05 އޯގަސްޓް 2016 - 19:01

ރާއްޖޭގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް އެނގިއްޖެ ކަމަށާއި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، ހައްގުތައް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ކޮމަންވެލްތުން ރާއްޖެއަށް ކަނޑައެޅި މަންދޫބު ވިލީ މުޓުންގާ ވިދާޅުވެއްޖެ އެވެ.
ކުރިން ކެންޔާގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި މުޓުންގާ ކޮމަންވެލްތްގެ މަންދޫބެއްގެ ގޮތުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ފުރާވަޑައިގަތުމުގެ ކުރިން ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވެފައިވަނީ އޭނާގެ ފުރަތަމަ އަމާޒަކީ ހުރިހާ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެހުން ކަމަށާއި އެކަން ހާސިލްވެއްޖެ ކަމަށެވެ.
އެގޮތުން ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ސިޔާސީ ފަރާތްތަކާއި ބައްދަލުކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ބަލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"އެ މަގްސަދު ހާސިލްވެއްޖެ. ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުގެ ލަފަ އާއި އިރުޝާދު ލިބެމުންދާނެ. ކުރިއަށް އޮތް ތަނުގައި ރާއްޖެ އަންނާނަން،" އެ ބަޔާނުގައިވެ އެވެ.
މުޓުންގާ އިތުރަށް ވިދާޅުވީ އޭނާ ދެން އޮތް އަމާޒަކީ ހުރިހާ ފަރާތްތައް ގުޅިގެން ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، އަސާސީ ހައްގުތަކާއި މިނިވަންކަން ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ލިބޭ ގޮތް ހެދުން ކަމަށެވެ.
ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމްކޮށް، އިންސާފުވެރި އިންތިޚާބެއް ބޭއްވާ ފަދަ މާހައުލެއް އުފައްދަން މަންދޫބެއްގެ ގޮތުން ކަނޑައެޅި މުޓުންގާ ވަނީ ރައީސް ޔާމީނާއި އިދިކޮޅު ސިޔާސީ ފަރާތްތަކާއި ވެސް ބައްދަލުކޮށްފަ އެވެ.