22 އޯގަސްޓް 2018 - 07:57

ކަރަން ޖޯހަރް 2008 ގައި ގެނެސްދިން ކާމިޔާބު ފިލްމް "ދޯސްތާނާ" ގެ ދެވަނަ ބަޔާ ބެހޭ ގޮތުން މީޑިއާތަކުގައި މި ދުވަސްކޮޅު ދެކެވޭ ވާހަކަތައް އޭނާ ދޮގުުކޮށްފި އެވެ.
"ދޯސްތާނާ 2" ގެ ކާސްޓަށް ޖާންވީ ކަޕޫރާއި ސިދާތު މަލްއުތުރާ ހަމަޖައްސާފައިވާ ކަމަށް މީޑިއާތަކުން ހަބަރުތައް ފަތުރާތީ ކަރަން ކުރި ޓްވީޓެއްގައި ބުނީ ފިލްމާ ބެހޭ ގޮތުން ދައްކަނީ މުޅިން ވެސް އަސްލެއް ނެތް ވާހަކަ ކަމަށެވެެ.
ނަމަވެސް "ދޯސްތާނާ 2" އާ ބެހޭ އިތުރު އެއްވެސް ވާހަކައެއް ކަރަން ނުދައްކަ އެވެ. މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފިލްމްގެ ޑައިރެކްޓް ކުރާނީ ފުރަތަމަ ބައި ޑައިރެކްޓް ކުރި ތަރުން މަންސުކާނީގެ ބަދަލުގައި އެހެން ޑައިރެކްޓަރެކެވެ.
ނަމަވެސް ކާސްޓަށް ޖާންވީ އާއި ސިދާތު ނަގާފައިވާ ކަމަށް ފެތުރި ހަބަރުތަކާ އެކު މީޑިއާތަކުން ބުނީ "ދޯސްތާނާ 2" ވެސް ޑައިރެކްޓް ކުރާނީ ތަރުން ކަމަށާއި ފިލްމްގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ވެސް ތާވަލުކޮށްފައިވާ ކަމަށެވެ.
ތަރުން މިހާރު އަންނަނީ ކަރަންގެ ދަރްމާ އަށް "ޑްރައިވް" ކިޔާ ފިލްމެއް ޑައިރެކްޓްކޮށް ދެމުންނެވެ. އަންނަ މަހުގެ 7 ގައި ސިނަމާތަކަށް ގެންނާނެ ކަމަށް އިއުލާންކޮށްފައިވާ އެ ފިލްމްގެ ތަރިންނަކީ ޖެކްލިން ފެނަންޑޭޒާއި ސުޝާންތު ސިންގް ރާޖްޕޫތު އެވެ.
"ދޯސްތާނާ 2" ގެ ބަތަލާއަކަށް ޖާންވީ ހަމަޖެއްސި ކަމަށް ހަބަރު ފަތުރާފައިވާ އިރު، ކަރަން ޕްރޮޑިއުސްކޮށް މިދިޔަ މަހު ރިލީޒް ކުރި "ދަޅަކް" އިން ބޮލީވުޑަށް ނެރުނު ބަތަލާ ވަނީ 2020 ގައި ކަރަން ސިނަމާތަކަށް ގެނެސްދޭ ފިލްމް "ތަހުތު" އަށް ސޮއިކޮށްފަ އެވެ.
ސިދާތުއަކީ ކަރަންގެ ސްޓޫޑަންޓް އޮފް ދި އިޔާ (2012) އިން ބޮލީވުޑަށް ނެރުނު އެކްޓަރެކެވެ.
"ދޯސްތާނާ" ގައި ލީޑް ރޯލް ކުޅުނީ ޖޯން އަބްރަހަމް އާއި ޕްރިޔަންކާ ޗޯޕްޅާގެ އިތުރުން އަބީޝެކް ބައްޗަން އެވެ.