ތުރުކީގައި 15 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް ގަތަރުން ބުނެފި
ތުރުކީގައި 15 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް ގަތަރުން ބުނެފި

އަންކަރާ (އޮގަސްޓް 18) - ގަތަރު ވަނީ ތުރުކީގެ ރައްޔިތުންނާ އެކު ކަމަށް ވިދާޅުވެ އެ ގައުމުގެ ފައިނޭންޝަލް މާކެޓާއި ބޭންކިން ދާއިރާގައި 15 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ވިދާޅުވެއްޖެ އެވެ.

ގަތަރުގެ އަމީރު މިހެން ވިދާޅުވި އިރު އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ތުރުކީ ފައިސާގެ އަގު ވެއްޓި، އެ ގައުމުގެ އިގްތިސާދަށް ވަނީ މައްސަލަތައް ދިމާވެފަ އެވެ.

ތުުރުކީ އަށް ވަޑައިގެން ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ބައްދަލު ކުރަައްވައި ޝެއިޚް ތަމީމް ވިދާޅުވީ ރައީސް އުރުދުޣާންއާ ކުރެއްވި މަޝްވަރާތަކަށް ފަހު ތުރުކީގެ އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކަށް ގަތަރުން 15 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ދޭން ނިންމާފައިވާ ކަމަށެވެ.

އުރުދުޣާންގެ ތަރުޖަމާން ވިދާޅުވީ ތުރުކީ އަށް ދަތިހާލެއް މެދުވެރިވެފައިވާ ދަނޑިވަޅެއްގައި ޝެއިޚް ތަމީމް ކުރެއްވި ޒިޔާރަތަކީ ތުރުކީގެ ރައްޔިތުންނާ އެކު ގަތަރު ސަރުކާރު އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

މެދުއިރުމަތީގެ ބައެއް ގައުމުތަކުން ގަތަރާ މިދިޔަ އަހަރު ޖޫން މަހު ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު އެ ގައުމާ ދެކޮޅަށް ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން ތުރުކީން ވަނީ ގަތަރަށް އެހީވެފަ އެވެ.