06 އޯގަސްޓް 2016 - 10:01

ތެހެރާން (އޮގަސްޓް 6) - ސަލާމަތީ ގޮތުން ރައްކާތެރި ކަމެއް ނޫން ކަމަށް ބުނެ އީރާނުގައި ޕޮކެމޮން ގޯ ގޭމް ކުޅުން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން މަނާކޮށްފި އެވެ.
ޕޮކެމޮން ގޭމް ކުޅުން މަނާކުރީ އީރާނުގައި އޮންލައިން ހުރިހާ ހަރަކާތެއް ބަލަަހައްޓާ ހައި ކައުންސިލް އޮފް ވާޗުއަލް ސްޕޭސަސް އިންނެވެ.
އީރާނުގެ އިތުރުން އެހެން ބައެއް ގައުމުތަކުން ވެސް ވަނީ ޕޮކެމޮން ގޭމް ކުޅުމަކީ ސަލާމަތީ ގޮތުން ރައްކާތެރި ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އެއީ ޕޮކެމޮން ކުޅޭ މީހުންނަށް އޮޅިގެން ގޮސް ބައެއް މަނާ ސަރަހައްދުތަކަށް ވަދެވުމުގެ އިތުރުން ގައުމުތަކުގެ ޖާސޫސީ މައުލޫމާތު ވެސް އެހެން ބަޔަކަށް ލީކުވެދާނެ ފަދަ ގޭމެއް ކަމަށް ބުނެ އެވެ. އެކަމަކު އީރާނަކީ ޕޮކެމޮން ގޭމް ކުޅުން މަނާކުރި ފުރަތަމަ ގައުމެވެ.
އިންޑޮނީޝިއާގައި ވަނީ ފުލުހުންނާއި ސިފައިން ޑިއުޓީގައި ތިބޭ އިރު ޕޮކެމޮން ކުޅުން މަނާކޮށްފަ އެވެ. ނިއު ޔޯކުން ވަނީ އެ ސްޓޭޓުގެ ގާތްގަނޑަކަށް ތިންހާހެއްހާ ޖިންސީ ކުށުގެ ކުށްވެރިން ޕެރޯލުގައި ތިބޭ އިރު ޕޮކެމޮން ކުޅުން މަނާކޮށްފަ އެވެ. އެއީ މި ގޭމް ކުޅޭ ކުޑަ ކުދިންނަށް އެފަދަ މީހުންގެ ފަރާތުން ރައްކާތެރިކަން ހޯދުމަށެވެ.
ސައުދީ އަރަބިއާގެ އީސްޓަން ޕްރޮވިންސުން ވަނީ ސައިކަލް ދުއްވަމުން ޕޮކެމޮން ގޯ ގޭމް ކުޅެފި ނަމަ 300 ރިޔާލުން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފަ އެވެ. ޔުނައިޓެޑް އަރަބި އެމިރޭޓްސް އާއި ކުވޭތުގައި ވެސް ވަނީ ޕޮކެމޮން ކުޅުމަކީ ނުރައްކަލެއް ކަމަށް ބުނެ އިންޒާރު ދީފަ އެވެ. ކުވޭތުގެ އަމީރުގެ ގަނޑުވަރާއި މިސްކިތްތަކާއި ތެޔޮ ނަގާ ތަންތަނާ އަދި އަސްކަރީ މަރުކަޒުތައް ހިމެނޭ ސަރަހައްދުގައި ޕޮކެމޮން ގޭމް ކުޅުން ކުވޭތުގެ ދާޚިލީ ވުޒާރާ އިން ވަނީ މަނާކޮށްފަ އެވެ.