23 އޯގަސްޓް 2018 - 14:56

"އަޅުގަނޑު މޫނުގައި ކުލަ އެބަ ހުރިތޯ."

މިއީ ރ. ހުޅުއްފާރަށް ވަޑައިގެން އިބޫ އެންމެ ފުރަތަމަ ވެސް ވިދާޅުވި ވާހަކަ އެވެ.

އާންމު ގޮތެއްގައި މަޑުމައިތިރި، ސީރިއަސް ގޮތެއް ހުންނަ އިބޫ ހުޅުދުއްފާރަށް ވަޑައިގަތުމުން އެ ރަށުގެ އަންހެން ވެރިން އޭނާ އަށް ދެންނެވީ އީދުގެ ކުލަ މަރުހަބާއެކެވެ. ވާހަކަ ދެއްކުމަށް ޕޯޑިއަމަށް ވަޑައިގެންނެވި އިރު ވެސް އިބޫ މޫނުމަތީގައި ހުރީ ރީނދޫ ކުލަ އެވެ.

ރަށަށް އަރައިވަޑައިގެންނެވި އިރު އިބޫ ހުންނެވީ ކުލައިގެ ހަމަލައަކަށް ތައްޔާރުވެގެން ނޫން ކަމަށް ފެނެ އެވެ. ނަމަވެ އިބޫ އަށް ވެސް ޖެހިވަޑައިގަތީ ކުލައިގެ ފޯރިއަށް އަމާން ދެއްވާށެވެ.
ރ. އަތޮޅުގެ ތިން ރަށަކަށް އިބޫ މިއަދު ވަޑައިގެންފައިވާއިރު ކޮންމެ ރަށަކުން މިއަދު އިބޫ އަށް ދެންނެވީ ތަފާތު މަރުހަބާއެކެވެ. އީދުގެ އުފަލުގައި ކުލަ ޖެހުމުގެ ހަރަކާތްތައް ރަށްތަކުގައި ކުރިއަށް ދާއިރު އިބޫ އަށް ވެސް "ކުލަތުގެ ހަމަލާއިން" ސަލަމާތެއް ނުވެ ވުނެވެ.
ވަރަށް މަޑު ނޫ ކުލަ، ހުދު ކުލަ އަދި ވަރަށް މަޑު ރީނދޫ ކުލައިގެ ގަމީސް ތުރުކުރައްވާ އިބޫގެ ގަމީސް މިއަދު ހުރީ އެހާ މަޑު ކުލައެއްގައެއް ނޫނެވެ.
"އެއްވެސް މީހަކަށް މި ރަށުން ސަލާމަތެއް ނުވެވޭނެ. މި ރަށަށް ބީރައްޓެއްސެއް އެރިޔަސް ކުލަ ކޮޅެއް މޫނުގައި އުނގުޅިފައި ހުންނާނީ،" މި އަތޮޅު ރަސްގަތީމުގައި ކުލަ ޖަހަން އުޅުނު އަންހެނަކު ބުންޏެވެ.
ތެދެކެވެ. އިބޫގެ ކެމްޕެއިން ޓީމުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގައިގައި ވެސް ހުރީ ކުލަ އެވެ. އިބޫގެ ހަބަރުތައް ލައިވް ކުރަން ކެމެރާތައް ކުރިމައްޗަށް އަރަން ތައްޔާރުވެ ތިބި ނިއުސްކާސްޓަރުންގެ މޫނު މަތީގައި ވެސް މިއަދު ހުރީ ހުސް ކުލަ އެވެ.
އީދު ކުލައިގެ ކުޅިވަރުތައް އިބޫ ވެސް ބަލައިގެންނެވީ އުފަލުންނެވެ.
"އަޅުގަނޑު ކުރިމަތިން ފެންނަ މަންޒަރުން. ވަރަށް އުފާވެރި މަންޒަރެއް މިއީ،" ހިނިފުޅުވަޑުވަމުން ރަސްގަތީމުގައި އިބޫ ވިދާޅުވި އެވެ.
މި ރަށުގައި އިބޫ އަށް ވާހަކަ ދެއްކެވުމަށް ވެސް އުނދަގޫވި އެވެ. ހިނިފުޅުވެޑުވޭތީ އެވެ. އެންމެން ވެސް ތިބީ އުފަލުންނެވެ. ކެމްޕެއިން ދަތުރެއްގެ ސީރިއަސްކަން ފެނުނު ނަމަވެސް އެންމެންގެ މޫނު މަތިން ވެސް ފެންނަނީ ހިނިތުންވުމެވެ. އަދި ކުލައިގެ ހަމަލާއެއް އަރައިފަ ހުރި ކަމުގެ ނިޝާނެވެ.
"މިއީ އަޅުގަނޑުމެން ދެކެން ބޭނުންވާ އުފާވެރި މަންޒަރަކީ. މިއީ އަޅުގަނޑުމެން ދެކެން ބޭނުންވާ ޖަޒީރާވަންތަ އުފާވެރި ދިރިއުޅުމަކީ. އަބަދު ބިރުވެރިކަމެއްގައި އުޅޭކަށް އެކަކު ވެސް ބޭނުމެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.