02 ސެޕްޓެމްބަރ 2018 - 07:18

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރް ހާންގެ އަންހެނުން ކިރަން ރާއޯ ދެވަނަ ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވެއްޖެ އެވެ.
އޭނާގެ ފުރަތަމަ ޑައިރެކްޝަނަކީ 2010 ގައި ރިލީޒްކުރި "ދޯބީ ގާތު" އެވެ. މިއީ ތަފާތު އެކި މީސްމީހުންގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދިން އަދި ކްރިޓިކުންގެ ތައުރީފު ލިބުނު ފިލްމެވެ. "ދޯބީ ގާތު" ގައި އާމިރްގެ އިތުރުން ޕްރަތީކް ބައްބަރް، މޮނިކާ ޑޮގްރާ އަދި އަދު ކިރިތީ މަލްއުތުރާ ފަދަ ތަރިން ހިމެނެ އެވެ.
ދެވަނަ ޑައިރެކްޝަނަކަށް ތައްޔާރުވަމުން އަންނަކަން ކަށަވަރުކޮށް ދެމުން "ވޯޑް ޓް ސްރީން މާކެޓް" ގެ ހަވާސާގައި އިންޑޯ-އޭޝިއަން ނިއުސް ސާވިސް (އިއަންސް) އަށް ކިރަން ބުނީ އާ ފިލްމްގެ ސްކްރީންޕްލޭ މިހާރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް ނުދީ އޭނާ ބުނީ މީގެ މަސައްކަތްކުރާތާ ހަތް އަހަރު ވެދާނެ ކަމަށެވެ.
"އަށެއްކަ އައިޑިއާ ސިކުނޑީގައި އެނބުރޭތާ ދުވަސްތަކެއްވެއްޖެ. އޭގެ ތެރެއިން އެކަތި މިހާރު މި ވަނީ ފައިނަލްކޮށްފައި،" 2001 ގއި ރިލީޒް ކުރި އާމިރްގެ "ލަގާން" ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ކިރަން ބުންޏެވެ.
މާމީ މުމްބާއި ފިލްމް ފެސްޓިވަލްގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރަމުން އަންނަ ކިރަން ބުނި ގޮތުގައި "ދޯބީ ގާތު" އަށް ފަހު، ދެވަނަ ފިލްމެއް ޑައިރެކްޓް ކުރަން މިހާރު މާ ގިނަ ދުވަސްތަކެއް ވެސް ނަގައިފި އެވެ. އެހެންވެ މިއީ މިހާރު އެކަމަށް އެންމެ މުނާސަބު ވަގުތު ކަމަށް ބުންޏެވެ.
"ކުރިން އަބަދު ވެސް ކޮންމެވެސް ބަހަނާއެއް އޮވޭ. އެއް ކަމަކީ ކުރިން ދަރިފުޅު ކުޑަވުން،" 2005 ގައި އާމިރާ ކައިވެނިކޮށް އާޒާދު ރާއޯ ހާން ކިޔާ 6 އަހަރުގެ ދަރިއަކު މިހާރު ހުރި ކިރަން، 44، ބުންޏެވެ. "އަނެއްކޮޅުން ލިޔުންތެރި ކަމަކީ ވެސް އަބަދު ވެސް އަހަރެން ކުރަމުން އަންނަ ކަމެއް."
ކިރަން ބުނީ މިހާރު ޑައިރެކްޓް ކުރަން ވަގުތު ނުލިބިގެން ދައްކާނެ ބަހަނާއެއް ނެތެވެ. އެހެންވެ ލަސްތަކެއް ނުވެ އާ ފިލްމްގެ މަސައްކަތް ފަށާނެ ކަމަށް ބުންޏެވެ.
"ދޯބީ ގާތު" ގެ ފަހުން ފިލްމެއް ޑައިރެކްޓް ނުކުރި ނަމަވެސް ކިރަން ވަނީ އާމިރާ ގުޅިގެން ބައެއް ފިލްމްތައް ޕްރޮޑިއުސްކޮށްފަ އެވެ.
އޭގެ ތެރޭގައި "ޑަންގަލް"، "ސީކްރެޓް ސްޕަސްޓާ" އަދި "ދިއްލީ ބެލީ" ހިމެނެ އެވެ.