ކެންޑިޑޭޓުންނަށް ޓީވީތަކުން ވަގުތު ދޭ ގޮތުގެ މައުލޫމާތު ހާމަ ނުކުރާ މައްސަލަތައް ބަލަން ފަށައިފި
ކެންޑިޑޭޓުންނަށް ޓީވީތަކުން ވަގުތު ދޭ ގޮތުގެ މައުލޫމާތު ހާމަ ނުކުރާ މައްސަލަތައް ބަލަން ފަށައިފި

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުން ވަގުތު ދޭނެ ގޮތުގެ މައުލޫމާތު އާންމު އާންމު ނުކުރާ މައްސަލަތައް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.

ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުން ވަގުތު ދިނުމާ ގުޅޭ އުސޫލަށް މިމަހު އަމަލުކުރަން ފަށާފައިވާއިރު، އެ އުސޫލު ބުނާގޮތުން ކެންޑިޑޭޓުންނަށް ޓީވީތަކުން ދޭނެ ވަގުތާއި އަދި ވިއްކާނެ އަގުތައް، ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އާންމު އިއުލާން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި ބްރޯޑްކާސްޓަރުން އިއުލާން ކުރަން ޖެހޭނެ އެވެ. އަދި ކެންޑިޑޭޓުންނަށް ޓީވީތަކުން ވަގުތު ދޭ ގޮތުގެ ޝެޑިއުލް އާއި ވަގުތު ދިން ގޮތުގެ ރިޕޯޓް ވެސް ހަފުތާއަކު އެއްފަހަރު ބްރޯޑާސްޓިން ކޮމިޝަނަށް ފޮނުވަން ޖެހެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނެއްގައިވަނީ އެ ކޮމިޝަނުން އިއްޔެ އިން ފެށިގެން ބަލަން ފެށީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކުރުމުން އެ އުސޫލުގެ ދަށުން ހާމަކުރަންޖެހޭ މައުލޫމާތުތައް ހާމަ ނުކުރާ ބްރޯޑްކާސްޓަރުންގެ މައްސަލަތައް ކަމަށެވެ. އެކަމަކު ބަލަމުންދަނީ ކޮން ފަރާތްތަކެއްގެ މައްސަލަތަކެއް ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

އެ އުސޫލާ ޚިލާފްވެއްޖެ ނަމަ، އިންޒާރު ދިނުމާއި ޕްރޮގްރާމް ޝެޑިއުލްގެ ވަކި ބައެއް އުނި ކުރަން އެންގުމުގެ ބާރު ފަދަ ފިޔަވަޅުތައް ބްރޯޑްކާސްޓަރުންނާ މެދު އެޅުމުގެ ބާރު ބްރޯޑްކާސްޓިން ކޮމިޝަނަށް އޮވެ އެވެ.

އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަނީ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. އެ ދެ ބޭފުޅުން މިހާރު ގެންދަވަނީ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.