ރޮނާލްޑޯ ނެތް މެޑްރިޑް ބަލިކޮށް އެތުލެޓިކޯ ސުޕަ ކަޕް ހޯދައިފި
ރޮނާލްޑޯ ނެތް މެޑްރިޑް ބަލިކޮށް އެތުލެޓިކޯ ސުޕަ ކަޕް ހޯދައިފި

ޓަލީން، އެސްޓޯނިއާ (އޮގަސްޓް 16) – ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާދި ކޯޗު ޒައިނުއްދީން ޒިދާން ނެތި ރެއާލް މެޑްރިޑް ކުޅުނު ރަސްމީ ފުރަތަމަ މެޗުގައި އެ ޓީމުގެ މައްޗަށް 4-2 އިން ކުރި ހޯދައި ވާދަވެރި އެތުލެޓިކޯ މެޑްރިޑުން ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.

މެޑްރިޑަށް ނުވަ އަހަރު ކުޅެ ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ މިދިޔަ ސީޒަނަށް ފަހު ޔުވެންޓަސްއާ ގުޅިފައިވާއިރު، އެ ޓީމަށް މިދިޔަ ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ވެސް ވަނީ ކުއްލި ގޮތަކަށް ޓީމާ ވަކިވެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ޔުރޮޕާ ލީގުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑުގެ މެދުގައި ކުޅުނު ސުޕަ ކަޕުގެ މި މެޗަކީ މުބާރާތުގެ ތާރީހުގައި އެއް ސިޓީއަކަށް ނިސްބަތްވާ ދެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

އެސްޓޯނިއާގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ އިތުރު ވަގުތު ކުޅެގެންނެވެ. މެޗުގެ ފުރަތަމަ މިނެޓުގައި ޑިއެގޯ ކޮސްޓާ ވަނީ އެތުލެޓިކޯ އަށް ލީޑު ނަގައިދީފަ އެވެ. އެކަމަކު 27 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ އަދި 63 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކެޕްޓަން ސާޖިއޯ ރާމޯސް ގޯލް ޖަހައި މެޑްރިޑަށް ފަހަތުން އަރައި ކުރި ހޯދައިދިނެވެ. އެތުލެޓިކޯ އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ 79 ވަނަ މިނެޓުގައި ކޮސްޓާ އެވެ.

އެގޮތުގައި ސްކޯ އޮވެ ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ އަށް ވަނަ މިނެޓުގައި ސައުލް ނިގުއޭޒް ވަނީ އެތުލެޓިކޯ އަށް ކުރި ހޯދައިދީފަ އެވެ. އަދި 14 ވަނަ މިނެޓުގައި ކޮކޭ ވަނީ ލީޑު ފުޅާކޮށްދީ އެ ޓީމަށް މޮޅު ކަށަވަރުކޮށްދީފަ އެވެ.

މި މެޗުގައި ދެ ޓީމުގެ ވެސް ފުލް ޓީމު ވަނީ ފެނިގެންގޮސްފަ އެވެ. އެކަމަކު މެޑްރިޑާ ދާދި ފަހުން ގުޅުނު ބެލްޖިއަމް ގޯލްކީޕަރު ތިބައޫ ކޯޓުއާ ސްކޮޑުގައި ނުހިމެނެ އެވެ. ސަބަބަކީ ވޯލްޑް ކަޕަށް ފަހު އަދި އޭނާ ކިރިޔާ ފެށީ ޕްރީ ސީޒަން ތަމްރީންތައް ކަމަށްވުމުންނެވެ. މެޑްރިޑާ ދޫކޮށްލާނެ ކަމަށް އަޑުފެތުރުނު ލޫކާ މޮޑްރިޗް ދެ ވަނަ ހާފުގައި އެރިއިރު ފްރާންސާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި އެތުލެޓިކޯގެ ތަރި އެންޓޮއިން ގްރިޒްމަން ފުރަތަމަ އެގާރައިގައި ކުޅުނެވެ.

މި ނަތީޖާއާ އެކު މެޑްރިޑުގެ އާ ކޯޗު ހުލެން ލޮޕެޓީގަށް މި ލިބުނީ ނާކާމިޔާބު ފެށުމެކެވެ. ވޯލްޑް ކަޕަށް ސްޕެއިން ގޮވައިގެން ގޮސް ހުރެ، މެޑްރިޑާ ހަވާލުވުމުން އެއްބަސްވެފައިވާތީ އޭނާ އަށް ސްޕެއިން ކޯޗުކަން އެ ވަގުތު ވަނީ ގެއްލިފަ އެވެ. އޭނާއާ އެކު ވޯލްޑް ކަޕަށް ސްޕެއިން ދިޔައީ ވަރުގަދަ ޓީމެއްގެ ގޮތުގަ އެވެ. ވޯލްޑް ކަޕުގައި ފަހުން ކޯޗުކޮށްދިނީ މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ ފެނާންޑޯ ހިއޭރޯ އެވެ.