އިލްޔާސްގެ ސުވާލު: "މިއީ، ކޮން ކަހަލަ އިންސާފެއް؟"
އިލްޔާސްގެ ސުވާލު: "މިއީ، ކޮން ކަހަލަ އިންސާފެއް؟"

ވަކި މީހަކު ދައްކާ ވާހަކައެއް ނުވަތަ ކުރާ ކަމަކީ ދީނަށް ފުރައްސާރަ ކުރުން ކަމުގައި ބަލައިނުގަތުމަކީ ކޮން ކަހަލަ އިންސާފެއްތޯ ޝޭހް އިލްޔާސް ހުސައިން މިއަދު ސުވާލު ކުރައްވައިފި އެވެ.

އިދިކޮޅު ޕާޓީތަކުގެ ޖަލްސާއެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ އިލްޔާސް މި ސުވާލު ކުރެއްވީ، ރާއްޖެ އިން ބޭރުގައި ހުންނަވައި ޓުވިޓާ މެދުވެރިކޮށެވެ. އިލްޔާސް ފުލުސް އޮފީހަށް ހާޒިރުވާން އެންގީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ބެހޭ ގޮތުން، ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

މެލޭޝިއާގައި ހުންނެވި އިލްޔާސް ކުރެއްވި ޓުވީޓުގައި އެއްސެވީ ވަކި މީހަކު ދައްކާ ވާހަކަތައް ނުވަތަ ކުރާ ކަންތައްތައް ދީނަށް ފުރައްސާރަކުރުން ކަމަށް ވެފައި، އަނެކާ ދައްކާ ނުވަތަ ކުރާ އެފަދަ ކަންތައްތައް ދީނަށް ފުރައްސާރަ ކުރުން ކަމަށް ނުވުމަކީ ކޮން ކަހަލަ އިންސާފެއްތޯ އެވެ.

އެގޮތަށް ވާހަކަ ދެއްކުމަކީ މީސްތަކުންނަށް އޮޅުވާލުން ކަމުގައި ނޫނީ ނުވާނެ ނޫންތޯ ވެސް އޭނާ އެއްސެވި އެވެ. އެއާއެކު ގުރުއާނުގެ އާޔަތެއް ވެސް އާއްމުކުރެއްވި އެވެ.

އެ އާޔަތުގެ މާނައިގައި ވަނީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން ﷲ އަށް ތަގުވާވެރި ވާށެވެ. އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ."

އިލްޔާސްގެ ވާހަކަ އަމާޒު ކުރެއްވީ ސީދާ ކޮން ބޭފުޅަކަށް ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު، ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް ސިޔާސީ އެކި މައްސަލަތަކުގައި ދީނުގައި އޮންނަ ގޮތާ ގުޅުވައި އިލްޔާސް ވާހަކަ ދައްކަވަމުން ގެންދަވާތީވެ، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ބައެއް އިލްމުވެރިންނާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

އަނިޔާވެރިވުމަކީ، އިސްލާމްދީނުގައި ކިހާ ނުބައި ކަމެއް ކަން އޮޅުންފިލުވައިދޭން ދެއްކެވި ވާހަކަތަކުގެ ތެރޭގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ހިމެނުމުން، އިލްޔާސަށް ފާޑުކިއުން އަމާޒުވެ، އޭނާ ދެއްކެވި ވާހަކަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ސަރުކާރަށް ނުސީދާކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލި ފަހުން، އެކަމާ ގުޅުން ހުރި ނުވަ ޒުވާނަކު، އެކި ފަހަރު މަތިން މަރާލާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާއިން ފެނިވަޑައިގެންނެވި ކަމަށެވެ. އެ ވާހަކަ އަކީ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން މިހާތަނަށް ލިބިފައި ނުވާ މައުލޫމާތުތަކެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އިލްޔާސް ދައްކަވާ ވާހަކަތަކަށް ފާޑުކިޔާ މީހުން ދެކޭ ގޮތުގައި ދީނީ ގޮތުން ކަންކަން އޮޅުންފިލުވައި ދެއްވުމަށް ވުރެން ބޮޑަށް އިލްޔާސް ދައްކަވަނީ ސިޔާސީ ވާހަކަތަކެކެވެ. އެއީ، ކޮންމެ އިންތިޚާބަކާ ދިމާކޮށް ވެސް އޭނާ އަމަލުކުރައްވާ ގޮތެއް ކަމަށް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

އެ ވާހަކަތަކަށޤ ރައްދު ދެއްވައި އިލްޔާސް ވިދާޅުވެފައި ވަނީ މި އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދު ކުރެއްވުމުން، މާޒީގައި އޭނާ ދައްކަވާފައި ހުރި ވާހަކަތަކެއް އާއްމުކޮށް ދެއިރު ދެގޮތަށް ވާހަކަ ދައްކަވާ ކަމަށް ބުނެ މަސައްކަތް ކުރަމުން ދަނީ ހަގީގަތް އޮޅުވާލަން ކަމަށެވެ. އެކަން ކާމިޔާބު ނުވާނެ ކަމަށާއި ގޯސް ކަންކަމާއި އަނިޔާ އާއި ނާއިންސާފުން ކުރާ ކަންކަމަށް ބަސް ވިދާޅުވުމުގެ ބަދަލުގައި އިލްމުވެރިން ވެސް އެކަންކަން ސިފަކުރައްވަންވީ ތަރައްގީގެ ގޮތުގައިތޯ އިލްޔާސް ވަނީ ސުވާލު ކުރައްވައިފަ އެވެ.