13 އޯގަސްޓް 2018 - 11:50

ފްލޮރިޑާ (އޮގަސްޓް 13) - އިރާ އެންމެ ކައިރި އަށް ދިއުމަށް ޓަކައި އެމެރިކާގެ ޖައްވީ އެޖެންސީ ނާސާ އިން ޖައްވީ އުޅަނދެއް އިއްޔެ އުދުއްސާލައިފި އެވެ.

ފްލޮރިޑާގެ ކޭޕް ކެނަވެރަލް އިން އުދުއްސާލި ޕާކާ ސޯލާ ޕްރޯބަކީ ދުނިޔޭގެ ތާރީޚުގައި ވެސް އިންސާނުން އުފެއްދި އެންމެ ބާރަށް ދަތުރުކުރާ އުޅަނދެވެ. މިއީ ދުނިޔޭގައި ހުރި މީހެއްގެ ނަމުން ޖައްވީ އުޅަނދަކަށް ނަން ދިން ފުރަތަމަ ފަހަރު ވެސް މެ އެވެ. ޖައްވީ އުޅަނދަށް ނަންދީފައި ވަނީ ސޯލާ ވިންޑް 1958 ވަނަ އަހަރު ތަފްސީލްކޮށް ދެއްވި އެސްޓްރޯފިޒިސިލްޓް، އުމުރުން މިހާރު 91 އަހަރުގެ އިއުޖީން ޕާކާގެ ނަމުންނެވެ. ޝިކާގޯ ޔުނިވާސިޓީގެ ޕްރޮފެސަރު ވަނީ ޖައްވީ އުޅަނދު އުދުއްސާލި މަންޒަރު ބައްލަވާލައްވައިފަ އެވެ.

ޖައްވީ އުޅަނދު އުދުއްސާލާފައި ވަނީ ކުރިން ހަމަޖެހުނު ތާރީޚަށް ވުރެ އެއް ދުވަސް ލަސްކޮށެވެ. އެއީ އެންމެ ފަހު ވަގުތު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.
ނާސާގެ އުޅަނދު އިރާ 6.16 މިލިއަން ކިލޯ މީޓަރު (3.8 މިލިއަން މޭލް) އަށް ކައިރިވާނެ އެވެ. އެ ދުރުމިން ސިފަ ކުރައްވާ ޖޯންސް ހޮޕްކިންސް އެޕްލައިޑް ފިޒިކްސް ލެބޯޓްރީގައި މަސައްކަތް ކުރައްވާ ސައެންޓިސްޓް ޑރ. ނިކީ ފޮކްސް ވަނީ މިސާލެއް ޖައްސަވައިފަ އެވެ.
"ފެންނަ ފެނުމަށް އެއީ އެހާ ކައިރިހެން ހީނުވެދާނެ. އެކަމަކު ޚިޔާލަށް ގެންނަވާ އިރާއި ދުނިޔެއާ ދެމެދު ހުރީ މީޓަރެއް ނަމަ ސޯލާ ޕާކާ އެ ކައިރި ވަނީ އިރާ ހަތަރު ސެންޓި މީޓަރަށް،" ޑރ. ނިކީ ފޮކްސް ތަފްސީލް ކޮށްދެއްވި އެވެ.
ޖައްވީ އުޅަނދެއް މީގެ ކުރިން އިރާ އެންމެ ބޮޑަށް ކައިރިވެފައި ވަނީ 43 މިލިއަން ކިލޯ މީޓަރަށެވެ. އެއީ 1976 ވަނަ އަހަރުގެ މިޝަންއެއްގަ އެވެ.
ނާސާގެ 1.5 ބިލިއަން ޑޮލަރުގެ ސޯލާ ޕާކާ އިރާ ކައިރިވާ އިރު ދަތުރުކުރާނީ ގަޑިއަކު 692،000 ކިލޯ މީޓަރު (ގަޑިއަކު 430،000 މޭލު) ގެ ބާރު މިނުގަ އެވެ. އެ ސްޕީޑް ތަފްސީލްކޮށްދެއްވަމުން ޑރ. ނިކީ ފޮކްސް ވިދާޅުވީ އެއީ ނިއު ޔޯކުން ޓޯކިޔޯ އަށް ދިއުމަށް މިނިޓެއްހާ އިރު ކަމަށެވެ.
މި މިޝަން ނާސާ އިން ވެސް ސިފަކޮށްފައި ވަނީ "އިރުގައި އަތްލާން" ކުރާ ދަތުރެއްގެ ގޮތުގަ އެވެ. ހަތް އަހަރު ދުވަހުގެ މިޝަނުގައި އިރުގެ އެޓްމޯސްފިއާ ނުވަތަ ކޮރޮނާ އާއި ބެހޭ މައުލޫމާތާއި ސޯލާ ވިންޑާ ބެހޭ މައުލޫމާތު އެއްކުރާނެ އެވެ.
އިރާ ކައިރިވާ އިރު އިރުގެ ހޫނުން ސޯލާ ޕާކާ ރައްކާތެރި ކުރުމަށް 4.5 އިންޗި (11.43 ސެންޓި މީޓަރު) ގެ ޝީލްޑެއް ވަނީ ލައިފަ އެވެ. އިރާ ކައިރިވާ އިރު ދޯދިތަކުގެ ހޫނު 2،500 ޑިގްރީ ފެރަންހައިޓް (1،371 ޑިގްރީ ސެލްސިއަސް) އަށް ގަދަވާނެ އެވެ. ނަމަވެސް ޖައްވީ އުޅަނދުގެ އެތެރޭގެ ހޫނުމިން ހުންނާނީ 85 ޑިގްރީ ފެރަންހައިޓުގަ އެވެ. މި ބާވަތުގެ ޖައްވީ އުޅަނދެއް ތައްޔާރު ކުރަން ސައެންސްވެރިން މަސައްކަތް ކުރާތާ 60 އަހަރު ވެއްޖެ އެވެ. ނަމަވެސް ގަދަ ހޫނުން ރައްކާތެރި ކުރެވޭނެ ޓެކްނޮލޮޖީއެއް ހޯދުނީ އަދި ކިރިޔާ އެވެ.