ލަންކާގެ 100 ޓައުނެއްގައި ސިނގިރޭޓް ވިއްކުން ހުއްޓާލައިފި
ލަންކާގެ 100 ޓައުނެއްގައި ސިނގިރޭޓް ވިއްކުން ހުއްޓާލައިފި

ކޮލަމްބޯ (އޮގަސްޓް 24) - ސްރީ ލަންކާ އަކީ ދުންފަތުގެ އިސްތިއުމާލް ނުކުރާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން 100 އަށް ވުރެ ގިނަ ޓައުނުގައި ސިނގިރޭޓް ވިއްކުން ހުއްޓާލާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ ދުންފަތުގެ އިސްތިއުމާލް ކުރުމުން ލިބޭ ގެއްލުންތަކާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުވަން ޕަބްލިކް ހެލްތު އިންސްޕެކްޓާސް ޔޫނިއަން އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ޓައުންތަކުގެ ވަރަށް ގިނަ ފިހާރަތަކުން ވަނީ ސިނގިރޭޓް ވިއްކުން ހުއްޓާލާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ސިނގިރޭޓް ވިއްކުން ހުއްޓާލި ޓައުންތަކުގެ ތެރޭގައި ޖަފްނާގެ 22 ޓައުނަކާއި މަޓާރާގެ 17 ޓައުނެއް އަދި ކުރްނެގަލަގެ 16 ޓައުނެއް ހިމެނެ އެވެ.

ހެލްތު މިނިސްޓަރު ރަޖީތާ ސެނަރަތުނަ ވިދާޅުވެފައި ވަނީ ސިނގިރޭޓް ވިއްކުން ހުއްޓާލާ ޓައުންތަކުގެ އަދަދު އަންނަ އަހަރު 200 އަށް އަރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ދުންފަތާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ދަށުން ލަންކާ އިން ދާދި ފަހުން ވަނީ ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށްފަ އެވެ. އަދި ސިނގިރޭޓް ފޮށީގެ 80 ޕަސެންޓް ބޮޑު މިނުގައި އިންޒާރުގެ ލިޔުން ޖަހަން ޖެހޭ ގޮތަށް ހަމަޖައްސައި ސްކޫލްތަކާ 100 މީޓަރުގެ ރޭޑިއަސްއެއްގައި ސިނގިރޭޓް ބުއިން ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ސަރުކާރުގެ އިމާރާތްތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރުން ވަނީ މަނާކޮށްފައެވެ.