26 އޯގަސްޓް 2018 - 13:32

ވެސްޓް ބޭންކް (އޮގަސްޓް 26) - ގާޒާ އާއި ހުޅަނގު އައްސޭރި އަށް އެމެރިކާ އިން ދޭ އެހީން 200 މިލިއަން ޑޮލަރު ކަނޑާލުމުގެ ބޭނުމަކީ ބިރުދެއްކުން ކަމަށް ފަލަސްތީނުގެ ސީނިއާ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ ފަލަސްތީނަށް ދޭ އެހީ ކަނޑާލީ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިގެން ކަމަށެވެ.
ޕަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ ސެކްރެޓަރީ ޖެނެރަލް ސާއިބް އުރައިގާތު ވިދާޅުވީ އެމެރިކާ އިން އެހީ ކަނޑާލުމުގެ ފަހަތުގައި ވަނީ ފަލަސްތީނުގެ ދާޚިލީ ކަންކަމަށް ނުފޫޒް ފޯރުވުން ކަމަށެވެ.
"އެމެރިކާގެ އެހީއަކީ ފަލަސްތީނަށް ދޭ ހަދިޔާއެއް ނޫން. އެއީ އިޒްރޭލުގެ އުދުވާނުގެ ޒިންމާ ބައިނަލްއަގުވާމީ މުޖްތަމައުން އުފުލާތީ ދޭ އެހީއެއް،" އުރައިގާތު ވިދާޅުވި އެވެ. "ފަލަސްތީނުގެ އެހީ ކަނޑާލުމަކީ ބައިނަލްއަގުވާމީ ގޮތުން އެއްބަސްވެފައިވާ ގޮތަށް އެމެރިކާ އިން އިހްތިރާމް ނުކުރުން."
ޕީއެލްއޯގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ހަނާން އަޝްރާވީ ވިދާޅުވީ އެމެރިކާ އިން ދަނީ ސިޔާސީ ހަތިޔާރެއް ބޭނުންކޮށްގެން ފަލަސްތީނަށް ބިރު ދައްކަމުން ކަމަށެވެ.
"ފަލަސްތީނުގެ ރައްޔިތުންނާއި ޒައާމަތަށް ބިރެއް ނުދެއްކޭނެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަކީ ވިއްކާ އެއްޗެއް ނޫން،" އަޝްރާވީ ވިދާޅުވި އެވެ.
ފަލަސްތީނުގެ ރެފިއުޖީ އެޖެންސީ އަށް ދޭ އެހީވެސް އެމެރިކާ އިން ވަނީ ޖެނުއަރީ މަހު ކަނޑާލައިފަ އެވެ.