އައިޝްވަރިޔާގެ ގައިގޯޅި މަންޒަރުތަކަކާ ހެދި އަމީތާބު ނުރުހިފައި؟
އައިޝްވަރިޔާގެ ގައިގޯޅި މަންޒަރުތަކަކާ ހެދި އަމީތާބު ނުރުހިފައި؟

ޑައިރެކްޓަރު ކަރަން ޖޯހަރް މިހާރު ތައްޔާރުކުރަމުންދާ "އޭ ދިލް ހެ މުޝްކިލް"ގައި ރަންބީރު ކަޕޫރާ އެކު އައިޝްވަރިޔާ ވަރަށް ގައިގޯޅި މަންޒަރުތަކެއް ކުޅެފައިވާތީ އޭނާގެ ބަފައިބެ އަދި މަޝްހޫރު ފިލްމީ ތަރި އަމީތާބު ބައްޗަން ރުޅިއައިސްގެން އުޅޭކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުން އަމީތާބު ބޭނުންވަނީ އެ މަންޒަރުތައް ފިލްމުން އުނިކުރާށެވެ. އަދި މިކަމާ ބެހޭ ގޮތުން ކަރަން ޖޯހަރާ މިހާރު ވަނީ އޭނާ މަޝްވަރާ ވެސް ކޮށްފަ އެވެ.

ނަމަވެސް ބައްޗަން އާއިލާގެ ގާތް މީހަކު ބުނީ މި ވާހަކަތަކުގައި އެއްވެސް ވަރެއްގެ ހަގީގަތެއް ނެތް ކަމަށާއި އައިޝްވަރިޔާ ކުރާ ކަންތައްތަކާ އެއްވެސް ވަރަކަށް އެ އާއިލާއިން ނުބެހޭ ކަމަށެވެ. އެ މީހާ ބުނީ ބައްޗަން އާއިލާގެ ގިނަ މެމްބަރުންނަކީ ފިލްމީ ތަރިންނަށް ވާތީ ފިލްމު ކުޅުމުގައި ކޮންމެ އެކްޓަރަކު ވެސް އަމަލު ކުރަން ޖެހޭ ގޮތް ވަރަށް ފުރިހަމައަށް އެމީހުންނަށް އެނގޭ ކަމަށާއި އެހެންވެ އައިޝްވަރިޔާގެ ވެސް ކޮންމެހެން ކުތަންޖެހޭ ކަންތައް އެ މީހުންނަށް ވިސްނޭ ކަމަށެވެ.

ނަމަވެސް އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ރަންބީރާ އެކު ވަރަށް ބޮޑަށް ގައިގޯޅިވާން ޖެހޭ އެ މަންޒަރު ނުކުޅެންވެގެން އައިޝްވަރިޔާ ވެސް ވަރަށް މައްސަލަ ޖެއްސި އެވެ. ނަމަވެސް އެއީ ފިލްމަށް ކޮންމެހެން މުހިއްމު މަންޒަރެއް ކަމަށް ބުނެ ކަރަން ވަރަށް ގިނަ ވާހަކަ ދައްކައިގެން އެއްބަސްވީ ކަމަށްވެ އެވެ.

މިއަހަރުގެ އޮކްޓޯބަރު 29 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމާ ބެހޭ ގޮތުން އައިޝްވަރިޔާގެ ފިރިމީހާ އަބީޝެކް ބައްޗަން އަދި ވަކި އެއްޗެއް ނުބުނެ އެވެ.