14 އޯގަސްޓް 2018 - 16:17

ނ. މާފަރުގައި ތަރައްގީ ކުރަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.
މޯލްޑިއަންގެ މަތިންދާބޯޓެއްގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ބޭއްވި ޓެސްޓް ފްލައިޓުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ވަޑައިގަތެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ނިންމާފައި ވަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓެއް ވެސް ހިމެނޭ ގޮތަށެވެ. އަދި އެއާޕޯޓަށް އެއްފަހަރާ ހަ ޖެޓަށް ޚިދުމަތް ދެވޭ އިރު އެންމެ ޒަމާނީ ވަސީލަތްތައް ހުންނާނެ ކަމަށް ވެ އެވެ.
މާފަރު އެއާޕޯޓް ހެދީ އަބޫދާބީ ފަންޑުން ފައިސާ ހޯދައިގެން ކަމަށް ސަރުކާރުން ކުރިން ބުނެފައި ވެ އެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ސަރުކާރުން އޭރު ބުންޏެވެ.
"އެއާޕޯޓަކީ އެ [ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ] ބޭފުޅުން ދިވެހި ރައްޔިތުންނަށް ދޭ ހަދިޔާއެއް. މި ސަރުކާރާއި އިމާރާތުގެ ސަރުކާރާ ދެމެދު އޮތް ގާތްކަން ރަމްޒު ކޮށްދޭނެ ހަދިޔާއެއް. އެއާ އެކު އެއާޕޯޓުގައި ސިޓީ ހޮޓަލެއް ހެދިގެން ދާނެ،" މާފަރު އެއާޕޯޓާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން މިދިޔަ އަހަރު ވިދާޅުވެފައި ވެ އެވެ.