07 އޯގަސްޓް 2016 - 06:29

އިންޑިއާގެ ކުޑަކުޑަ އަވަށެއްގައި ދިރިއުޅޭ 16 އަހަރުގެ ބުޕެންދުރަ ސިންގަކީ ވަރަށް މަދުން ނޫނީ ނުޖެހޭ ޒާތުގެ ބައްޔެއް ޖެހިފައިވާ ފިރިހެން ކުއްޖެކެވެ. މި ބަލީގެ ސަބަބުން އޭނާގެ މޫނުގެ އެއްފަޅީގެ ސިފަ ހުތުރުވެފައިވާލެއް ބޮޑުކަމުން މީހުންނަށް ފެންނަށް ވެސް ބުޕެންދުރަ ބޭނުމެއް ނުވެ އެވެ. އެއީ އަލަށް ފެންނަ މީހުން މާ ގިނައިން އޭނާއާ ދިމާލަށް ބަލައި މަލާމާތް ކުރާތީ އެވެ.

ފުރާވަރަށް އަރާފައިވާ މި ކުއްޖާއަށް ޖެހިފައިވާ ބައްޔަކީ ނިއުރޯފައިބްރޯމެޓޯސިސް އެވެ. މިއީ ޖެނެޓިކް މައްސަލައެކެވެ. މި ބަލި ޖެހުމުން ހަށިގަނޑުގައިވާ ނާރުތަކުގައި އެއްވެސް ހިފެހެއްޓުމެއް ނެތި އެއްޗެހިތަކެއް އުފެދެނީ އެވެ.

ބުޕެންދުރަ އުފަންވީއިރު އޭނާގެ ކަނާތު ލޮލުގެ ބޮނޑިމަތީގައި ކުޑަކުޑަ އުމެއް ވަރުގެ ޓިއުމަރެއް އިނެވެ. ނަމަވެސް އޭނާ ބޮޑުވަމުން ދިޔަ ވަރަކަށް އެ ޓިއުމަރު ބޮޑުވެ އޭނާގެ މޫނު މައްޗަށް ފެތުރި މޫނުގެ އެއްބައި ހިފީ އެވެ.

މިކަމުގެ ސަބަބުން އޭނާގެ އެއް ލޮލަަށް ނުފެނެ އެވެ. ކައިބޮއި އުޅޭށާއި ވާހަކަ ދައްކަން ވެސް އެހާ ދައްޗެވެ.
ބުޕެންދުރަގެ ސިފައާ ހެދި އޭނާ އަށް އެއްވެސް ސްކޫލަކުން ޖާގައެއް ވެސް ނުދެ އެވެ. ނަމަވެސް އޭނާ ދިރިއުޅޭ އަވަށުގެ މީހުންނާއި އޭނާގެ އާއިލާއިން ބުޕެންދުރަ އެ ހުރި ސިފައިގައި އޭނާ ވަނީ ބަލައިގެންފަ އެވެ. އެހެންކަމުން އެ އަވަށުގެ ހިމާޔަތުން ބޭރަށް ދާން ބުޕެންދުރަ ވަރަށް ބިރުގަނެ އެވެ.
މެއިލްއޮންލައިންގައި ބުޕެންދުރައާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ބުޕެންދުރަގެ އަވަށްޓެރިން އޭނާ އެ ހުރި ހާލަތުގައި ގަބޫލު ކުރިޔަސް ނުދަންނަ މީހަކަށް އޭނަ ފެނިއްޖެ ނަމަ ބަލަހައްޓައިގެން ހުރުމާއި މަލާމާތް ކުރުން ފަދަ ކަންތައް ވަރަށް ގިނައިން ކުރިމަތިވާތީ އާންމުންގެ ތެރެއަށް ނިކުންނަން ބޭނުން ނުވާ ކަމަށެވެ.
އެހެން މީހުންނާ ތަފާތު މީހަކަށްވުމަކީ އުނދަގޫ ކަމެއް ކަމަށް ބުޕެންދުރަ ގަބޫލުކުރެ އެވެ. ނަމަވެސް ޕޮޒިޓިވްކޮށް ދިރިއުޅުމުން ލިބުނު އުފަލެއް ވިއްޔާ ހާސިލުކުރުމަކީ ބުޕެންދުރަގެ އަމާޒެވެ.
"އަހަންނަށް ވަރަށް އޯގާތެރި ވަރަށް ލޯބިވާ އާއިލާއެއް ލިބިފައި ވާތީ ދުވަހަކު ބަލި ފަސޭހަ ނުވިޔަސް ޝަކުވާއެއް ނެތް،" ބުޕެންދުރަ ބުނެފައިވެ އެވެ.
