11 އޯގަސްޓް 2018 - 19:56

އިސްލާމްއާބާދު (އޮގަސްޓް 11) - ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުގެ ހުވާ އިމްރާން ޚާން ކުރެއްވުން މި މަހު 18 އަށް ފަސްކޮށްފައިވާ ކަމަށް ޕާޓީން ބުނެފި އެވެ.
ޖުލައި 25 ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގެ އެންމެ ގިނަ ގޮނޑި ހޯދި ތަހްރީކީ އިންސާފް (ޕީޓީއައި) އިން ކުރިން ބުނެފައި ވަނީ އިމްރާން ޚާން ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހު 11 ވަނަ ދުވަހު ކަމަށެވެ.
ޕީޓީއައި އިން ބުނީ އިމްރާން ޚާން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި 1992 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި ޕާކިސްތާން ކްރިކެޓް ސްކޮޑުގެ ހުރިހާ ކުޅުންތެރިން ބައިވެރިވާނެ ކަމަށެވެ. ވޯލްޓް ކަޕް ހޯދި ޓީމުގެ ކެޕްޓަނަކީ އިމްރާން ޚާން އެވެ. މީގެ އިތުރުން އިންޑިއާގެ ކްރިކެޓް ތަރިން ކަމަށްވާ ކަޕިލް ދޭވް، ސުނިލް ގަވަސްކަރު އަދި ނަވްޖޮތު ސިންގް ސިދޫ ވެސް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވާނެ އެވެ.
ޕީޓީއައި އިން އިއްޔެ ބުނީ ކޯލިޝަން ސަރުކާރެއް އުފެއްދޭ ވަރަށް އެ ޕާޓީ އަށް ގޮނޑި ހޯދިފައިވާ ކަމަށެވެ. ޕާކިސްތާންގެ ރައީސް މަމްނޫން ހުސައިން މިހާރު ވަނީ އާ ނޭޝަނަލް އެސެމްބްލީގެ ބައްދަލުވުމެއް ހޯމަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފަ އެވެ.