15 އޯގަސްޓް 2018 - 07:53

ބޮލީވުޑްގެ ގިނަ ތަރިންނަކީ ލޯބީގެ ގުޅުންތައް ކައިވެންޏާ ހަމައަށްދާ އިރު ވެސް އެ ވާހަކަތައް ވަރަށް ބޮޑަށް ސިއްރުކުރާ ބައެކެވެ. ދީޕިކާ ޕަދްކޯނާއި ރަންވީރް ސިންގް ވެސް މި މަގުން އިސްތިނާއެއް ނުވެ އެވެ.

ޔަގީންވާ ކަމަކީ ދެ މީހުން އުޅެނީ ވަރަށް ސީރިއަސްކޮށް ރައްޓެހިވެގެން ކަމެވެ. އެ އެ ގުޅުމަށް ތިން އަހަރެއްހާ ދުވަސްވެފައިވާ އިރު، މި މަހުގެ ކުރީކޮޅު ވަނީ އެކީގައި އެމެރިކާގައި ޗުއްޓީއެއް ވެސް ހޭދަކޮށްފަ އެވެ.
އަޑުތައް އަރާފައިވާ ގޮތުން އަންނަ ނޮވެމްބަރު މަހުގެ 10 ގައި ދީޕިކާ އާއި ރަންވީރް ކައިވެނިކުރާނެ އެވެ. އެކަމަކު ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް މިހާރު ބުނާ ގޮތުން ދެ ތަރިންގެ ކައިވެނި މިހާރު ވަނީ ނޮވެމްބަރު މަހުގެ 20 އަށް ފަސްކޮށްފަ އެވެ.
ކައިވެނީގެ ހަފުލާ ބާއްވަން ހަމަޖެހިފައި ވަނީ އިޓަލީގެ ހިތްގައިމު ރަށެއް ކަމަށްވާ ލޭކް ކޯމޯގަ އެވެ. މީޑިއާތަކުން ބުނި ގޮތުގައި ނޮވެމްބަރު މަހުގެ 20 ގައި ކައިވެނީގެ ހަފުލާ ބޭއްވުމުގެ ފަހުގެ ތައްޔާރީތައް ދެ ފަރާތުގެ އާއިލާ އިން މިހާރު ވަރަށް ފޯރީގައި ކުރަމުން އަންނަ އިރު، އެ ހަފުލާ އަށް ދައުވަތު ދޭނީ ވަރަށް ގާތް މަދު އަދަދެއްގެ ބަޔަކަށެވެ. އެއީ ގާތްގަނޑަކަށް 30 ވަރަކަށް މީހުންނަށެވެ.
ބަތަލާ އަނުޝްކާ ޝަރްމާ އާއި ކްރިކެޓް ތަރި ވިރާޓް ކޯލީގެ ކައިވެނީގެ ހަފުލާ ވެސް އިޓަލީގައި މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވީ ހަމަ މިކަހަލަ ގޮތަކަށެވެ.
ލޯބީގެ ގުޅުމާ ބެހޭ ގޮތުންނާއި ކައިވެންޏާ ބެހޭ ގޮތުން ވެސް ދީޕިކާ އާއި ރަންވީރް މިހާތަނަށް އެއްވެސް ވާހަކައެއް ދައްކައިފައި ނުވާ އިރު، މީޑިއާތަކުން ބުނާ ގޮތުގައި ދީޕިކާ އެއްވެސް ފިލްމަކަށް ސޮއި ވެސް ނުކޮށްގެން އުޅެނީ ކައިވެނި ޕްލޭންކޮށްފައި އޮތުމުން އެކަމަށް ވަރަށް ބޮޑަށް ވަގުތު ދިނުމުގެ ގޮތުންނެވެ.
ނަމަވެސް ރަންވީރް އަންނަނީ ފުލުފުލުގައި ފިލްމްތަކަށް ސޮއި ކުރަމުންނެވެ. ޑިސެމްބަރު 28 ގައި ރިލީޒް ކުރާ "ސިމްބާ" ގެ މަސައްކަތް އޭނާ ކުރަމުން އަންނަ އިރު، މިހާރު ވަނީ ކަބީރް ހާންގެ "83" އަށް ވެސް ތައްޔާރުވާން ފަށައިފަ އެވެ.
ކަރަން ޖޯހަރް 2020 ގައި ރިލީޒް ކުރާ ފިލްމް "ތަހުތު" އަށް ވެސް ރަންވީރް ވަނީ ސޮއިކޮށްފަ އެވެ. "ސިމްބާ" ގެ ފަހުން ރަންވީރް ދެން ފެނިގެން ދާނީ ފެބްރުއަރީ، 14، 2019 ގައި ރިލީޒް ކުރާ ޒޯޔާ އަހްތަރުގެ "ގަލީ ބޯއި" އިންނެވެ.