01 ސެޕްޓެމްބަރ 2018 - 10:48

ލިޒްބަން (ސެޕްޓެމްބަރު 1) – ޕޯޗުގަލުން ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި ޔުއެފާ ނެޝަނަލް ލީގުގައި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުން އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޗުއްޓީ ދީފި އެވެ.
މި ފުރުސަތަށް ރޮނާލްޑޯ އެދުނީ ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވެ އެ ކްލަބަށް ހޭނެން ޖެހިފައިވާ ދަނޑިވަޅެއްގައި ދެ ހަފުތާއެއްހާ ދުވަހަށް ކްލަބާ ދުރަށް ދާން ޖެހޭތީ އެވެ.
ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ވެސް ބުނީ މިގޮތަށް ނިންމީ ރޮނާލްޑޯއާ ވެސް ވާހަކަދެއްކުމަށް ފަހު ކަމަށާއި ޔުވެންޓަސް އަށް އޭނާ ހޭނެން ވަގުތު ނަގާނެ ކަމަށް ގަބޫލުކުރެވޭތީ، އޭނާ އަށް އެންމެ ރަނގަޅުވާނީ މި ދެ މެޗު ނުކުޅުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ 100 މިލިއަން ޔޫރޯ އަށް ޔުވެންޓަސް އަށް ބަދަލުވެ އަދި އެންމެ މޮޅު ކުޅުން ދެއްކޭ ގޮތެއް ނުވެ އެވެ. އެހެންވެ އޭނާ ބޭނުންވަނީ މިވަގުތު ހުރިހާ ސަމާލުކަމެއް ކްލަބަށް ދޭށެވެ.
އިޓަލީއާ ދެކޮޅަށް އަންނަ ހަފުތާގައި ކުޅެން ލިބުނު ފުރުސަތު ރޮނާލްޑޯ ދޫކޮށްލިއިރު، އިޓަލީގައި ގިނަވާނީ އޭނާއާ އެއްކޮށް ޔުވެންޓަސްގައި ކުޅޭ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ޔުވެންޓަސްގެ ކެޕްޓަން ޖިއޯޖިއޯ ޗިއެލީނީ އާއި ލިއޮނާޑޯ ބޮނޫޗީ ހިމެނެ އެވެ.
އަލަށް ފަށާ ޔުއެފާ ނެޝަނަލް ލީގަކީ ވޯލްޑް ކަޕް ކޮލިފައިން އާއި ޔޫރޯ ކޮލިފައިން ނޯންނަ އަހަރު، ޓީމުތަކަށް ވާދަވެރި މެޗުތަކެއް ހޯދައިދޭން ޔުއެފާ އިން އަލަށް ފަށާ މުބާރާތެކެވެ. ޔޫރަޕުގެ 55 ގައުމަކުން ވާދަކުރާ މުބާރާތުގެ ލީގު އޭ ގައި ޕޯޗުގަލް ހިމެނެނީ އިޓަލީގެ އިތުރުން ޕޮލެންޑާ އެކު ގްރޫޕް ތިނެއްގަ އެވެ.