ މެލްކޮމް ގެނެސްފަ އެވެ.

މިހާރު ރިޕޯޓްތައް ބުނާ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑުން ވެސް ވިލިއަން ބޭނުންވެ އެވެ.

"އަހަރެން ގަސްދުކުރަނީ ޗެލްސީގައި ކުރިއަށްދާން، މި ކްލަބުން އަހަރެން ވިއްކާލަން ބޭނުންނުވަންޏާ،" ރަޝިއާގެ އަންޒީން 2013 ވަނަ އަހަރު ޗެލްސީއާ ގުޅުނު އުމުރުން 29 އަހަރުގެ ވިލިއަން ބުންޏެވެ.

ޗެލްސީގެ އާ ކޯޗު މައުރީޒިއޯ ސާރީގެ ޕްލޭނުގައި ވިލިއަން ހިމެނެ އެވެ. ޕްރީ ސީޒަން ތަމްރީންތަކަށް އޭނާ ހާޒިރުވުން ލަސްވުމުން ސާރީ ހިތްހަމަނުޖެހުނު ނަމަވެސް މިހާރު ވަނީ މަޝްވަރާކޮށް އެކަން ހައްލުކޮށްފަ އެވެ.

މީގެ އެއް ސީޒަން ކުރިން އެންޓޯނިއޯ ކޮންޓޭ ޗެލްސީ އަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ނަމަވެސް މިދިޔަ ސީޒަން ދިޔައީ ދަށްކޮށްށެވެ. ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބި ލައްވާލީ ޔުރޮޕާ ލީގުގަ އެވެ. އާ ކޯޗު ސާރީއާ މެދު އުއްމީދުތަކެއް ކުރެވުނު ނަމަވެސް އެކަށީގެންވާ ކުޅުންތެރިންތަކެއް އަދިވެސް ނުލިބެ އެވެ. މިހާތަނަށް ގެނައި މަޝްހޫރު ހަމައެކަނި ތަރިއަކީ ސާރީގެ ކޯޗުކަމުގެ ދަށުން ނަޕޯލީ އަށް ކުޅުނު ޖޯޖީނިއޯ އެވެ.