22 އޯގަސްޓް 2018 - 14:21

މަދިޔަ ޕްރަދޭޝް (އޮގަސްޓް 22) - އުމުރުން 8 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި ދެ މީހުން މަރަން އިންޑިއާގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.
މިއީ ކުޑަ ކުދިން ރޭޕް ކުރާ މީހުން މަރަން އިންޑިއާގެ ކެބިނެޓުން އެޕްރީލް މަހު ނިންމި ފަހުން އެފަދަ މައްސަލައެއްގައި މަރުގެ ހުކުމް އިއްވި ފުރަތަމަ ފަހަރެވެ. މަދިޔަ ޕްރަދޭޝްގައި ކުޑަ ކުއްޖާ ރޭޕްކޮށްފައި ވަނީ މީގެ ދެ މަސް ކުރިންނެވެ. އެ ކުއްޖާ އަށް އަދިވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ކުއްޖާގެ ހާލު ސީރިއަސް އެވެ.
ކުއްޖާ ރޭޕްކުރި މީހުން އެ ކުއްޖާ ވަގަށް ނެގީ ސްކޫލް ނިމުނު ގަޑީގަ އެވެ. ކުއްޖާ ބައްޕަ އެ ކުއްޖާ ބަލައި ދިއުމުގެ ކުރިން ރޭޕިސްޓުން ވަނީ ކުއްޖާ ވަގަށް ނަގައިގެން ދުރު ހިސާބަކަށް ގެންގޮސްފަ އެވެ. އެ މީހުން ވަނީ އެ ކުއްޖާ ރޭޕްކުރުމަށް ފަހު ކަރުގައި ވަޅި އަޅައި މަރުވާން ދޫކޮށްލައިފަ އެވެ. އެކަމަކު ކޮންމެވެސް ބަޔަކަށް އެ ކުއްޖާ ފެނުނު އިރު މަރެއް ނުވެ އެވެ. އެ މީހުން ވަނީ އެ ކުއްޖާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މަރުގެ ހުކުމް އިއްވި ދެ މީހުންގެ އުމުރަކީ 20 އާއި 24 އަހަރެވެ.
ކުޑަ ކުއްޖެއްގެ ރޭޕުގެ މައްސަލައެއްގައި އިންޑިއާ އިން އެންމެ ފަހުން މަރުގެ ހުކުމް އިއްވާފައި ވަނީ މީގެ 14 އަހަރު ކުރިން ކޮލްކަތާގަ އެވެ.