14 އޯގަސްޓް 2018 - 07:26

އަނޫރާގް ބާސޫ 2007 ގައި ގެނެސް ދިން ފިލްމް "ލައިފް އިން އަ...މެޓްރޯ" އަކީ ދިރިއުޅުމުގެ އެކި ކަހަލަ ކަންކަމާ ކުރިމަތިލާން ޖެހިފައިވާ ބައެއްގެ ވާހަކަ ވަރަށް ރީތިކޮށް އަދި އެހާމެ ޝައުގުވެރިކޮށް ގެނެސްދިން ކާމިޔާބު ފިލްމެކެވެ.

ފިލްމަށް އާންމުން ދިން ބޮޑު ތަރުހީބާ އެކު، މީގެ ދެވަނަ ބައެއް ހަދަން ވާހަކަ ދެކެވޭތާ ވެސް މިހާރު އަހަރުތަކެއްވެއްޖެ އެވެ.
މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އަނޫރާގް ބުނީ އޭނާ ދެން ޑައިރެކްޓްކުރާ ފިލްކަމަށް ވާނީ "ލައިފް އިން އަ...މެޓްރޯ" ގެ ދެވަނަ ބަޔަށް ވެދާނެ ކަމަށެވެ. އަދި އޭގެ ސްކްރިޕްޓްގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުންޏެވެ.
ތަފުސީލެއް އޭނާ އަދި ނުދިނަސް މީޑިއާތަކުން ބުނީ ދެވަނަ ބައިގެ މައިގަނޑު ވާހަކަ ހާއްސަކޮށްފައި ވަނީ މެޓްރޯއެއްގެ ކުށުގެ ވެއްޓަކަށް ކަމަށެވެ. އެހެންވެ މި ފަހަރު ފިލްމްގައި ކިޔައިދެނީ އެކި ކުށްތަކުގައި ބެދޭ ބައެއްގެ ވާހަކަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ލައިފް އިން އަ...މެޓްރޯ" ގެ ރޯލަކަށް ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރު ރާޖްކުމާރް ރާއޯ މިހާރު ވަނީ ސޮއިކޮށްފަ އެވެ. އަދި މި ފިލްމްގެ ރޯލެއް އަރްޖުން ކަޕޫރަށް ހުށަހެޅި ނަމަވެސް، ތާރީހުގެ ތާށިކަމާ ހުރެ ވަގުތު ދެވެން ނެތުމުން އޭނާ ވަނީ ފިލްމް ދޫކޮށްލައިފަ އެވެ.
ދެވަނަ ބައިގެ ކާސްޓަށް ރާޖްކުމާރް ހަމަޖެއްސި ނަމަވެސް، ފިލްމުން ދެން ފެންނާނީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ.
ޕްރިތަމްގެ ވަރަށް ހިތްގައިމު މިއުޒިކް ވެސް ހިމެނޭ "ލައިފް އިން އަ...މެޓްރޯ" އަކީ ބޮޑު ކާސްޓެއް ހިމެނުނު ފިލްމެކެވެ. އޭގެ ތެރޭގައި ޝިލްޕާ ޝެޓީ، ޝައިނީ އަހޫޖާ، ކަންގަނާ ރަނާވަތު، ކޭކޭ މެނަން، ކޮންކޮނާ ސެން ޝަރްމާ، ނަފީސާ އަލީ، ދަރްމެންދުރާ، ޝަރްމަން ޖޯޝީ އަދި އިރްފާން ހާން ފަދަ އެކްޓަރުން ހިމެނެ އެވެ.
އަނޫރާގް ބުނި ގޮތުގައި ފިލްމްގެ ދެވަނަ ބައި އޭނާ ހަދަން ބޭނުން ވަނީ ރަންބީރު ކަޕޫރާ ވެސް ގުޅިގެންނެވެ. އަދި ފިލްމެއްގެ ކޯ-ޕްރޮޑިއުސަރެއްގެ ޒިންމާ ނެގުމުގެ އިތުރަށް އޭނާ އަށް ފިލްމުން ރޯލެއް ވެސް ހުށަހަޅާފައިވާ ކަމަށް އަނޫރާގް ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމަކީ ރަންބީރް ޕްރޮޑިއުސްކޮށް އަދި ބަތަލުގެ ރޯލް ކުޅުނު އަނޫރާގް އެންމެ ފަހުން ޑައިރެކްޓް ކުރި މިދިޔަ އަހަރުގެ "ޖައްގާ ޖާސޫސް" އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމުން ރަންބީރުގެ ބައްޕަ އަދި އެކްޓަރު ރިޝީ ކަޕޫރް އަނޫރާގަށް ވަރަށް އެއްޗެހި ގޮވާފައިވާ ކަމެވެ.
ރިޝީ ބުނި ގޮތުގައި އޭނާގެ ދަރިފުޅު އެ ފިލްމަށް އިންވެސްޓް ކުރި ފައިސާ އާއި އެއަށް ދިން ވަގުތު ބޭކާރުވީ އަނޫރާގްގެ ޒިންމާދާރުކަން ކުޑަކަމުންނެވެ. އަދި "ޖައްގާ ޖާސޫސް" އަށް ކުރިމަތިވި ނާކާމިޔާބީގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނެ މީހަކީ އަނޫރާގް ކަމަށް ރިޝީ ބުންޏެވެ.
ރަންބީރު މި ވަގުތު "ބުރައްމަސްތުރާ" ގެ މަސައްކަތް ކުރަމުން އަންނަ އިރު، އޭނާ ވަނީ އިތުރު ދެ ފިލްމަކަށް ސޮއި ކޮށްފަ އެވެ. އެއީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޝަމްޝޭރާ" އާއި ލަވް ރަންޖަންގެ ފިލްމަކަށެވެ.