14 ސެޕްޓެމްބަރ 2018 - 06:19

ކާމިޔާބު ދެ ފިލްމަކުން މި އަހަރުގެ މިހާތަނަށް ފެނިފައިވާ އަކްޝޭގެ ތިން ވަނަ ފިލްމެއް ވެސް މިހާރު އަންނަނީ ރިލީޒްކުރަން ތައްޔާރުވަމުންނެވެ. އެއީ ނޮވެމްބަރު މަހުގެ 29 ގައި ރިލީޒްކުރާ ސައިންސް ފިކްޝަން ފިލްމު "2.0" އެވެ.
އަކްޝޭ ލީޑް ރޯލް ކުޅުނު "ޕެޑްމޭން" އާއި "ގޯލްޑް" އަކީ މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ދެ ފިލްމެވެ. އެގޮތުން "ގޯލްޑް" އަކީ 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވެސް ހޯދި ފިލްމެކެވެ. އަންނަ އަހަރަށް ވެސް އަކްޝޭގެ ގިނަ ފިލްމުތަކެއް ސިނަމާތަކަށް އަންނާނެ އެވެ. އެގޮތުން އަންނަ އަހަރު ވާނީ އޭނާ ވަރަށް ތަފާތު ރޯލްތަކުން ފެންނާނެ އަހަރަކަަށެވެ. "2.0" އަކީ ވެސް އަކްޝޭ މުޅިން ތަފާތު ގޮތަކަށް ފެނިގެން ދާނެ ފިލްމެކެވެ.
އިންޑިއާގައި ހިނގި ސަރްގާހީ ހަނގުރާމަ އަށް ބިނާކޮށް ހަދާ ފިލްމު "ކެސަރީ" އަކީ ޕީރިއަޑް ޑްރާމާއެކެވެ. މި ފިލްމުގައި އަކްޝޭ ފެންނާނީ ހަވިލްދާރް އިޝާރް ސިންގް ކިޔާ ވަރުގަދަ ހަނގުރާމަވެރިއެއްގެ ރޯލުންނެވެ.
ކަރަން ޖޯހަރްގެ ދަރްމާ އާއި ރިލަޔަންސް އެންޓްޓައިންމަންޓް އަދި އަކްޝޭގެ ކޭޕް އޮފް ގުޑް ހޯޕްސް ގުޅިގެން ގެނެސްދޭ ފިލްމު ސިނަމާތަކަށް އަންނާނީ މާޗް، 21، 2019 ގަ އެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ އަނޫރާގް ސިންގް" އެވެ.
"ކެސަރީ" ވެގެން ދާނީ އަކްޝޭ އާއި ޕަރިނީތީ ޗޯޕްޅާގެ ޖޯޑު އެކީގައި ސްކްރީނުން ފެނިގެންދާ ފިލްމަށެވެ.
އަކްޝޭގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ "ގުޑް ނިއުސް"، "ހައުސްފުލް 4" އަދި "ހީރާ ޕޭރީ 3" ހިމެނެ އެވެ.
ކެނެޑާގައި މިހާރު ކުރިއަށްދާ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ބޮލީވުޑްގެ ފިލްމު "މަންމަރްޒިޔާން" ޕްރިމިއާކޮށްފި އެވެ. މި ފިލްމަކީ މަހުގެ 21 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމެކެވެ.
އަނޫރާގް ކެޝަޕް ޑައިރެކްޓްކޮށްފައިވާ ތިނެސްކަން ލޯބީގެ ވާހަކައެއް ކިޔައިދޭ "މަންމަރްޒިޔާން" ގައި ލީޑް ރޯލު ކުޅެފައި ވަނީ އަބީޝެކް ބައްޗަން އާއި ތާޕްސީ ޕަންނޫގެ އިތުރުން ވިކީ ކޯޝަލް އެވެ. ޑައިރެކްޓަރުގެ އިތުރުން ފިލްމްގެ ތިން ތަރިން ވެސް ޓީއައިއެފްއެފްގައި ބައިވެރިވެފައިވެ އެވެ.
ފިލްމެއްގައި ޓިޕިކަޕް ލޯބިވެރިއެއްގެ ރޯލް ކުޅުމުގެ ބަދަލުގައި ތަފާތު އެހެން ކަހަލަ ރޯލެއް ކުޅެން މާ ބޭނުންވާ ކަމަށް ބަތަލާ ޔަމީ ގޯތަމް ބުނެފި އެވެ. މި މަހުގެ 21 ގައި ރިލީޒް ކުރާ "ބައްތީ ގުލް މީޓަރު ޗާލޫ" ގައި އޭނާ ފެނިގެން ދާނީ ކޯޓް ރޫމް ތެރޭގައި އެކްޓަރު ޝާހިދު ކަޕޫރާ ޖަދަލު ކުރާ ވަކީލާއެއްގެ ރޯލުންނެވެ.
ޝްރީ ނާރަޔަން ޑައިރެކްޓްކޮށްފައިވާ ފިލްމުގައި ވަކީލެއްގެ ރޯލް ކުޅެލަން ލިބުމަކީ ޔަމީގެ ހުވަފެނެއް ހަގީތަކަށް ވެސް ވުމެވެ. އޭނާ ބުނި ގޮތުގައި މުނިފޫހި ފިލުވުމުގެ ދާއިރާ އަށް ނުކުތުމުގެ ކުރިން ލޯޔަރަކަށް ވާން ވެސް މަސައްކަތް ކުރި އެވެ.
އެކަމަކު އެކްޓިން އޭނާ ގެނެސް މުމްބާއީ އަށް ދޫކޮށްލުމުން އެކަން ނުވެ އޮތީ އެވެ. ނަމަވެސް ފިލްމެއްގައި ވަކީލެއްގެ ރޯލް ކުޅެން ލިބުމަކީ ވަކީލެއްގެ ތަޖުރިބާކޮށްލަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ބުންޏެވެ.
"ބައްތީ ގުލް މީޓަރު ޗާލޫ" ގައި ޝާހިދުގެ ލޯބިވެރިޔާގެ ރޯލް ކުޅެފައި ވަނީ ޝްރަދާ ކަޕޫރެވެ.