ބަދަނަށް އެލާޖިކްވާ މީހުންނަށް އެހީއެއް
ބަދަނަށް އެލާޖިކްވާ މީހުންނަށް އެހީއެއް

ކާބޯތަކެއްޗާ ނުގުޅުން ނުވަތަ އެލާޖިކްވުމުގެ މައްސަލައަކީ ހީވެސްނުކުރާ ފަދަ ބޮޑެތި ގެއްލުން ކުރިމަތިވެދާނެ ކަމެކެވެ. ގްލޫޓަންއަށް އެލާޖިކްވުމާއި ބަދަނަށް އެލާޖިކްވާ މީހުން ވަރަށް ގިނައެވެ. ކާ ކޮންމެ އެއަށް އަޅާފައިވަނީ ކޮން ކޮން ބާވަތްތަކެއްތޯ ބަލައިގެން ނޫނީ އެ ފަދަ މީހުންނަކަށް ނުކެވޭނެއެވެ. ފުރާނައަށް ވެސް ނުރައްކާވެދާނެއެވެ.

މި މައްސަލައަށް ހައްލުތައް ހޯދަން ސައިންސްވެރިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެލާޖިކް ވެއްޖެ ނަމަ ކަން ކުރަންވީ ގޮތާއި އެފަދަ ދަނޑިވަޅަކަށް ފުރަތަމަ އެހީ ހޯދޭނެ ގޮތްތައް އެ ބަޔަކު ތިބެނީ ދަސްކޮށްގެންނެވެ. އެކަމަކު މުހިއްމު ކަމަކީ އެ ހާލަތަށް މީހާ ނުދަނީސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ. ނީމާއިން އެކަމަށް މަގުފަހިކޮށްދޭ ކުޑަ އާލާތެއް މިހާރު ވިއްކަމުން އެބަދެއެވެ.

ގްލޫޓަންގެ މާއްދާ ކާބޯތަކެތީގައި ހުރި މިންވަރު އަންގައިދޭ އާލާތަކުން އާންމުންގެ ސަމާލުކަން ހޯދި ނީމާ ކުންފުނިން މިހާރު ފަށާފައިވަނީ ބަދަނުން ފުރާނައަށް ގެއްލުންވާ މީހުންނަށް އެހީވުމުގެ މަސައްކަތެވެ. ނީމާ ޕީނަޓް ސެންސަ އަކީ ކިރިޔާ ވެސް ބަދަނުގެ މިންވަރެއް ހުރި ނަމަ އަންގައިދޭނެ އާލާތެކެވެ.

ނީމާއިން ކާނާ ޓެސްޓްކުރެވޭނީ މި އާ އެކު ވިއްކާ ކުޑަ ދަޅަކަށް ކާއެތިކޮޅެއް ޖަހާފަ ނީމާ ޑިވައިސް ތެރެއަށް ލައްވާލައިގެންނެވެ. ކުދި ކުދި އަޑުތަކާއެކު ޓެސްޓްކުރުމަށްފަހު ނަތީޖާ އަންގައިދޭނީ ސީދާ ނީމާ ފޮށްޓަށް އަރާ ކުރެހުމަކުންނެވެ. ބަދަނުގެ އަސަރު ހުރި ނަމަ އިގިރޭސި ބަހުން "ޕީނަޓް ފައުންޑް" މިހެން ފެންނާނެއެވެ. އަދި ބަދަނެއްގެ ކުރެހުންވެސް މިއާ އެކު އަރާފަ ހުންނާނެއެވެ. މިކަމަށް ހޭދަވާނީ އެންމެ 5މިނިޓެވެ. ޕީނަޓް ޕްރޮޓީންގެ އަސަރު ނެތް ނަމަ ތަންކޮޅެއް ގިނައިރުވުން އެކަށީގެންވެއެވެ. ނަތީޖާ ފެންނާނީ ހީނލާފަ ހުންނަ މޫނެއްގެ ސިފައިގައެވެ.

ނީމާ ފަރުމާކޮށްފައިވަނީ މި ބޭނުންކުރާ މީހާގެ ފޯނާ ބްލޫޓޫތުން ގުޅޭ ގޮތަށެވެ. އޭރުން ބޭނުން ނަމަ ފާއިތުވެދިޔަ ތަނުގައި ކުރި ޓެސްޓްތަކުގެ ނަތީޖާއާއި ބަދަން ހުރި ކަމަށް މިހާތަނަށް އަމިއްލައަށް އަޖުމަ ބެލެވުނު ކާބޯތަކެތީގެ ލިސްޓަކާއި ނީމާގެ ފަރާތުން ބަދަނުގެ އަސަރު ހުރިތޯ ޗެކުކޮށް ބެލުނު ރެސްޓޯރަންޓްތަކުގެ ނަންތަކާއި، އެތަންތަން ހުންނަ ސަރަހައްދުތައް އެނގޭނެއެވެ.

ނީމާ ޑިވައިސެއް މިހާރު ވިއްކަން ހުރީ 229 އެމެރިކާ ޑޮލަރަށެވެ. މީގެ ކެޕްސޫލެއް ނުވަތަ ޓެސްޓްކުރާ ދަޅެއްގެ އަގަކީ 5 ޑޮލަރެވެ.