ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި އަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ރާނީ މުކަރްޖީގެ "ހިޗްކީ" އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. އުކުނޑިކޮށްޓާ މައްސަލަ ހުންނަ ޓީޗަރެއްގެ ރޯލް ރާނީ ކުޅުނު އެ ފިލްމުން އޭނާ އަށް ވަނީ ދާދި ފަހުން އޮސްޓްރޭލިއާގައި ނިންމައިލި އިންޑިއަން ފިލްމް ފެސްޓިވަލް އޮފް މެލްބަންގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ލިބިފަ އެވެ.

ޗައިނާގެ ޝަންހާއީ އިންޓަނެޝަނަލް ފިލްމް ފެސްޓިވަލްގައި ޕްރިމިއާ ކުރި "ހިޗްކީ" ރަޝިއާގައި ވެސް ވަނ ދައްކައިފަ އެވެ.

ރަޝިއާ ބަހުން އަޑު އަޅައިގެން އެ ގައުމުގައި ދެއްކުމަށް ފަހު، "ހިޗްކީ" މިހާރު މިސްރާބު ޖަހައިގައި ވަނީ ކަޒަކަސްތާނަށެވެ. އެ ގައުމުގައި ފިލްމް އަޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 20 ގަ އެވެ. މަޝްހޫރު ފިލްމް ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި ކަޒަކަސްތާންގެ 15 ސިނަމާއެއްގައި "ހިޗްކީ" ދައްކާނެ އެވެ.

މި ފިލްމަކީ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމް ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، ސިދާތު ޕީ މަލްއުތުރާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

އަންނަ އޮކްޓޯބަރު މަހު ރިލީޒް ކުރަން އިއުލާންކޮށްފައި އޮތް ލަވް ރަންޖަންގެ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރް ދޭ" އަންނަ އަހަރަށް ފަސްކޮށްފި އެވެ. ތަރަން ކުރި ޓްވީޓެއްގައި ބުނީ އެ ފިލްމް ސިނަމާތަކަށް ގެންނަން މިހާރު ނިންމާފައި ވަނީ ފެބްރުއަރީ، 22، 2019 ގައި ކަމަށެވެ.

އެ ތާރީހަކީ ކަންގަނާ ރަނާވަތާއި ރާޖްކުމާރް ރާއޯގެ "މެންޓަލް ހޭ ކިޔާ" ވެސް ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ތާރީހެވެ.

އާކިވް އަލީ ޑައިރެކްޓްކޮށްފައިވާ "ދޭ ދޭ ޕިޔާރް ދޭ" ގައި އަޖޭއާ އެކު ފެނިގެން ދާނީ ތައްބޫ އާއި ރަކޫލް ޕްރީތު އެވެ.

މި މަހުގެ 31 ގައި ރިލީޒް ކުރާ ހޮރޯ/ކޮމެޑީ "ސްޓްރީ" އަށް ކިރިތީ ސެނަން އައިޓަމް ލަވައެއް ކުޅެފި އެވެ.

ވަރަށް ތަފާތު އަދި މަޖާ ގޮތަކަށް ޝޫޓްކޮށްފައިވާ ލަވައިގައި ކިރިތީ އިންސާނެއްގެ ކަށިގަނޑަކާ އެކު ޑޭޓަކަށް ދާ ތަން ވެސް ދައްކުވައި ދެ އެވެ. އަދި "އާއޯ ކަބީ ހަވޭލީ ޕޭ" ގައި ކިރިތީއާ އެކު، އޭގެ މިއުޒިކް ހެދި ބާދްޝާ ވެސް ފެނިގެން ދެ އެވެ.

މި ލަވައަކީ ފިލްމަކަށް ކިރިތީ ކުޅުނު ފުރަތަމަ އައިޓަމް ލަވަ އެވެ. "ސްޓްރީ" ގެ ތަރިންނަކީ ރާޖްކުމާރް ރާއޯ އާއި ޝްރަދާ ކަޕޫރެވެ. ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށްފައިވާ ފިލްމްގެ ޑައިރެކްޓަރަކީ އަމަރް ކޯޝިކް އެވެ.

"ސްޓްރީ" ގެ އައިޓަމް ލަވައެއް ނޯރާ ފަތެހީ ވެސް ކުޅެފައިވެ އެވެ. މިހާރު ދައްކައި ވެސް ލައިފައިވާ އެ ލަވައިގެ ނަމަކީ "ކަމަރިޔާ" އެވެ.

ނާދިރު ބައްޔަކަށް ލަންޑަނުގައި މިހާރު ފަރުވާ ހޯދަމުން އަންނަ އިރްފާން ހާން "ހިންދީ މީޑިއަމް" ގެ ދެވަނަ ބަޔަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ޑީއެންއޭ އިން ބުނި ގޮތުގައި އެ ފިލްމް ގެނެސްދޭ ޓީމްގެ ބައެއް މެމްބަރުން ވަނީ އިރްފާނާ ބައްދަލު ކުރަން ލަންޑަނަށް ގޮސްފަ އެވެ.

"ހިންދީ މީޑިއަމް 2" އަށް އިރްފާން ސޮއިކޮށްފައިވާ ކަމަށް އަޑުތައް ފެތުރިފައި މި ވަނީ އޭނާ މަސައްކަތް ފަށާފައި އޮތް އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ގޯމިންޓް" ވެސް ދޫކޮށްލައި، ކުރިން ފަށަން ނިންމާފައި އޮތް ވިޝާލް ބަދަރްވާޖް ޕްރޮޑިއުސް ކުރާ ފިލްމެއް ވެސް މަޑުޖައްސާލައިފައި ވަނިކޮށެވެ.

މިދިޔަ އަހަރު ރިލީޒް ކުރި "ހިންދީ މީޑިއަމް" ކުޅެގެން އިރްފާނަށް މި އަހަރުގެ އައިފާ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުގެ މަގާމު ވެސް ލިބިފައިވެ އެވެ. ސަކެޓް ޗައުދަރީ ލިޔެ، ޑައިރެކްޓް ކުރި ފިލްމްގެ ބަތަލާއަކީ ޕާކިސްތާންގެ ބަތަލާ ސަބާ ގަމަރް އެވެ.