ޖިމާއި ޕާސަނަލް ޓްރެއިނަރު ވެސް ގެޔަށް
ޖިމާއި ޕާސަނަލް ޓްރެއިނަރު ވެސް ގެޔަށް

ގަވައިދުން ކަސްރަތުކުރުމަކީ މިހާރު މަޑުމަޑުން ވައިގައި ހިފަން ފަށާފައިވާ ކަމެކެވެ. ދުވުމާއި މޫދު ކަސްރަތާއި ޒުމްބާ ފަދަ ފިޓްނަސް ޕްރޮގްރާމްތަކަށް މިހާރު މީހުން އަންނަނީ ފަރިތަވަމުންނެވެ. އަމިއްލައަށް ފެންނަ ގޮތަކަށް ކަސްރަތުތަކެއް ކުރުމުގެ ބަދަލުގައި ދަންނަ މީހުންގެ އެހީތެރިކަން ހޯދަން ވެސް މިހާރު ގިނަ މީހުން ދަނެއެވެ. އެކަމަކު ގިނަ ބަޔަކު އެއްވެ ކަސްރަތުކުރާ ތަންތަނަށް ދާން ލަދުގަންނަ މީހުން އަބަދުވެސް އުޅޭނެއެވެ.

ޖިމާއި ޕާސަނަލް ޓްރެއިނަރު ވެސް ގެޔަށް
ޖިމާއި ޕާސަނަލް ޓްރެއިނަރު ވެސް ގެޔަށް

އެކަހަލަ މީހުން ކަސްރަތު ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަކީ ވެސް ޓެކްނޮލޮޖީގެ މި ޒަމާނުގައި މާ އުނދަގޫ ކަމެއް ނޫނެވެ. އިންޓަނެޓުންނާއި މޯބައިލްފޯނުގެ އެކި އެޕްތަކުގެ އެހީގައި ކަސްރަތުކުރާ މީހުން ވެސް މަދެއް ނޫނެވެ. ޓޯނަލްއަކީ ވެސް ގިނަ ބައެއްގެ ތެރޭގައި ކަސްރަތުކުރަން ލަދުގަންނަ ނަމަ ހޯދަން ރަގަޅު އެކުވެރިޔެކެވެ. އެކަމަކު މިއީ ހިސާބަކަށް ޖީބަށް ބަރު އާލާތެކެވެ.

ގާތްގަޑަކަށް 3،000 އެމެރިކާ ޑޮލަރުގެ އަގުހުރި ޓޯނަލްއަކީ ހަމައެކަނި ގޭގައި ކަސްރަތުކުރަން ގެންގުޅޭ ޖިމެއް ނޫނެވެ. ބޭނުން ކަސްރަތު ޕްރޮގްރާމެއް އިޚްތިޔާރުކޮށް، ބޭނުން ޕާސަނަލް ޓްރެއިނަރެއްގެ އެހީތެރިކަން ވެސް ވަގުތުން ހޯދައިދޭ އާލާތެކެވެ. ފާރުގައި ބަހައްޓާ ގޮތަށް ފަރުމާކޮށްފައިވާ މި މެޝިންގައި ހުންނަނީ ކޭބަލް ކްރޮސްއޯވަ މެޝިނެއް އަޅުވާފައެވެ. މިއީ ދިގު ވާގަނޑެއްގައި މުއްގަނޑެއް ހަރުކޮށްފައިވާ ކަސްރަތު އާލާތެކެވެ. ކްރޮސްއޯވަރ ކޭބަލްގެ ޖޯޑެއް މީގައި ހިމެނެއެވެ. މިއީ އެތައް ސަތޭކަ ކަސްރަތެއް ކުރެވޭ ޒާތުގެ އާލާތެކެވެ. މި މެޝިނުން ހަށިގަނޑުގެ މައިގަނޑު ހުރިހާ މަސްތަކަކަށް ބޭނުންވާ ކަސްރަތުތައް ކުރެވެއެވެ. އެމީހަކު އިޚުތިޔާރުކުރާ އަދަދަކަށް ކަސްރަތުކުރަންވީއެވެ. އިތުރަށް އެހީއެއް ބޭނުންވާ ނަމަ މި މެޝިންގެ މެދުގައި އަޅުވާފަ ހުންނަ ސްކްރީނުން ފެންނަ ކަސްރަތުތަކާއި ޕާސަނަލް ޓްރެއިނަރުންގެ އެހީ ހޯދޭނެއެވެ.

ޓޯނަލް އުފައްދާފައިވަނީ މީގައި ހިމެނޭ ވީޑިޔޯތައް ބަލަން ފީއެއް ދައްކާ ގޮތަށެވެ. ފީ ދެއްކުމުން ބޭނުން ވީޑިޔޯއެއް އިޚްތިޔާރުކުރެވޭނެއެވެ. ބޭނުން ޕާސަނަލް ޓްރެއިނަރަކާއެކު އެ ޓްރެއިނަރު ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިވެވޭނެއެވެ. ކްރޮސްއޯވަ ކޭބަލްގެ ބަރުދަން އިޚްތިޔާރުކުރުމުގައިވެސް މި މެޝިންގެ އެހީ ލިބޭނެއެވެ. ދިރިހުރި މީހަކު ގާތުގައި ފެންނަން ނެތަސް މެޝިންގައި އަޅުވާފައިވާ ސެންސަރުތަކުން، ކަސްރަތުކުރާ މީހާގެ ބުރުސޫރައާއި ގައިގަ ވަރު ހުރި މިންވަރާ މިފަދަ އެތައް ކަމެއްގެ މައްޗަށް ހޯދާ މައުލޫމާތަށް ރިއާޔަތްކޮށްގެން އެމީހަކު ބަރުކުރަންވީ މިންވަރު މެޝިނުން އަންގައިދޭނެއެވެ. މާ ބަރު ވިޔަސް، މާ ލުއި ވިޔަސް ދެން ހަދަންވީ ގޮތުގެ އިރުޝާދު ދޭނެއެވެ. އެއްގޮތަކަށްވެސް އެކަނި ކަސްރަތުކުރަން ދޫކޮށެއް ނުލާނެއެވެ.

ކުރާ ހުރިހާ ކަސްރަތެއްގެ ހުރިހާ ތަކުރާރުކުރުންތަކެއް މި މެޝިނުން ދާނީ ރިކޯޑުކޮށް ރައްކާކުރަމުންނެވެ. ތިމާއަށް އަންނަ ކުރިއެރުން ވަޒަންކުރާނީ މި މައުލޫމާތުތަކަށް ބިނާކޮށެވެ. އަދި ތިމާގެ ހަށިގަނޑަށް ގެންނަން ބޭނުންވާ ބަދަލަކަށް ބަލައިގެން އިޚްތިޔާރުކުރަންވީ ޕްރޮގްރާމްތައް މި މެޝިނުން ބުނެދޭނެއެވެ. ހަށިގަނޑު ލުއިކުރަން ބޭނުންވިޔަސް، މަސްޖަހާލަން ބޭނުންވިޔަސް، ނުވަތަ ގައިގެ ބާރު ގަދަކުރަން ބޭނުންވިޔަސް، އެމީހެއްގެ ލަނޑުދަނޑިއަށް ވާސިލްވާން ބޭނުންވާ ޕްރޮގްރާމް، ޓޯނަލް މެޝިނުން ކިޔައިދޭނެއެވެ.