16 އޯގަސްޓް 2018 - 14:25

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާއަށް ހާއްސަ ކޮށްފައިވާ "ޕްރިމިއަމް ފޯ ގުޑް" ޕްރޮޖެކްޓްގެ ދަށުން ތިން ސްކޫލަކަށް މާލީ އެހީތެރިކަން މިއަދު ފޯރުކޮށްދީފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނީގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެހީތެރިކަން ފޯރުކޮށްދިންކަމުގެ ލިޔުން ހަވާލުކުރީ އިމާދުއްދީން ސްކޫލްގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމަށާއި ޖަމާލުއްދީން ސްކޫލްގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމަށް އަދި ގިޔާސުއްދީން ސްކޫލްގެ ރާސްބެރީ ޕައި އެކްސްޓެންޝަން ޕްރޮޖެކްޓަށެވެ.

އެލައިޑް އިންޝުއަރަންސް އިން ބުނީ މިއަހަރު ތައާރަފްކޮށްފައިވާ "ޕްރިމިއަމް ފޯ ގުޑް" އަކީ މުޖްތަމައުގެ ކުރިއެރުމާއި ލާބައަށް އެ ކުންފުނިން ކޮށްދޭ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ފެށި ހަރަކާތެއް ކަމަށެވެ. އެގޮތުން އެ ޕްރޮޖެކްޓް ބިނާވެފައި ވަނީ އދ. އިން ކަނޑައަޅާފައިވާ ކަނޑައަޅާފައިވާ 2030ގެ ތަސައްވުރުގައި ހިމެނޭ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑުތަކުގެ ތެރެއިން ކޮލެޓީ އެޑިއުކޭޝަން އާއި ޖެންޑަ އިކުއަލިޓީ އަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ކުންފުނީގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފް ވިދާޅުވީ އަލަށް ހަވާލު ކުރި އެހީގެ ސަބަބުން ސްކޫލްތަކުން ދަރިވަރުންނަށް ދޭ ޒަމާނީ ތައުލީމުގެ ފެންވަރު އިތުރަށް ވަރުގަދަކުރުމަށް މަގު ތަނަވަސްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތާނުގައި ވެސް " ޕްރިިމިއަމް ފޯ ގުޑް" ގެ މަސައްކަތްތައް ވަރަށް ހަރަކާތްތެރި ގޮތެއްގައި ފެނިގެންދާނެ ކަމަށާއި ކުންފުންޏެއްގެ ހައިސިއްޔަތުން މާދަމާގެ ޒުވާން ޖީލު ހެޔޮގުތުގައި ބިނާކުރުމަށް އެލައިޑް އިންޝުއަރެންސް އިން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.