11 އޯގަސްޓް 2018 - 07:31

އިންޑިއާގެ ކްރިކެޓް ތަރި ކަޕިލް ދޭވްގެ ކެޕްޓަންކަމުގެ ދަށުން 1983 ގައި އިންޑިއާ އިން ވޯލްޑް ކްރިކެޓް މުބާރާތް ކާމިޔާބު ކުރުންވެގެން ދިޔައީ އިންޑިއާގެ ކުޅިވަރުގެ ތާރީހުގައި ވަރަށް ހާއްސަ ކަމަކަށެވެ. އެ މުބާރާތާއި ކަޕިލްގެ ވާހަކަ ކިޔައިދޭ ފިލްމެއް މަޝްހޫރު ޑައިރެކްޓަރިު ކަބީރް ގެނެސްދޭކަން އިއުލާން ކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
ފިލްމްގައި ކަޕިލްގެ ރޯލް ކުޅެން ހަމަޖައްސާފައިވަނީ ރަންވީރް ސިންގް އެވެ.
ކަޕިލްގެ ވާހަކަ ކިޔައިދޭ ފިލްމްގެ ޝޫޓިން ފެށުމުގެ ތައްތާރީތަކުގެ ތެރެއިން ޑައިރެކްޓަރު ކަބީރާ އެކު ރަންވީރާއި ފިލްމްގެ ޓީމުން މިހާރު ވަނީ ލަންޑަނުގައި ތައްޔާރީތައް ވާން ފަށައިފަ އެވެ.
މި ފިލްމްވެގެން ދާނީ މިދިޔަ އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ފްލޮޕް ބޯޑް އަޅުވަން ޖެހުނު ސަލްމާން ހާންގެ "ޓިއުބް ލައިޓް" އަށް ފަހު، ކަބީރު ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމަށެވެ.
ލަންޑަނުގެ ލޯޑްސް ކްރިކެޓް ގްރައުންޑްގައި "83" ގެ ތައްޔާރީތައް ފެށި އިރު، 1983 ގެ މުބާރާތް އިންޑިއާ ކާމިޔާބު ކުރީ ވެސް އެ ދަނޑުގައި ކުޅުނު މެޗްގައި ވެސްޓް އިންޑީޒް ބަލިކޮށްގެންނެވެ.
ކަބީރް ވަނީ ރަންވީރާއި އިންޑިއާގެ މަޝްހޫރު ކްރިކެޓް ތަރި ސަޗިން ޓެންޑްލްކަރާ އެކު ލޯޑްސް ކްރިކެޓް ގްރައުންޑްގައި ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ. ލަންޑަނުގައި ބޭއްވި މުބާރާތް ކަޕިލްގެ ކެޕްޓަން ބޭންޑާ އެކު އިންޑިއާ ކާމިޔާބު ކުރި އިރު، ސަޗިންގެ އުމުރަކީ އޭރު އެންމެ 9 އަހަރެވެ.
ކަބީރް ވަނީ "83" އަށް ސަޗިންގެ ފަންނީ ލަފާ ހޯދަން ނިންމައިފަ އެވެ. އަންނަ އަހަރުގެ ކުރީކޮޅު ރަސްމީކޮށް ޝޫޓިން ފަށާ ފިލްމް ސިނަމާތަކަށް އަންނާނީ އޮގަސްޓް، 30، 2019 ގަ އެވެ.
އަނެއްކާ ވެސް އިޖުތިމާއި މައްސަލައަކަށް ހަދާފައިވާ ފިލްމެއް ބަލައިލަން ބޭނުން ނަމަ "ބައްތީ ގުލް މީޓަރު ޗާލޫ" އަކީ ކޮންމެހެން ވެސް ބަލައިލަން ޖެހޭނެ ފިލްމެކެވެ. މިދިޔަ އަހަރު ރިލީޒް ކުރި "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" ގެނެސް ދިން ޑައިރެކްޓަރުގެ ޝްރީ ނާރަޔަން ސިންގްގެ "ބައްތީ ގުލް މީޓަރު ޗާލޫ" ގެ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
މިއީ އިންޑިއާގައި ކަރަންޓް ބިލް ބޮޑުވާ މައްސަލައަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
އަންނަ މަހުގެ 21 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ބައްތީ ގުލް މީޓަރު ޗާލޫ" ގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނީ ޝާހިދު ކަޕޫރާއި ޝްރަދާ ކަޕޫރާއި ޔަމީ ގޯތަމް އެވެ.
