23 އޯގަސްޓް 2018 - 15:16

އަންނަ މަހު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ ކަންތައްތައް ހުރިގޮތުން އެ އިންތިޚާބުގެ ސައްހަކަން ގެއްލިފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
ރިޔާސީ އިންތިޚާބުގެ ރީ-ރަޖިސްޓްރޭޝަނާ ގުޅޭ ބޮޑެތި ކަންބޮޑުވުންތަކާއެކު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފާ ބައްދަލުކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން، ކުރީގެ ހައުސިން މިނިސްޓަރު އަދި ހުވަދު އަތޮޅުގައި އެމްޑީޕީގެ ކަންތައްތައް ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުހައްމަދު އަސްލަމް ވިދާޅުވީ، އިންތިޚާބަށް މަހަކަށް ވެފައިވާއިރު ބޮޑެތި ކަންބޮޑުވުންތަކަށް އަދި ވެސް ހައްލެއް ނުލިބޭ ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ސީރިއަސްކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ އިލެކްޝަންސްގެ ޑޭޓާތައް، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީހަށް ލިބުންކަން އޭނާ ފާހަގަކުރެއްވި އެވެ.
އިިދިކޮޅު ކޯލިޝަނުން އީސީގެ ރައީސް ޝަރީފާ މިއަދު ބައްދަލުކުރެއްވީ ރީ-ރަޖިސްޓްރޭޝަނާ ގުޅޭ މައްސަލަތަކުގެ ހެކިތަކާއެކުގަ އެވެ. އެގޮތުން ރީ-ރަޖިސްޓްރީވާން ސްރީލަންކާ އިން ގެނައި 800 ފޯމްގެ މައުލޫމާތުތައް ވެރިކަން ކުރާ ޕާޓީ އަށް ލިބިފައިވާކަމުގެ ތުހުމަތު ކުރެއްވި އެވެ. އެ ފޯމްތަކުގައި ޖަހާފައިވަނީ ތިނަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ގަސަމްގެ މޯބައިލް ނަމްބަރު ކަމަށާއި ރެއިން ފެށިގެން ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ކަމަށް ބުނެ ވަރަށް ގިނަ ފޯން ކޯލްތައް ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުން ފެށުމަށް ތައްޔާރުވަމުން ދިޔައިރު ވެސް، ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ކަމަށް ބުނެ ދެ ފޯން ކޯލެއް ގަސަމަށް ލިބުނެވެ. އެ އޮފީހުން ވާހަކަދެއްކި މީހާ އެދުނީ، ނަން ބުނުމަށްފަހު އެ މީހާ ރީ-ރަޖިސްޓްރީ ވެފައިވަނީ ސައްހަ ތަނުގައިތޯ ބެލުމަށެވެ. އެއީ ސީދާ އިލެކްޝަންސް އަށް ހުށަހެޅި ފޯމްތަކެއް ކަމަށް ވުމުން އެ ފޯމްތަކުގެ މައުލޫމާތު ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަށް ލިބުނު ގޮތުގެ މައުލޫމާތު ސާފުކޮށްދޭން އީސީގައި ވަނީ އެދިވަޑައިގެންފަ އެވެ.
ޝަރީފާ ބައްދަލުކުރައްވަމުން ގެންދަވަނިކޮށް ވެސް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ކަމަށް ބުނެ ގުޅި ކަމަށާއި އެ ފޯން ކޯލް ޝަރީފަށް އަޑުއިއްވާފައިވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"ލަންކާ އިން ގެނައި ފޯމްތަކެއްގައި ޖަހާފައި ހުންނާނީ އެ ގައުމުން ގުޅޭނެ ނަމްބަރު. އެކަމަކު އިލެކްޝަންސް އަށް ފޯމްތައް ގެނައީމަ އެދިވަޑައިގަތީ ރާއްޖެއިން އެމީހާއާ ގުޅޭ މައުލޫމާތު ދެވޭނެ މީހެއްގެ ނަމްބަރެއް ޖަަހާލަން. އެހެންވީމަ އަޅުގަނޑުމެން މެދުވެރިކޮށް އެ ފޯމްތައް ގެނައި ގަސަމް. ގަސަމްގެ ނަމްބަރު އެ ފޯމްތަކުގައި ޖަހާފައި ހުންނާނީ ރާއްޖެއިން ގުޅޭނެ ނަމްބަރެއްގެ ގޮތުގައި..ގަސަމް އަށް ގުޅާފައި މި އަހަނީ މިވެނި މީހަކު މިވެނި ތަނަކަށް ރަޖިސްޓްރީވެފައިވަނީ ރަނގަޅަށްތޯ. މި ދެންނެވި މައުލޫމާތުތަކަކީ އިލެކްޝަންސް ކޮމިޝަން ފިޔަވައި އެހެން ތަނަކަށް ލިބެން ހުންނާނެ މައުލޫމާތުތަކެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.
