24 އޯގަސްޓް 2018 - 02:24

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް، ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރި މީހުންގެ ތެރެއިން މައުލޫމާތުގެ ސައްހަ ކަން ކަށަވަރު ނުވާތީ ބާތިލްކުރި 5،626 ފޯމު ރައްދުވާ މީހުންގެ ނަންތައް އިލެކްޝަންސް ކޮމިޝަން (އީސީ) ން މިރޭ އާންމުކޮށްފި އެވެ.
ފޯމުގައިވާ މައުލޫމާތު ސައްހަ ނުވި 5،000 އަށް ވުރެ ގިނަ މީހުން އަލުން ރީ-ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލައި އަދި އެ މީހުންގެ އައިޑީކާޑުގެ ނަމްބަރު ހިމެނޭ ގޮތަށް ނަމާއި އެޑްރެސް ހިމެނޭ ލިސްޓެއް އީސީގެ ވެބްސައިޓުގައި މިރޭ ވަނީ އާންމުކޮށްފަ އެވެ. އަދި އެ ލިސްޓު ސިޔާސީ ޕާޓީތަކަށް ވެސް ފޮނުވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަންގެ އިއުލާންގައިވާ ގޮތުން، ބާތިލްކުރި ފޯމުތައް ރައްދުވާ މީހުން އަލުން ރީ-ރަޖިސްޓަރީ ވުމަށްޓަކައި ވަނީ ތިން ދުވަހުގެ ފުރުސަތެއް ދީފަ އެވެ. އެއީ އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. ފޯމު ދޫކުރުމާއި ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ. މާލޭގައި ނަމަ ފޯމު ބަލައިގަންނާނީ އިންތިޚާބާ ބެހޭ މައި މަރުކަޒު (ބާ ޖަމާލުއްދީން ސްކޫލް) އަށެވެ. ރަށްރަށުގައި ނަމަ ފޯމު ދޫކުރުމާއި ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލްތަކަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވެފައިވާ ގޮތުން، ބާތިލްވި ފޯމުތަކުގައި މައިގަނޑު ގޮތެއްގައި އުޅެނީ އިނގިލީގެ ނިޝާން ސާފުނުވުމުގެ މައްސަލަ އެވެ. އޭގެ ތެރޭގައި، ފިންގަޕްރިންޓު ކަށަވަރު ކުރަން ފުލުހަށް ހުުށަހެޅި ފޯމުތައް ވެސް ހިމެނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފޯމު ބާތިލްވި މީހުންނަށް މިރެއިން ފެށިގެން މެސެޖަކުން އެކަން އަންގަމުންދާނެ އެވެ.