ސިފަ ކޮންމެ ގޮތަކަށް ހުއްޓަސް ބުޕެންދުރަ އަކީ އޭނާގެ އުމުރުގެ ޒުވާން ފުރައަށް އަރަމުން އަންނަ ކުދިންނެކޭ އެއްގޮތަށް ވަރަށް ހަރަކާތްތެރި ކުއްޖެކެވެ. ކްރިކެޓަކީ ބުޕެންދުރަ އަށް އެންމެ މަގުބޫލު ކުޅިވަރެވެ.
ސްކޫލަށް ނުދެވުނަސް ކޮންމެ ދުވަހަކު ވެސް ބުޕެންދުރަ ފޮތް ކިޔަން ގިނަ ވަގުތުތަކެއް ހޭދަކުރެ އެވެ. އޭނާގެ އެންމެ މަގްބޫލު ބަސް ކަމަށްވާ އިނގިރޭސި ބަހުން ލިޔެފައި ހުންނަ ފޮތެވެ.
ބުޕެންދުރަގެ ކަނާތު ލޯ އަނދިރިވުމުގެ ސަބަބުން ފޮތްކިޔާއިރު ވާތުލޮލަށް ވަރަށް ތަދުވެ އެވެ. ނަމަވެސް އެއީ އޭނާ އެންމެ ކުރާހިތްވާ ކަންތަކާ ދުރުވާ ސަބަބަކަށް ނުވެ އެވެ.
ބުޕެންދުރަގެ ހުވަފެނަކީ ކޮންމެވެސް ދުވަހަކުން މޮޅު ކައްކާ އަކަށް ވުމެވެ. މިހާރު އޭނާގެ މި ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ކުރަނީ ގޭގެ ބަދިގޭގައި މަންމައަށް ކައްކައިދީ އެއްޗެހި ކޮށައިދީ ހަދައިގެންނެވެ.
ބުޕެންދުރަ އޭނާގެ ބަނޑުގައި އޮއްވާ އޭނާގެ މަންމަ ކައުޝަލިޔާ ދޭވީ، 45، އަށް ބުޕެންދުރަ އަކީ ބަލި ކުއްޖެއްކަން އެނގުނެވެ.
"ސްކޭންކޮށްފައި ޑޮކްޓަރުން ބުނި ބަނޑުގައި އޮތް ދަރިފުޅުގެ ކަނާތު ލޮލުގެ މަތީ ބޮނޑީގައި ޓިއުމަރެއް އެބައިނޭ. އަދި ދަރިފުޅުގެ ބަލި ހާލު ޑޮކްޓަރުން އޮޅުން ފިލުވައިދިން. ނަމަވެސް އޭރު ބަނޑަށް ހަ މަސް ފުރިފައިވާތީ ދަރިފުޅު އެބޯޓްކޮށްލެވޭކަށް ވެސް ނެތް. އެހެންވެ އަހަންނާއި ފިރިމީހާ ނިންމީ ކޮންމެ ހާލެއްގައި ވިޔަސް ދަރިފުޅު ދުނިޔެއަށް ގެނެސް އޭނާއަށް އަހަރެމެންނަށް ވީ އެންމެ ރަނގަލު ފަރުވާއެއް ދީގެން ބަލަން،" ބުޕެންދުރަގެ މަންމަ ކިޔައިދީފައިވެ އެވެ.
"އުފަންވިއިރު އޭނާގެ ލޮލުގައި އިނީ ވަރަށް ކުޑަކުޑަ ޓިއުމަރެއް. އޭނާއަކީ ވަރަށް ލޯބި ލޯބި ކުއްޖެއް އޭރު. އަބަދު އިންނާނީ ހެވިފައި. އޭނާ އަކީ އެހެނިހެން ވެސް އާދައިގެ ކުދިން ފަދަ ކުއްޖެއް،"
އޭނާ ބުނި ގޮތުގައި ބުޕެންދުރަގެ ބައްޕަ އާއި އޭނާއާ ދެމީހުން ފުރަތަމަ ފަހަރަށް ބުޕެންދުރަ ގޮވައިގެން ޑޮކްޓަރަށް ދައްކަން ގެންދިޔައީ އުމުރުން ހަތް މަހުގަ އެވެ.
ނަމަވެސް ޑޮކްޓަރުން އެ ދެމަފިރިން ގާތު ބުނެފައި ވަނީ އެ ޓިއުމަރު ބޮޑުވުން ހުއްޓޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި އޮޕަރޭޝަން ވެސް ކުރެވޭނީ އޭނާގެ އުމުރުން 20 އަހަރު ވުމުން ކަމަށެވެ.
އޭރުއްސުރެ ފަރުވާ ކުރަމުން ގެންދިޔަ ނަމަވެސް އެއްވެސް ބޭހަކުން އަސަރެއް ނުކުރި ކަމަށް ވެސް ބުޕެންދުރަގެ މަންމަ ބުންޏެވެ.