"...ރައީސް ޔާމީން ކެމްޕެއިން އޮފީހުން ގަސަމް އަށް އެ ފޯމްތަކާ ގުޅޭ ގޮތުން ގުޅުން އެއީ އަޅުގަނޑުމެންނަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއްޖެ ކަމެއް އިލެކްޝަންސް އަށް އަޅުގަނޑުމެން ހުށަހަޅާފައި ހުރި މައުލޫމާތާއި އަދި އިލެކްޝަންސްގައި ހުރި ހުރިހާ ޑޭޓާއެއް، ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަށް އެނގޭކަން،"
އަސްލަމް ވިދާޅުވީ އިންތިޚާބަކީ މައުލޫމާތުތަކަށް ބިނާކޮށްގެން ބާއްވާ އެއްޗަކަށް ވާއިރު، އެފަދަ މައުލޫމާތުތައް ވެރިކަންކުރާ ޕާޓީ އަށް ލިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންވެ އެކަންކަމަށް ބަލާއިރު އިންތިޚާބު ސައްހަވާނެ އެއްވެސް ގޮތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް ނުފެނޭ، ގަބޫލެއް ނުކުރަން އަދި ނުވެސް ކުރެވޭނެ ފުރިހަމަ ތަހުގީގެއް ހިންގައި މިކަން ކުރި ބަޔަކު ރަނގަޅަށް ސާފުކޮށްދީ، މިކަމުގައި އަޅުގަނޑުމެންނަށް ވާނުވާ އެނގި، މިކަމުގައި އަދަބު ލިބެންޖެހޭ ބަޔަކަށް އަދަބު ލިބިގެން ނޫނީ މި އިންތިޚާބު ސައްހަވާނެ ކަމަކަށް އަޅުގަނޑުމެން ކުޑަކޮށް ވެސް ގަބޫލެއް ނުކުރަން. އިންތިޚާބުގެ ސައްހަކަން ގެއްލިއްޖެ. އިންތިޚާބުގެ މައުލޫމާތުތަކަކީ އިލެކްޝަންސްގެ އަތުގައި ހުންނަންޖެހޭ މައުލޫމާތުތަކެއް. އެ މައުލޫމާތުތައް އެހެން ބަޔަކަށް ލިބިއްޖެނަމަ އިންތިޚާބުގެ ސައްހަކަމެއް ނޯންނާނެ،" އަސްލަމް ވިދާޅުވި އެވެ.
އިންތިޚާބަށް ކުޑަތަންވަމުން ދާއިރު ވެސް ރީ-ރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމްތަކުގެ މައުލޫމާތު ނުދޭތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.
އެމްޑީޕީގެ ޗެއާޕާސާންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް ކުރަމުން ދާއިރު އެކަމަށް އީސީން ޖަވާބެއް ދޭން ޖެހޭނެ ކަމަށެވެ. އެކަމަށް ސާފު ޖަވާބެއް ނުދޭނަމަ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ގެންގުޅެނީ އީސީގެ ޑޭޓާ ކަމަށް ނިންމަންޖެހޭނެ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވެސް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް ކުރަމުން ދާއިރު އެ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން ޖެހޭނެ ކަމަށެވެ. އެގޮތުން އެކަމާ ގުޅުންހުރި މުވައްޒަފުން މަސައްކަތުން އެކަހެރިކޮށް ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ބެލުމަށް ވަނީ އެދިވަޑައިގެންފަ އެވެ،