11 އޯގަސްޓް 2018 - 09:54

މި މަހު އޮންނަ އޭޝިއަން ގޭމްސް އަކީ ކުރިމަގަށް ވޮލީބޯޅަ ޓީމު ބިނާކުރުމަށް ކުރާ މަސައްކަތަށް ވަރަށް ރަނގަޅު މެޗުތަކެއް ލިބިގެންދާނެ މުބާރާތެއް ކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.

ގޭމްސްގައި ވާދަކުރުމުގެ ކުރިން މިހާރު ގައުމީ ވޮލީ ޓީމު ވަނީ ތައިލެންޑުގައި ކޭމްޕްކޮށްފަ އެވެ. ކާއްޓޭ ބުނީ ތައިލެންޑަކީ ވޮލީ ޓީމުގެ ތަމްރީންތަކަށް ރަނގަޅު ގައުމެއް ކަމަށާއި އެއީ ކޯޓު ލިބުމުގެ ފަސޭހަތަކެއް ހުރުމުގެ އިތުރުން ފެންވަރު ރަނގަޅު މެޗުތަކެއް ވެސް ލިބޭތީ ކަމަށެވެ.
"ކޭމްޕްގައި ވެސް މުބާރާތުގައި ވެސް އަޅުގަނޑުގެ ޓާގެޓަކަށްވާނީ އަޅުގަނޑުމެން ހަދާފައި މިއޮތް ގަވައިދާ އެއް ގޮތަށް ދަތުރު ނިންމާލުން. ކޭމްޕްގައި އުޅޭނީ ގާތްގަނޑަަކަށް ފަސް ވަރަކަށް މެޗު. ދެން މުބާރާތުގައި ރޭންކް މެޗުތަކާއި އެކު ގާތްގަނޑަކަށް 12 ވަރަކަށް މެޗު ލިބޭނެ ކުޅެން،" ތައިލެންޑް ކޭމްޕަށް ފުރުމުގެ ކުރިން ކާއްޓޭ ބުންޏެވެ.
"ބެންކޮކުގައި ޔުނިވާސިޓީގެ ޗެމްޕިއަނުންނާއި ކްލަބްތަކުގެ ޗެމްޕިއަނުންނާއި ނެޝަނަލް ޓީމުގެ ކުޅުންތެރިން ލައިގެން ހަދާ ޓީމުތަކާ ދެކޮޅަށް ވަރުގަދަ މެޗުތައް ލިބޭނެ. ބެންކޮކަކީ މި ސަރަހައްދުގައި ކޭމްޕް ދާން އެންމެ ރަނގަޅު ގައުމު. އެއީ ރަނގަޅު ކޯޓުތަކާއި ޖިމް ލިބިފައި ހޮޓަލާއި ކެއުން ކަންތައްތައް ވެސް ރަނގަޅުވީމަ،"
ގައުމީ ޓީމުގެ ކޯޗުކަމާއި ކާއްޓޭ ހަވާލުވި ފަހުން ކުރީގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ކުޅުން ހުއްޓާލިއިރު، ތަޖުރިބާކާރު ގިނަ ކުޅުންތެރިން އެކި ސަބަބުތަކާ ހުރެ ޓީމާ ވަނީ ވަކިވެފަ އެވެ. އޭގެ ތެރޭގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު މުހައްމަދު އަހުސަން އާއި އަޝްފާގު އާދަމް (އައްކަޅޭ) ހިމެނެ އެވެ. މިހާރު އޮތް ސްކޮޑުގައި ގިނަ އާ ކުޅުންތެރިން ހިމެނޭ ކަމަށް އެންމެ ފަހުން ނިމުނު އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށް ފަހު ކާއްޓޭ ވަނީ ބުނެފަ އެވެ.
"އަޅުގަނޑުމެން މި ތައްޔާރުވަނީ ކުރިއަށް އޮތް ތިން ހަތަރު އަހަރު ފަހަށް. ވިސްނައިގެން ކަންތައްތަކެއް މި ކުރަނީ. އެހެންވީމަ ކޭމްޕްގައި ވެސް ގޭމްސްގައި ވެސް މި މަސައްކަތް ކުރިއަށްދާނީ،" ކާއްޓޭ ބުންޏެވެ.
އޭނާ ބުނީ ކޭމްޕާއި ގޭމްސްގައި މެޗުތައް ކުޅެން ޖެހެނީ ފެންވަރު ރަނގަޅު ކުޅުންތެރިން ހިމެނޭ ޓީމުތަކާ ދެކޮޅަށް ކަމަށްވުމުން މިއީ ކުޅުންތެރިންގެ ކުރިއަށްދިއުމަށް ލިބޭ ފުރުސަތުތަކެއް ކަމަށެވެ.
"އަޅުގަނޑުމެން ކުޅޭ ގިނަ މެޗުތަކަކީ ފެންވަރު ރަނގަޅު ކުޅުންތެރިންނާ ދެކޮޅަށް ކުޅޭ މެޗުތައް. މިއީ ރަނގަޅު ފުރުސަތުތަކެއް. މިއީ ކަންތައްތައް ދަސްކުރަން ވެސް ކުރިއަށް އޮތް މުބާރާތްތަކަށް ދަސްކުރަން ވެސް ލިބޭނެ ފުރުސަތެއް،" ކާއްޓޭ ބުންޏެވެ.
ގައުމީ ޓީމު މި ފަހަރު ގޭމްސްގައި ވާދަކުރާ ސްކޮޑަށް އައި ހަމައެކަނި ބަދަލަކީ މި ފަހަރުގެ ޓީމުގައި އާދަމް ފައިރޫޒް ނެތުމެވެ. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނީ ފައިރޫޒް ޓީމުގައި ނެތީ ކުޅުންތެރިންނާ އެކު ހެދިފައިވާ އިގުރާރާ އޭނާ ހިލާފުވުމުން ކަމަށެވެ. އަދި މި މުބާރާތުގައި އޭނާ ނެތް ކަމުގައި ވިޔަސް ދެން އޮންނަ މުބާރާތެއްގައި އޭނާ އަށް ޓީމުން ފުރުސަތު ދޭނެ ކަމަށް ބުންޏެވެ.
އޭޝިއަން ގޭމްސްގެ ވޮލީބޯޅަ އިވެންޓުގައި ރާއްޖެ އޮތީ އިންޑިއާ އާއި ގަތަރު އަދި ހޮންކޮންއާ އެއް ގްރޫޕެއްގަ އެވެ. މި ނިސްބަތުން ބަލާއިރު ރާއްޖެ އަށް އުނދަގޫ މެޗުތަކެއް ނަމަަވެސް ޓީމަށް ކުޅެލަން ލިބޭނެ ރަނގަޅު މެޗުތަކެކެވެ. ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ކުޅުންތެރިއާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.
އަލީ ހުޒާމް (ހުޒާންޓެ)، އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)، އަލީ މައުރޫފް، ހަސަން ނިލާމް (ޕާޓޭ)، ހުސެއިން ވިޝާމް (ބުޅިކެ)، އަހުމަދު ޝިމާއު، އަހުމަދު އަނިލް، ޖަވާމް އަލީ، މުހައްމަދު މިމްރާހު، ޝުއައިބު އަބްުދުލް ލަތީފް، މުހައްމަދު މިމްރާހު ހަސަން، އާދަމް ނަސީމް (އެޑަމް)، މުހައްމަދު ނައީމް