ބުޕެންދުރަ ބޮޑުވަމުންދިޔަ ވަރަކަށް ޓިއުމަރު ބޮޑުވެ އޭނާގެ މޫނުގެ މަސްތަކާއި ހަންތައް އޮހެން ފެށި އެވެ. އަދި ނުވަ އަހަރުގައި އިމަޖެންސީ އޮޕަރޭޝަނެއް ކުރަން ޖެހުނެވެ.
"ޑޮކްޓަރުން ބުނަނީ ދިއްލީއަށް ގޮސް ސްޕެޝަލިސްޓުންނަށް ދައްކަން. ނަމަވެސް އަހަރެމެންގެ އެފަދަ މާލީ ތަނަވަސްކަމެއް ނެތް. މިހާރުވެސް މިވަރަށް ވެސް ބޭސް ކުރެވެނީ ބުޕެންދުރަގެ ބައްޕަ މަސައްކަތް ކުރަނީ ޕޯސްޓްގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް އެޑިޔުކޭޝަން އެންޑް ރިސާޗް (ޕިޖީއައި) ގައި ކަމަށް ވާތީ އެތަނުން އޭނާ އަށާއި އާއިލާއަށް ހިލޭ ބޭސް ކުރެވޭތީ،" ބުޕެންދުރަގެ މަންމަ ބުންޏެވެ.
ނިއުރޯފައިބްރޮމެޓޯސިސް އަކީ ޖެނެޓިކް ބައްޔަކަށް ކިޔާ ނަމެކެވެ. މި ބަލި ޖެހުމުން ދުޅަވެ ގަނޑުލާގޮތްވެ އެވެ. މި ބަލި ޖެހޭ 50 ޕަސެންޓް މީހުންނަށް ބަލި ޖެހެނީ އެ މީހެއްގެ މަންމަ އާއި ބައްޕަ އާ ދެ މީހުން ކުރެ ކޮންމެވެސް އެކެއްގެ ފަރާތުންނެވެ.
ބަލި އުފެދޭލެއް ވަރުގަދަޔަސް މި ބަލި ކެންސަރަކަށް ބަދަލެއް ނުވެ އެވެ. އަދި މިއީ ގައިން ގަޔަށް އަރާ ބައްޔެއްވެސް ނޫނެވެ.
މިއީ "އެލެފަންޓް މޭން" އާ ގުޅުން ހުރި ބައްޔެކެވެ. މި ނަމަކީ މި ބަލި ޖެހިގެން ސިފަ ހުތުރުވެފައިވާ ޖޯސެފް ކެރީ މެރިކް އަށް ނިސްބަތްކޮށް ކިޔާފައިވާ ނަމެކެވެ.
ނަމަވެސް 1986 ގައި މުޅިން އާ ތިއަރީއެއް އުފަންވި އެވެ. މާވިކް އަށް ހަގީގަތުގައި ޖެހުނީ ޕްރޮޓެއުސް ސިންޑްރޯމް ކިޔާ ބައްޔެއްކަމަށާއި މި ބަލި ޖެހުމުން ކަށިތަކާއި މަސްތައް އަދި ބޯ އަސްލު އުފެދޭ ގޮތަށް ނޫން ގޮތްގޮތަށް އުފެދެން ފަށާކަން އެނގުނެވެ. ނަމަވެސް ފަހުން އަނެއްކާ 2001 ގައި އޭނާގެ ބައްޔަކީ ނިއުރޯފައިބްރޯމެޓޯސިސް ޓައިޕް ވަން (އެންއެފް1) އާއި ޕްރޮޓިއުސް ސިންޑްރޯމްކަމަށް ޑޮކްޓަރުން ނިންމި އެވެ.
ނަމަވެސް އޭނާގެ އިސްތައްޓާއި ކަށީގެ ޑީއެންއޭ ޓެސްޓުން އޭނާގެ ބަލި އެނގޭ ގޮތެއް ނުވި އެވެ.
ނޭޕާލުގައި ވެސް މިކަހަލަ "އެލެފަންޓް މޭން" އެއް އެބަހުއްޓެވެ. އުމުރުން 54 އަހަރުގެ އަޝޯކް ޝްރެސްތާ ގެ މޫނުގެ ހަންތައް ފައިބާފައިވާ މިންވަރުން މިހާރު އޭނާއަށް ކައިބޮއި ހަދަން ވެސް ދައްޗެވެ. ޗިކާގޯގެ ޕްރެސެންސް ސެން ޖޯސަފް ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. މެކްކިނޮން ވަނީ އަޝޯކްގެ ބައްޔަށް ފަރުވާ ކޮށްދޭން އެއްބަސްވެފަ އެވެ. ނަމަވެސް މި ފަރުވާއަށް 30،000 ޕައުންޑް ބޭނުންވާތީ އެ ގައުމުގެ ބައެއް އެންޖީއޯތައް ގުޅިގެން މިހާރު އޭނާއަށް ފަންޑް ހޯދާދިނުމުގެ ޕްރޮގްރާމެއް ކުރިއަށް އެބަ ގެންދެ އެވެ.