26 އޯގަސްޓް 2018 - 12:39

ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރީ-ރަޖިސްޓަރީ ކުރި މީހުންގެ ތެރެއިން 5،000 އަށް ވުރެ ގިނަ މީހުންގެ ފޯމު ބާތިލްކުރި ގޮތުންނާއި ރަޖިސްްޓްރީ ވީ މީހުންގެ ލިސްޓު އާއްމު ނުކޮށްގެން ހިތްހަމަނުޖެހި، އިލެކްޝަންސަށް ކޮމިޝަނަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.
އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް 95،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީވާން ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 5،626 ފޯމު ވަނީ ބާތިލްކޮށްފަ އެވެ. ބައެއް މީހުންގެ ފޯމު ބާތިލްކުރީ، ވޯޓުލާން ރީ-ރަޖިސްޓްރީ ވެއްޖެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން މެސެޖް ވެސް ފޮނުވުމަށް ފަހު އެވެ. އަނެއް ބައެއްގެ ކަންބޮޑުވުމަކީ ފޯމުތައް، ބާތިލްކުރި ސަބަބު، ސާފުކޮށް އިލެކްޝަންސުން ކިޔައި ނުދިނުމެވެ. އެހެންކަމުން، އަލުން ފޯމު ހުށަހަޅާއިރު އިސްލާހު ކުރަންވީ ކޮން ކަމެއް ކަން ވެސް ނޭނގޭ ކަމަށް އެމީހުން ބުނެ އެވެ.
ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު މި މަހު 11 އަށް ވަނީ ހަމަވެފަ އެވެ. އޭގެ ފަހުން، ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސް ވީ އިރު ވެސް، ރީ ރަޖިސްޓްރީވީ ސައްހަ އަދަދާ އެކު ލިސްޓު އާއްމު ނުކޮށްގެން ވެސް އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ލިސްޓު އާއްމުނުކޮށް ލަސްވާ ސަބަބާ މެދު ސުވާލު އުފައްދާ އެއް ބަޔަކު ދެކޭ ގޮތުގައި، ރީ-ރަޖިސްޓްރޭޝަންގައި އިލެކްޝަންސުން ވަނީ "މަކަރު ހަދައި، އޮޅުވާލައިފަ" އެވެ.
ވޯޓާސް ލިސްޓު އާއްމުކުރަން ވެސް އިދިކޮޅު ޕާޓީތަކުން އަންނަނީ ގޮވާލަމުންނެވެ. ލިސްޓު ލަސްވާ މައްސަލަ އާއި ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓު އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އެ މައްސަލަތަކާ ގުޅިގެން ކޯޓަށް ދާން، ވިސްނަމުން އަންނަ ކަމަށް ވެސް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވަނީ ބުނެފަ އެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ މައުލޫމާތު ސައްހަނުވާ ކަމަށް ބުނެ ގިނަ އަދަދެއްގެ ފޯމުތައް ބާތިލްކުރިއިރު، ސީދާ ސަބަބު ނުބުނުމަކީ މައްސަލައެއް ކަމަށެވެ. އެހެންވެ، އާ ފޯމަކުން މިއަދު ރަޖިސްޓްރީވާން ހުޅުވާލިއަސް، ފޯމުގައި ރަނގަޅު ކުރަންވީ ކޮން ކަންތައްތަކެއްކަން ސާފުނުވާ ކަމަށް ވިދާޅުވި އެވެ.
"ދެން މި ވިދާޅުވަނީ، ފިންގާ ޕްރިންޓު ވެރިފައި ނުވެގެންނޭ. ބޮޑުވާ ބިއްލޫރި އަޅައިގެން ފޯމުތައް ފުލުހުން ބެލިއަސް އެ ގާބިލްކަމެއް ހުރި ކަމަކަށް ގަބޫލެއް ނުކުރެވޭ. އެކަކު ފަސް ފަހަރު، އިނގިލީގެ ނިޝާން ޖަހާފައި ހުށަހެޅުމުން ވެސް ވެރިފައި ނުވެގެން ފޯމު ބާތިލްކޮށްފައި އެބަހުރި،" ޝިފާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެހާ ގިނަ އަދަދެއްގެ ފޯމު ބާތިލްކުރި ހަގީގީ ސަބަބު އޮޅުންފިލުވައިދީ، އެ އެންމެންނަށް ވޯޓު ލުމުގެ ހައްގު ކަށަވަރުކޮށްދޭން ޖެހެ އެވެ.
އެކަމަކު އިދިކޮޅުގެ މި ތުހުމަތުތައް އިލެކްޝަންސުން ދޮގުކުރެ އެވެ.
އެ ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން، ބާތިލްކުރީ އިނގިލީގެ ނިޝާން ސައްހަ ނޫން ފޯމުތަކާއި ގަސްތުގައި އޮޅުވާލައިގެން ހުށަހަޅާފައިވާ ފޯމުތައް ކަމަށެވެ.
"ސައްހަ ނޫން ފޯމުތަކެއް، އަދި ބައެއް ފޯމުތަކުގައި އެބަހުރި އިނގިލީގެ ނިޝާން ކެހިފައި. މިހެން ހުރި ފޯމުތަކެއް ބާތިލްކުރީ،" އަކްރަމް ވިދާޅުވި އެވެ.
އާ ފޯމަކުން، ރީ-ރަޖިސްޓްރީވާން ހުށަހެޅުމުގެ މުއްދަތު މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
އަކުރަމް ވިދާޅުވި ގޮތުގައި ބައެއް ރިސޯޓުތަކުގައި ވެސް ވޯޓު ފޮށި ނުބަހައްޓަން ނިންމީ، ގާނޫނުގައި ބުނާ އަދަދު ހަމަނުވާތީ އެވެ. އެ ކޮމިޝަނުން ނިންމާފައި ވަނީ 100 މީހުން ހަމަނުވާ ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓާށެވެ.
"އެ ފަރާތްތަކަށް ވެސް އަޅުގަނޑުމެން މިދެނީ، ފުރުސަތެއް، ބޭނުން ތަނެއްގައި ރަޖިސްޓްރީވާން. އެހެންވީމާ ރަޖިސްޓްރޭޝަނަށް ވަރަށް ލުއި ގޮތެއް ހަމަޖައްސައިދީފައި މިވަނީ،" އަކްރަމް ވިދާޅުވި އެވެ.
އެ ކޮމިޝަނުން ނިންމާފައި ވަނީ ރީ-ރަޖިސްޓްރޭޝަންގެ ލިސްޓު މިއަދު އާއްމު ކުރާށެވެ. އޭގައި، ބާތިލްކުރި 5،000 މީހުންނެއް ނުހިމެނޭނެ އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި، އަލުން ރީ-ރަޖިސްޓްރީވާން ދިން މުއްދަތު ހަމަވުމުން، ޖުމްލަ ލިސްޓެއް އާއްމުކުރާނެ އެވެ.