29 އޯގަސްޓް 2018 - 14:45

ޕެރިސް (އޮގަސްޓް 29) – އިޓަލީ އަށް ވުރެ ފްރާންސްގައި ބޮލުގެ ރިހުން ކުޑަ ކަމަށް ފްރާންސްގެ ޕީއެސްޖީ އަށް ދާދި ފަހުން ބަދަލުވި އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.
މިއީ ޔުވެންޓަސްގައި 17 އަހަރު ހޭދަކުރި ބުފޮން އިޓަލީން ބޭރުގައި ކުރާ ފުރަތަމަ ތަޖުރިބާ އެވެ. ޕީއެސްޖީން އުމުރުން 40 އަހަރުގެ ކީޕަރު ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް މަގުފަހިކުރުމެވެ.
"އަހަރެން މިހާ އުފާވެފައި ހުރިއްޔާ، އެކަމުގެ ޝުކުރުހައްގުވަނީ އަހަރެންގެ ޓީމުގެ މެމްބަރުންނަށް. އަދި ޓީމުގެ ޗޭންޖިން ރޫމުގެ މާހައުލަށް،" ބުފޮން ބުންޏެވެ. "ވަރަށް ގިނަ އުފާވެރި، މަޖާވާހަކަތަކެއް ދެކެވޭ. އިޓަލީ އަށް ވުރެ މިތަނުގައި ސްޓްރެސް ކުޑަ."
ބުފޮން ބުނީ އިޓަލީގައި ބައެއް ކަންކަމުގައި ތަންކޮޅެއް މައްޗަށްދާ ކަމަށާއި އަދި ފުޓްބޯޅައާ މެދު އޮންނަނީ މާވަރުގަދަ ލޯތްބެއް ޖެހިފައި ކަމަށެވެ.
"މިތަނުގައި މެޗާއި ތަމްރީންތައް ނަގާ ގޮތް ވަރަށް ތަފާތު. ތަންކޮޅެއް ހަމަޖެހިލައިގެން، މަޖާކޮށް ދަނީ،" ބުފޮން ބުންޏެވެ.
އޭނާ ބުނީ އިޓަލީގައި ނަމަ ތަންކޮޅެއް އާދައިގެ ޓީމަކާ ދެކޮޅަށް ކުޅޭއިރު ވެސް ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށާއި އޭގެ ސަބަބުން ފިކުރުކުރަން ޖެހޭލެއް ބޮޑު ކަމަށެވެ.
އިޓަލީއާ އެކު 2006 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ބުފޮން ޕީއެސްޖީއާ އެކު ހެދީ އެއް އަހަރުގެ އެއްބަސްވުމެވެ. އެކަމަކު އިތުރު އެއް އަހަރަށް އާކުރުމުގެ ފުރުސަތު މިހާރުގެ ކޮންޓްރެކްޓުން ލިބިދެ އެވެ. އޭނާ އަކީ ފަހަކަށް އައިސް މި އުމުރުގައި ޔޫރަޕުގެ ބޮޑު ކްލަބަކާ ގުޅުނު ފުރަތަމަ ކުޅުންތެރިއާ އެވެ. އެހެން ކުޅުންތެރިން ކެރިއަރުގެ ފަހުކޮޅު މިސްރާބު ޖަހަނީ ޗައިނާ، މެދުއިރުމަތި ނުވަތަ އެމެރިކާ އަށެވެ.
ޕާމާ އިން 1995 ވަނަ އަހަރު ކެރިއަރު ފެށި ބުފޮން 2001 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގަކަށް ޔުވެންޓަސް އަށް ބަދަލުވީ ޕާމާ އެކު ޔުއެފާ ކަޕާއި އިޓާލިއަން ކަޕް ކާމިޔާބުކުރުމަށް ފަހު އެވެ.
ޔުވެންޓަސްއާ ގުޅި އެ ޓީމާ އެކު އިޓާލިއަން ލީގު ނުވަ ފަހަރު އުފުލާލި އެވެ. އޭގެ ތެރެއިން ހަތް ފަހަރު ހޯދީ ޖެހިޖެހިގެންނެވެ. އަދި މިދިޔަ ހަތަރު ފަހަރު އިޓާލިއަން ކަޕް ޖެހިޖެހިގެން ހާސިލްކުރި އެވެ. އޭނާ އަށް ނުހޯދެނީ ޔޫރަޕުގެ ތަށްޓެކެވެ. ތިން ފަހަރު ފައިނަލުގައި ކުޅެ ބަލިވީ އެވެ.