އިންޑިއާގެ މަޝްހޫރު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހެވާލްގެ ބައޮގްރަފިކަލް ޑްރާމާގެ ޝޫޓިން އަންނަ މަހު ފަށާ ގޮތަށް ނިންމައިފި އެވެ.
"ތާރޭ ޒަމީން ޕަރް" އާއި "ސްޓޭންލީ ކީ ޑައްބާ" ފަދަ ފިލްމްތަކުގެ ސްކްރީންޕްލޭ ލިޔެފައިވާ ޑައިރެކްޓަރު އަމޯލް ގުޕްތޭ ޑައިރެކްޓް ކުރާ ފިލްމްގައި ސައިނާގެ ރޯލުން ފެނިގެން ދާނީ ޝްރަދާ ކަޕޫރެވެ.
މި މަހުގެ 31 ގައި ރިލީޒް ކުރާ "ސްޓްރީ" ގެ ޕްރޮމޯޝަނަލް އިވެންޓްގައި ޝަރްދާ ބުނީ ފިލްމަށް ވާން ޖެހޭ ތައްޔާރީތައް އޭނާ މިހާރު ވަމުން އަންނަ ކަމަށެވެ. އަދި ޝޫޓިން އަންނަ މަހު ފަށާނެ ކަމަށް ބުންޏެވެ. މި ފިލްމްގެ މަސައްކަތް ނުފެށި ލަސްވީ ޝްރަދާ އެހެން ފިލްމްތަކެއްގައި ބިޒީވުމުންނެވެ.
"ސްޓްރީ" މި މަހު ރިލީޒް ކުރާ އިރު، އަންނަ މަހުގެ 21 ގައި އޭނާގެ "ބައްތީ ގުލް މީޓަރު ޗާލޫ" ވެސް ސިނަމާތަކަށް އަންނާނެ އެވެ. އަދި ޝްރަދާ މިހާރު ވެސް އަންނަނީ "ބާހްބަލީ" ގެ އެކްޓަރު ޕްރަބާސްއާ އެކު ކުޅޭ "ސާހޯ" ގެ މަސައްކަތް ކުރަމުންނެވެ.
އެކަމަކު އެ ފިލްމްގެ ޝޫޓިން މިހާރު އޮތީ ނިމުމުގެ އެންމެ ފަހު މަރުހަލާގަ އެވެ.
ޝްރަދާ މީގެ ކުރިން ވެސް ވަނީ ބައޮގްރަފިކަލްޑ ޑްރާމާއެއް ކުޅެފަ އެވެ. އެއީ މިދިޔަ އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ފިނި ތަރުހީބެއް ލިބުނު "ހަސީނާ ޕަރްކާރް" އެވެ.
ކުރިން އަޑު އަރާފައި އޮތް ގޮތުން ޕަރިނީތީ ޗޯޕްޅާ އާއި ސިދާތު މަލްއުތުރާގެ ޖޯޑު އަލުން ސްކްރީނުން ފެނިގެން ދާނެ ފިލްމަކީ "ޝޮޓްގަން ޝާދީ" އެވެ. އެކަމަކު 2014 ގައި ރިލީޒް ކުރި "ހަސީ ތޯ ޕަސީ" އަށް ފަހު ދެ ތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމްގެ ޝޫޓިން ފަށައި، ފިލްމްގެ ނަން ވެސް މިހާރު ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
އެކްތާ ކަޕޫރްގެ ބަލާޖީން އުފައްދާ މި ރޮމޭންޓިކް ކޮމެޑީ އަށް ދީފައިވާ ނަމަކީ "ޖަބަރިއާ ޖޯޅީ" އެވެ. ޕްރަޝާންތު ސިންގް ޑައިރެކްޓް ކުރާ ފިލްމް ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޕަރިނީތީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި "ގޯލްމާލް އެގެއިން" އިންނެވެ. އަދި މަސައްކަތް ނިމިފައި އޮތް އޭނާގެ ދެ ފިލްމެއް އެބަ އޮތެވެ. އެއީ "ނަމަސްތޭ އިންގްލެންޑް" އާއި "ސަންދީޕް އޯރް ޕިންކީ ފަރާރް" އެވެ.
މީގެ އިތުރުން އަކްޝޭގެ "ކޭސަރީ" ގެ ބަތަލާއަކީ ވެސް ޕަރިނީތީ އެވެ.
ސިދާތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އެޅުވި ފްލޮޕް ފިލްމް "އަ ޖެންޓްމަން" އެވެ.