ބްރާވޯ އަށް އަނިޔާވެ، ސިޓީން މުރިޗް އަނބުރާ ގެނެސްފި
ބްރާވޯ އަށް އަނިޔާވެ، ސިޓީން މުރިޗް އަނބުރާ ގެނެސްފި

މެންޗެސްޓާ (އޮގަސްޓް 23) – މެންޗެސްޓާ ސިޓީގެ ބަދަލު ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ އަށް އަނިޔާވުމުން އެ ޓީމުން، ނެދަލެންޑްސްގެ އެންއޭސީ ބްރެޑާ އަށް ލޯން އުސޫލުން ދޫކޮށްފައި ހުރި އަރޯ މުރިޗް އަނބުރާ ގެނެސްފި އެވެ.

ޗިލީ ގައުމީ ޓީމަށް ކުޅޭ ބްރާވޯގެ ފަޔަށް އަނިޔާވީ ޕްރެކްޓިހުގައި އުޅެނިކޮށް ހޯމަ ދުވަހު އެވެ. ފަލަމަސްފަނޑާ ފައިތިލައިގެ ކަށިތައް ގުޅުވައިދޭ އާޗިލެސް އަށް ލިބުނު އަނިޔާގެ ތަފްސީލް ބެލުމަށް އޭނާ ބާސެލޯނާ އަށް މިއަދު ފުރާނެ އެވެ. ބެލެވޭ ގޮތުގައި ފަސް ވަރަކަށް މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.

ބްރާވޯ އަށް އަނިޔާވުމާ އެކު، އެއް ވަނަ ކީޕަރު ބްރެޒިލްގެ އެޑަސަންގެ ބަދަލުގައި ހުންނާނީ އެކަޑަމީން ޕްރޮމޯޓްވި 20 އަހަރުގެ ޑެނިއަލް ގްރިމްޝޯ އެވެ. އެހެންވެ އެ ޓީމުން އުމުރުން 19 އަހަރުގެ މުރިޗްގެ ލޯން ކެންސަލްކޮށް އަނބުރާ ގެންނަން ނިންމީ އެވެ. އޭނާ މިއަދު އައިސް، ހޮނިހިރު ދުވަހު ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޓީމާ އެކު ތަމްރީން ހަދާނެ އެވެ.

މުރިޗް އަކީ 2015 ވަނަ އަހަރު ސްވިޒަލެންޑުގެ ގްރާސްހޮޕާސް އިން ސިޓީއާ ގުޅުނު ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި އޭނާ ހުރީ ތިން ވަނަ ކީޕަރަކަށެވެ. އޭނާ ވަނީ މި ސީޒަނުގައި ނެދަލެންޑްސް ލީގުގައި ހޮނިހިރު ދުވަހު ޑި ގްރާފްޗަޕް އަތުން 3-0 އިން އެންއޭސީ މޮޅުވި މެޗުގައި ކުޅެފަ އެވެ.

ސިޓީގެ އެހެން ކީޕަރުންގެ ތެރެއިން އިނގިރޭސި 21 އަހަރުން ދަށުގެ ކީޕަރު އެންގަސް ގުން ސައުތުހެމްޓަނަށް ވިއްކާލިއިރު ކުރީގެ އެއް ވަނަ ކީޕަރު ޖޯ ހާޓް ވަނީ ބާންލީ އަށް ވިއްކާލައިފަ އެވެ.