ޖާންވީ ކަޕޫރް ޕައިލެޓެއްގެ ރޯލަށް
ޖާންވީ ކަޕޫރް ޕައިލެޓެއްގެ ރޯލަށް

ދާދި ފަހުން ރިލީޒްކުރި "ދަޅަކް" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ ޖާންވީ ކަޕޫރް ފިލްމެއްގައި ޕައިލެޓެއްގެ ރޯލް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޖާންވީ ކަޕޫރް ޕައިލެޓެއްގެ ރޯލަށް
ޖާންވީ ކަޕޫރް ޕައިލެޓެއްގެ ރޯލަށް

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި 21 އަހަރުގެ ބަތަލާ ޕައިލެޓެއްގެ ރޯލުން ފެނިގެން ދާނީ "ދަޅަކް" ވެސް ގެނެސް ދިން ކަރަން ޖޯހަރްގެ ދަރްމާ އިން ޕްރޮޑިއުސް ކުރާ މި ފިލްމަކުންނެވެ. މި ފިލްމަކީ އިންޑިއާގެ ފުރަތަމަ އަންހެން ހެލިކޮޕްޓަރު ޕައިލެޓް ގުންޖަން ސަކްސޭނާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

އިންޑިއަން އެއާ ފޯސް (އައިއޭއެފް) ގައި މަސައްކަތްކުރާ ގުންޖަންއަކީ 1999 ގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ކަރްގިލް ހަނގުރާމައިގައި ޒަހަމްވި އިންޑިއާ ސިފައިން ހެލިކޮޕްޓަރުގައި އުފުލަން ހަރަކާތްތެރި ޕައިލެޓެކެވެ.

އޭނާގެ ވާހަކަ ފިލްމެއްގެ ގޮތުގައި ގެނެސް ދޭން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް މިކަމާ ބެހޭ ގޮތުން ކަރަން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ޖާންވީ ދާދި ފަހުން ވަނީ ކަރަން ޑައިރެކްޓްކޮށް 2020 ގައި ގެނެސްދޭ ތާރީހީ ފިލްމް "ތަހުތު" އަށް ސޮއިކޮށްފަ އެވެ. އެ ފިލްމްގެ ކާސްޓުންގެ ތެރޭގައި އޭނާގެ ބޮޑުބޭބެ އަނިލް ކަޕޫރް، ކަރީނާ ކަޕޫރް، ވިކީ ކޯޝަލް، އާލިއާ ބަޓް، ރަންވީރް ސިންގް އަދި ބޫމީ ޕެޑްނޭކަރް ހިމެނެ އެވެ.

ކަރަން ޕްރޮޑިއުސްކޮށް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނެ ފިލްމަކީ ޑިސެމްބަރު 28 ގައި ރިލީޒް ކުރާ "ސިމްބާ" އެވެ. ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ އެ ފިލްމްގެ ތަރިންނަކީ ރަންވީރާއި ސާރާ އަލީ ހާނެވެ.