28 އޯގަސްޓް 2018 - 12:20

މެންޗެސްޓާ (އޮގަސްޓް 28) – ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންއާ އެކު ފޮޓޯ ނެގި މައްސަލައިގައި ކުރިމަތިވި ފާޑުކިއުންތަކާ ގުޅިގެން ޖަރުމަން ގައުމީ ޓީމަށް ކުޅުން ހުއްޓާލި މެސުތު އޮޒިލްއާ މެދު ހަމްދަރުދީވާ ކަމަށާއި އެކަމަކު އޭނާ ގޮތަށް ގައުމީ ޓީމުން ވަކިނުވާނެ ކަމަށް އެ ފޮޓޯގައި ދެން ބައިވެރިވި އިލްކޭ ގުންޑޮގާން ބުނެފި އެވެ،
ތުރުކީ އަށް އުފަން މި ދެ ކުޅުންތެރިން ވޯލްޑް ކަޕުގެ ކުރިން އުރުގުއާންއާ ބައްދަލުކޮށް ފޮޓޯ ނަގައި ޖާޒީ ވެސް ހަދިޔާކުރި އެވެ. އަދި އޮޒިލް އާއި ގުންޑޮގާން ވަނީ އުރުދުގާން އަށް ތާއީދު އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝުއޫރު ވެސް ފާޅުކޮށްފަ އެވެ.
ސިޔާސީ ގޮތުން ބަލާއިރު ޖަރުމަނާއި ތުރުކީ އަކީ ވަރަށް ބޮޑަށް ހިޔާލު ތަފާތު ގައުމަކަށްވާއިރު، އުރުދުގާންއާ އެކު އޮޒިލް އާއި ގުންޑޮގާން ބޭއްވި ބައްދަލުވުމާ ގުޅިގެން ޖަރުމަނު ސިޔާސީ ފަރާތްތަކުން ވަނީ މި ދެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ވޯލްޑް ކަޕަށްދާ ޖަރުމަނު ސްކޮޑުން މި ދެ ކުޅުންތެރިން ބާކީ ކުރަން ވެސް ބައެއް ފަރާތްތަކުން ގޮވާލި އެވެ.
އޮޒިލް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ވޯލްޑް ކަޕަށް ފަހު އެވެ. އޮޒިލް ބުނީ އޭނާ އަށް ހައްގުނޫން ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ކަމަށާއި މިހާ ބޮޑަށް ނަސްލީ ތަފާތު ކުރުންތައް އޮތުމާއި ޖަރުމަނު ފެޑެރޭޝަނުން އަހަންނާމެދު އިހުތިރާމް ކުޑަކޮށް ދެކޭތީ ދެން ޖަރުމަނު ޓީމަށް ކުޅެން ބޭނުންނުވާ ކަމަށެވެ.
ގުންޑޮގާން ބުނީ އޮޒިލް ގައުމީ ޓީމާ ވަކިވުމަކީ ދެރައެއް ކަމަށާއި އޭނާ ޖަރުމަން ފުޓްބޯޅައަށް ވަރަށް ގިނަ ހިދުމަތްތަކެއްކޮށްދިން ކަމަށެވެ.
"އޮޒިލް އަހަންނަށް އަމިއްލަ ގޮތުން ވެސް އެހީތެރިވެދިން. އޭނާ އަކީ އަހަރެން ޖަރުމަން ގައުމީ ޓީމަށް ކުޅެން ބޭނުންވި އެއް ސަބަބު ވެސް މެ. އަހަންނަށް އޭނާ މަގު ކޮށައިދިން،" ގުންޑޮގާން ބުންޏެވެ. "އެކަމަކު އެ ނިންމުމަކީ ދިމާވި ކަންކަމާ ގުޅިގެން އޭނާގެ އަމިއްލަ އަށް ނިންމި ނިންމުމެއް. އަހަރެން ނަމަ ކަންތައް ކުރާނީ ތަފާތުކޮށް."
ގުންޑޮގާން ބުނީ އަނިޔާގެ ސަބަބުން އޭނާ އަށް މިދިޔަ ދުވަސްތަކުގައި ގައުމީ ޓީމާ އެކު އުފާވެރި ހިނދުކޮޅުތަކެއް ގެއްލިއްޖެ ކަމަށާއި އެހެންވެ ގައުމީ ޓީމާ އެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރަން ބޭނުންވާ ކަމަށެވެ.