ބައެއް މަރުކަޒުތަކަށް ދެ ފޮށި ފޮނުވުމަކީ އާ ކަމެއް ނޫން: އީސީ
ބައެއް މަރުކަޒުތަކަށް ދެ ފޮށި ފޮނުވުމަކީ އާ ކަމެއް ނޫން: އީސީ

ވޯޓުލާ ބައެއް މަރުކަޒުތަކަށް ދެ ފޮށި ފޮނުވުމަކީ މި ރިޔާސީ އިންތިޚާބާ ދިމާކޮށް އަލަށް ކުރާ ކަމެއް ނޫން ކަމަށާއި މީގެ ކުރިން ބޭއްވި އިންތިޚާބުތަކުގައި ވެސް އަމަލުކުރި ގޮތެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު ފޮށިތައް ރަށްތަކަށް ފޮނުވަން ފަށާފައިވާއިރު، ބައެއް މަރުކަޒުތަކަށް ދެ ފޮށި ފޮނުވާ ސަބަބާ މެދު އިދިކޮޅު ބައެއް މެމްބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވޯޓު ފޮށިތައް ފޮނުވަމުން ދަނީ، ކޮންމެ ރަށަކަށް އެއް ފޮށި އިތުރުވާ ގޮތަށް ކަމަށެވެ. މި އިންތިޚާބުގައި ވާދަކުރައްވަނީ އެންމެ ދެ ކެންޑިޑޭޓުން ކަމަށް ވެފައި، އެހެން އިންތިޚާބުތަކާ ޚިލާފަށް މި ފަހަރު އެއްބުރުން ނަތީޖާ ނެރޭއިރު ކޮންމެ މަރުކަޒަކަށް ވޯޓު ފޮއްޓެއް އިތުރުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެއީ ކޮން ވިސްނުމެއްގައި، އިލެކްޝަނުން އަމަލުކުރަން ރާވާފައިވާ ގޮތެއްތޯ ސާފުކޮށްދެއްވަން ވެސް މަހްލޫފް ވަނީ ގޮވާލައްވައިފަ އެވެ.

ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ މަހްލޫފް އާއްމު ކުރައްވާފައި ވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. މީގެ ކުރިން ބޭއްވި އިންތިޚާބުތަކުގައި ވެސް ބައެއް މަރުކަޒުތަކަށް ދެ ފޮށި ފޮނުވާކަމަށް ވިދާޅުވެ، ހެއްކެއްގެ ގޮތުގައި ދެއްކެވީ 2013 ގެ އިންތިޚާބުގައި އއ. އަތޮޅު އިލެކްޝަން ޔުނިޓަށް ފޮނުވާފައިވާ ފެކްސް މެސެޖެކެވެ.

އޭގައި އެދިފައި ވަނީ، އިންތިޚާބުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމްކުރާ ކޮންމެ މަރުކަޒަކަށް ދެ ވޯޓު ފޮއްޓާއި ވޯޓިން ބޫތު ހުރި ކަން ކަށަވަރު ކުރުމަށެވެ.

"އެހެންވީމަ، 2013ގެ ރިޔާސީ އިންތިޚާބުގައި ވެސް އެބަހުރި ބައެއް މަރުކަޒުތަކަށް ދެ ފޮށި ފޮނުވާފައި. އެއީ އެއް ފޮށި ފުރިއްޖެ ހާލަތެއްގައި ބޭނުންކުރަން. މި އިންތިޚާބުގައި ވެސް ދެ ފޮށި ފޮނުވާނީ ކުރީގެ އިންތިޚާބުތަކުގައި ފޮނުވާފައި ހުރި މަރުކަޒުތަކަށް،" އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަންސުން ބުނިގޮތުގައި ފޮއްޓަކަށް ވޯޓުލާ އާބާދީ 600-1000 ދޭތެރޭގައި ނަމަ އެ މަރުކަޒަކަށް ފޮނުވާނީ ކުޑަ ދެ ފޮއްޓެވެ. އަދި ފޮއްޓަކަށް ވޯޓުލާ އާބާދީ 1،000 އަށް ވުރެ އިތުރު ނަމަ ފޮނުވާނީ، ބޮޑު ފޮއްޓަކާއި ކުޑަ ފޮއްޓެކެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ދެ ފޮށި ފޮނުވާއިރު، ނަމްބަރު ޖަހާފައި ހުންނާނީ އެއް ފޮށީގަ އެވެ. އިންތިޚާބުތަކުގައި ކޮންމެ ފޮއްޓަކަށް ވަކި ނަމްބަރެއް ޚާއްސަ ކޮށްފައި ހުންނާނެ އެވެ.

"އަނެއް ފޮށީގައި ނަމްބަރު ޖަހާނީ، ފުރަތަމަ ފޮށި ފުރިއްޖެ ނަމަ،" އަކްރަމް ވިދާޅުވި އެވެ.

އިންތިޚާބުގެ އެއްވެސް ކަމަކާ ގުޅޭ ގޮތުން އާއްމުންނަށް އޮޅުންއަރާ ގޮތަށް މައުލޫމާތު ފެތުރުމުގެ ކުރިން، އެކަމުގެ ހަގީގަތް އިލެކްޝަންސް ކޮމިޝަނުން ހޯދަން އަކްރަމް އެދިވަޑައިގަތެވެ.