އިންޑިއަން ރުޕީސްގެ އަގު ރެކޯޑް މިންވަރަކަށް އަނެއްކާވެސް ދަށަށް
އިންޑިއަން ރުޕީސްގެ އަގު ރެކޯޑް މިންވަރަކަށް އަނެއްކާވެސް ދަށަށް

ނިއު ދިއްލީ (އޮގަސްޓް 14) - އިންޑިއަން ރުޕީސްގެ އަގު ޑޮލަރާ އަޅާބަލާއިރު ރެކޯޑް މިންވަރަކަށް މިއަދު އަނެއްކާވެސް ދަށަށް ހިނގައްޖެ އެވެ.

އިންޑިއާ ފައިސާ މިއަދު ހެނދުނު މާރުކޮށްފައި ވަނީ ޑޮލަރަކަށް 70.09 ރުޕީސްއަށެވެ. މި އަހަރު ފެށުނު ފަހުން އިންޑިއާ ރުޕީސްގެ އަގު ވަނީ ދަށަށް ދާން ފަށައިފަ އެވެ. އަހަރު ފެށުނު އިރު އިންޑިއަން ރުޕީސްގެ އަގު ހުރީ ޑޮލަރަކަށް 63.67 ގަ އެވެ.

އޭޝިޔާގެ ތިން ވަނަ އަށް އެންމެ ބޮޑު އިގްތިސާދު އޮތް އިންޑިއާ ފައިސާގެ އަގު ވެއްޓެމުންދާއިރު އިމްޕޯޓް ކުރާ ތެލަށް ބޮޑަށް ބަރޯސާވާ އިންޑިއާގެ އިގްތިސާދަށް އެކަމުން ގެއްލުންތައް ފޯރާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. އިންޑިއާ އަށް ބޭނުންވާ ތެލުގެ ތިންބައިކުޅަ ދެބަޔަކީ އިމްޕޯޓްކުރާ ތެލެވެ. ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިއަދު ހުރީ 72.81 ޑޮލަރުގަ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 50 ޑޮލަރުގަ އެވެ.

ރުޕީސްގެ އަގު ހިފެހެއްޓުމުގެ ގޮތުން އިންޑިއާގެ ސެންޓްރަލް ބޭންކުން މި އަހަރު ވަނީ ދެ ފަހަރެއްގެ މަތިން އިންޓަރެސްޓް ރޭޓް ބޮޑު ކޮށްފަ އެވެ. އެކްސްޕޯޓް ކުރާ ތަކެތީގެ އަގަށް ވުރެ އިމްޕޯޓުގެ އަގު މަތިވަމުންދާތީ އިންޑިއާގެ ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވާތީ ވެސް ތަޖްރިބާކާރުން ދަނީ ކަންބޮޑުވުން ފާޅުރަމުންނެވެ.

އިންޑިއާ ފައިސާގެ އަގު މީގެ ކުރިން އެންމެ ދަށްވެފައި ވަނީ ޖޫން 28 ވަނަ ދުވަހު އެވެ. އެ ދުވަހު ހެނދުނު ޑޮލަރަކަށް އިންޑިއަން ރުޕީސް މާރުކުރާ އަދަދު ވަނީ 69.0925 އަށް ވެއްޓިފަ އެވެ. އޭގެ ކުރިން ރުޕީސްގެ އަގު އެންމެ ދަށްވެފައި ވަނީ ނޮވެމްބަރު 24، 2016 ގަ އެވެ. އެ ފަހަރު ޑޮލަރާ އަޅާބަލާ އިރު ރުޕީސްގެ އަގު ވަނީ 68.8650 އަށް ވެއްޓިފަ އެވެ.