01 ސެޕްޓެމްބަރ 2018 - 09:45

މި ދުވަސްވަރު މިއީ އާންމު ކަމަކަށް ވެއްޖެ އެވެ. ރާއްޖެއާ މާ ދުރު ހިސާބެއްގެ ގައުމެއްގެ ނަންބަރަކުން ގުޅައިފައި އޮވެދާނެ އެވެ. އެ ނަންބަރަށް ގުޅުމުން ފަހަރެއްގައި ވާހަކަ ދައްކަފާނެ އެވެ. ނުވަތަ ރެކޯޑް ކޮށްފައި އޮންނަ މެސެޖެއް ނުވަތަ މިއުޒިކެއް އިވިދާނެ އެވެ.
ކޯލް މިސްވުމުން އެ ނަންބަރަކަށް ގުޅުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ރާއްޖޭން ބޭރުގެ ނުދަންނަ ނަންބަރަކަށް ގުޅުން ރައްކާތެރިއެއް ނޫނެވެ.
މިއީ ބޮޑު ސްކޭމެކެވެ. ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް މި އުނދަގޫ އެބަ އޮތެވެ. މިއީ "ވަންގަރީ ފްރޯޑް" އެވެ. ނުވަތަ ޖަޕާނު ބަހުން އެއީ "އެއް ރިންގު" އެވެ. އާންމުކޮށް މިހެން ގުޅަނީ އެފްރިކާ ސަރަހައްދުގެ ބައެއް ގައުމުތަކާއި ކުރީގެ ސޮވިއެޓް ޔުނިއަންގެ ގައުމުތަކުގެ ނަންބަރުތަކުންނެވެ. އަލްބޭނިއާ، މެސެޑޯނިއާ، ސީޝެލްސް، ކޮމޯރޯސް، ލައިބީރިއާ، ޓިއުނީޝިއާ އަދި ކުކް އައިލެންޑް ފަދަ ތަންތަނުން ވަރަށް ގިނައިން މި ކޯލް އަންނާނެ އެވެ. މިކަން ކުރާ މީހުން ދޭނީ މިސްޑް ކޯލެކެވެ. ފޯނު ނެގިޔަސް ވަގުތުން ކަނޑައިލާނެ އެވެ. ބޭނުމަކީ ކޯލް އައި ނަންބަރަށް ގުޅުވުމެވެ. އަދި ވީހާވެސް ގިނައިރަކު ކޯލްގައި ބެހެއްޓުމެވެ. ބޭނުމަކީ ކޮބައިހެއްޔެވެ؟
މި ސްކޭމްގެ ސަބަބުން ލަނޑު ލިބޭ މީހުން ގިނަ ގައުމުތަކުގެ ޓެލެކޮމް ކުންފުނިތަކުން މިކަމަށް ހޭލުންތެރިކަން އުފައްދަން އާންމުކޮށްފައިވާ ބަޔާންތަކުގައިވާ ގޮތުން، މިސްޑް ކޯލް އަައި ނަންބަރަކަށް ގުޅުމުން އެ ކޯލަކަށް އާދަޔާ ޚިލާފް ބޮޑު ރޭޓަކުން ޗާޖުކުރާނެ އެވެ. އެ ނަންބަރަށް ގުޅުމުން ކޯލް ޕާސްވާނީ ޕްރިިމިއަމް ނަންބަރަކަށެވެ.
ޕްރިމިއަމް ނަންބަރުތަކަކީ އާންމު ރޭޓަށް ވުރެ މާބޮޑުކޮށް ޗާޖުކުރާ ނަންބަރުތަކެވެ. އެ ނަންބަރުތަކަށް ގުޅާ މީހާގެ ފޯނު ބިލަށް ބޮޑު އަދަދަކުން ޗާޖުކުރާއިރު، ޕްރިމިއަމް ނަންބަރުގެ ވެރިފަރާތަށް ވެސް ބައި އަޅާނެ އެވެ. އެހެންވެ، ދުނިޔޭގެ އެކި ގައުމުތަކުން އެތައް ހާސް ބަޔަކަށް މިސްޑް ކޯލް ދިނުމުން އޭގެ ތެރެއިން މަދު ބަޔަކު އެ ނަންބަރަކަށް ގުޅައި ކުޑަ އިރުކޮޅަކު ކޯލްގައި ހުރި ނަމަވެސް، ހީލަތްތެރިންނަށް ބޮޑު ފައިދާއެއް ވާނެ އެވެ.
މި މަޅީގައި ނުބެދި ސަލާމަތްވާން ބޭނުން ނަމަ، ބޭރުން އަންނަ އެފަދަ މިސްޑް ކޯލްތަކަށް ނުގުޅުމަށް ވުރެ މޮޅު ގޮތެއް ނޯންނާނެ އެވެ. އެއީ އެ މީހަކު ކުރި ކޯލަކަށް ޒިންމާވާން ޖެހޭނީ އެ މީހަކު ކަމަކަށް ވާތީ އެވެ. އަދި އެއް ވާހަކަ އެވެ. މިގޮތަށް ބައެއް ފަހަރު އެސްއެމްއެސް ވެސް އަންނާނެ އެވެ. ކޮންމެވެސް އިނާމެއް ލިބިގެން ނުވަތަ ކޮންމެވެސް މީހަކަށް ކަމެއް ވެގެން، ގުޅަން ލިބުނު ނަންބަރަކީ ތިއީ ކަމަށް ބުނެފާނެ އެވެ. އަދި އެ މެސެޖުގައި ބުނާ ނަންބަރަކަށް ގުޅަން އެދިފައި އޮވެދާނެ އެވެ. އެއީ ހުސް ފޭކެވެ.