17 އޯގަސްޓް 2018 - 10:13

މި ފަހަރުގެ އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ގޭމްސް ބާއްވާ ގައުމު އިންޑޮނީޝިއާ އަތުން 6-0 އިން ބަލިވެއްޖެ އެވެ.
އިއްޔެގެ މެޗުގައި އިންޑޮނީޝިއާ އިން ވަނީ ހާފެއްގައި ތިން ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ މުޒްދަލިފާ ޒަހުރާ އާއި މާޔަން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު އެހެން ގޯލްތައް ޖެހީ ސާޑާ ޔެލީނާ އާއި ސާރީ އަރީފިޔާ އެވެ.
ފީފާ އިން އެންމެ ފަހުން އާންމުކުރި ރޭންކިންގައި އަންހެން ފުޓްބޯޅައިގައި އިންޑޮނީޝިއާ އޮތީ 77 ވަނައިގަ އެވެ. ރާއްޖެ އޮތީ 119 ވަނައިގަ އެވެ.
މިއީ އޭޝިއަން ގޭމްސްގައި މިހާތަނަށް ރާއްޖޭގެ އަންހެން ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ނިސްބަތުން ބަލާއިރު އެންމެ ރަނގަޅު ނަތީޖާ އެވެ. މީގެ ހަތަރު އަހަރު ކުރިން ދެކުނު ކޮރެއާގެ އިޗިއޮންގައި އޮތް ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމު ވަނީ ތަފާތު ބޮޑު ނަތީޖާތަކުން ބަލިވެފަ އެވެ. އިންޑިއާ އަތުން 15-0 އިން ބަލިވިއިރު، ތައިލެންޑް އަތުން 10-0 އިން އަދި ކޮރެއާ އަތުން 13-0 އިން ބަލިވި އެވެ.
ގައުމީ އަންހެން ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) މުބާރާތަށް ތައްޔާރުވިއިރު ބުނީ މުބާރާތުގައި ކުޅެން ޖެހެނީ ފެންވަރަށް ބަލާއިރު ވަރަށް ރަނގަޅު ޓީމުތަކާ ދެކޮޅަށް ކަމަށްވާތީ އެންމެ ބޮޑު ޓާގެޓަކީ ރަނގަޅު ކުޅުމެއް ދައްކައި ކޮޅަށް ވަންނަ ގޯލު މަދުކުރުން ކަމަށެވެ.
މި ފަހަރުގެ އޭޝިއަން ގޭމްސް އަކީ އަންނަ ޑިސެމްބަރު މަހު އޮންނަ ސާފް ވިމެންސް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އާތީ ގަބޫލުކުރެ އެވެ. ފަހަކަަށް އައިސް އަންހެން ޓީމުގެ ނަތީޖާތައް އަންނަނީ ރަނގަޅުވަމުންނެވެ. އެންމެ ފަހުން 2016 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގައި އަންހެން ޓީމު ވަނީ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ.
ގޭމްސްގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އާދިއްތަ ދުވަހު ބައްދަލުކުރާނީ ކޮރެއާއާ އެވެ. އަދި ފަހު މެޗުގައި ޗައިނީސް ޓައިޕޭއާ ދެކޮޅަށް ނުކުންނާނީ މި މަހު 21 ވަނަ ދުވަހު އެވެ.
ގައުމީ އަންހެން ޓީމުން ރަސްމީކޮށް މި އަހަރު ކުޅުނީ ވާދަވެރި އެންމެ މެޗެކެވެ. މިދިޔަ މާޗް މަހު ކުޅުނު އެ މެޗުގައި އަންހެން ގައުމީ ޓީމު ވަނީ ސިންގަޕޫރުގައި އެ ގައުމު އަތުން 2-0 އިން ބަލިވެފަ އެވެ.
މިދިޔަ އަހަރު އަންހެން ޓީމަށް ރާއްޖޭގައި ފުޓްބޯޅަ މުބާރާތެއް ކުރިއަށް ނުދެ އެވެ. އެކަމަކު އަންހެން ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ފުޓްސަލް މުބާރާތްތަކުގައި ކުޅޭ ކުޅުންތެރިންނެވެ. މިދިޔަ އަހަރު އެފްއޭއެމުން ވަނީ އަންހެން ފުޓްބޯލް ލީގެއް ބާއްވަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އެކަށީގެންވާ ތަރުހީބެއް ނުލިބުމުން މުބާރާތް ޖެހުނީ ކެންސަލްކުރާށެވެ. އެ މުބާރާތުގައި ބައިވެރިވީ ނިއު ރޭޑިއަންޓުން އެކަންޏެވެ. އެހެން ޓީމުތަކުން ބައިވެރިނުވި އެއް ސަބަބަކީ ވަގުތު ކުޑަތަންވެފައި އޮއްވައި އެފްއޭއެމުން މި މުބާރާތް އިއުލާން ކުރުމެވެ.