07 އޯގަސްޓް 2016 - 06:26

ލޯ ސްކޭންކުރުމޭ ބުނުމުން އެ ކުރަނީ ކޮން ކަމެއް ކަމެއް މުޅިން ސާފެއް ނުވެ އެވެ. ރިސާޗް ލެބޯޓަރީތަކުގައި، ސަލާމަތީ މިންގަނޑެއް ގޮތުގައި، ލޮލުގެ ދެ ބައެއް ސްކޭންކުރެ އެވެ. އެއީ "ރެޓިނާ" އާއި "އައިރިސް" އެވެ. "ރެޓިނަލް ސްކޭނިން" އާއި "އައިރިސް ސްކޭނިން" އެވެ.
ގެލަކްސީ ނޯޓް 7 ގައި ލޯ ސްކޭންކުރާ ފީޗާއެއް ހުރެޔޭ ބުނެ ނިސްބަތްކުރެވެނީ އެ ފޯނުގައި ހުންނަ "އައިރިސް ސްކޭނިން" ނިޒާމަށެވެ. އައިރިސް އަކީ ލޮލުގެ ކަޅުކަޅި އެވެ. ރެޓިނާ އަކީ ލޮލު ގޮބޮޅި އެތެރޭގެ، ފަހަތު ބިތުގެ ފަށަލަ އެވެ.
ގެލަކްސީ ނޯޓް 7 އިން ލޯ ސްކޭންކުރުމުގައި އަސާސީ މަސައްކަތްތައް ފަށަނީ ފޯނުގެ ކުރިމަތީގައި އިންނަ ކެމެރާއިންނެވެ. ކެމެރާ ނިޒާމާ ގުޅިފައި ހުންނަ ތިން ލެންސަކުންނެވެ. އެ ތިން ލެންސްގެ މަސައްކަތް ހިނގައި ދަނީ މި ކަހަލަ ގޮތަކަށެވެ.
ކަޅުކަޅި ސްކޭންކުރުމަށްޓަކައި ލޮލާ ވަކި ދުރުމިނެއްގައި ފޯނު ހިފަހައްޓަން ޖެހެ އެވެ. ފޯނުގެ ސްކްރީނުން ފެންނަން ހުންނަ ދެ ވަށްބުރުގެ ތެރެއިން ދެ ލޯ ފެންނަ ގޮތް ހަދަން ވެސް ޖެހެ އެވެ. އެ އަށް ފަހު ފޯނުގެ ތެރޭގައި ހިނގައިދާ މަސައްކަތްތައް ހުރިހާ އެންމެންނަކަށް ނޭނގެ އެވެ. އެނގެނީ ލަހެއް ނުވެ ލޯ ސްކޭންކުރެވޭ ކަމެވެ. ލޯ ދައްކާލާއިރަށް ފޯނު ހުޅުވޭ ކަމެވެ.
ފޯނުގެ ސަލާމަތީ މިންގަނޑެއް ގޮތުގައި ލޯ ސްކޭންކުރެވެމުން ދާއިރު، އެއްފަހަރާ ތިން ލެންސެއް ހަރަކާތްތެރިވެ އެވެ. ސެމްސަންގުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ފުރަތަމަ ލެންސުން، މާހަލުގެ އަލި މިނާއި ކުލަވަރު ދެނެގަނެ އެވެ. ދެ ވަނަ ލެންސުން، ލޮލުގެ ކަޅުކަޅި ބަލައި ޗެކްކުރެ އެވެ. ތިން ވަނަ ލެންސުން، ލޯ ވަށައިގެން ހުންނަ ފާހަގަތައް ނަކަލުކުރެ އެވެ. އަދި އެ ހުރިހާ މައުލޫމާތު ފޯނުގައި ރައްކާކުރެ އެވެ. އެ އަށް ފަހު ލޯ ސްކޭންކުރާ ކޮންމެ ފަހަރަކު އެ ހުރިހާ މައުލޫމާތެއް އަޅާކިޔެ އެވެ.
ލޯ ސްކޭންކޮށް ފޯނުގެ ސްކްރީން ތަޅުލަން ޖެހެނީ ފޯނު ހިމާޔަތްކުރުމަކަށް ނޫނެވެ. ފޯނު މެދުވެރިކޮށް ބޭނުންހިފާ އެހެން ވަސީލަތްތައް ރައްކާތެރިކުރުމަށެވެ. ބޭންކް އެކައުންޓްތައް، ބޭންކް ކާޑްތައް އަދި "ލޮގިން އެކައުންޓް"ތަކެވެ. އޭގެ ތެރޭގައި އީމެއިލް އެކައުންޓްތައް ވެސް ހިމެނެ އެވެ.
ސްމާޓްފޯންތަކާ ހިސާބަށް ފިންގާޕްރިންޓް ސްކޭނިން އާއި "އައިރިސް ސްކޭނިން" އައިސްފައި ވާއިރު، ސެމްސަންގް ގެލަކްސީ ނޯޓް 7 ވެފައި ވަނީ "އައިރިސް ސްކޭނިން" ނިޒާމާ އެކު ބޭނުންކުރާ މީހުންގެ އަތްމައްޗަށް އެރި ފުރަތަމަ ފޯނަށެވެ.