15 ސެޕްޓެމްބަރ 2018 - 07:18

މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއްހެން ޕްލޮޕްވެފައިވާ ސައިފް އަލީ ހާންގެ އާ ފިލްމް "ބާޒާރު" އަންނަ މަހުގެ 26 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މި ފިލްމަކީ މިހާތަނަށް ރިލީޒް ކުރާނެ ތާރީހެއް ކަނޑަނޭޅި ލަސްވެފައި އޮތް ފިލްމެކެވެ. "ބާޒާރު" އަކީ ސައިފްގެ ކެރިއަރު މުޅިން އާ މިސްރާބަކަށް ބަދަލުކޮށްދިން ކާމިޔާބު ފިލްމު ކަލް ހޯ ނަ ހޯ (2003) ގެ ޑައިރެކްޓަރު ނިކިލް އަދްވާނީ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
މާލީ މައްސަލަގަނޑެއްގެ ވާހަކަ ކިޔައިދޭ ކްރައިމް ތުރިލާ "ބާޒާރު" ޑައިރެކްޓްކޮށްފައި ވަނީ ގޯރަވް ކޭ ޗާވްލާ އެވެ.
މި ފިލްމުން "ގަރް"، "ބޭމިސާލް"، އަދި "ސަބްސޭ ބަޅާ ރުޕައްޔާ" ފަދަ ފިލްމުތައް ކުޅުނު ކުރީގެ މަޝްހޫރު އެކްޓަރު ވިނޯދް މެހެރާގެ ފިރިހެން ދަރިފުޅު ރޯހަން މެހެރާ ބޮލީވުޑަށް ތައާރަފުވެގެން ދާނެ އެވެ. އޭނާ އާއި ސައިފާ އެކު ފިލްމުގެ ބަތަލާއިންގެ ރޯލުން ފެނިގެން ދާނީ ރާދިކާ އަޕްޓޭ އާއި ޗިތުރަންގަދާ ސިންގް އެވެ.
ސައިފްގެ ފިލްމަކަށް އެންމެ ފަހުން ސްކްރީނަށް އައީ މި އަހަރުގެ ކުރީކޮޅު ރިލީޒް ކުރި ފްލޮޕް ފިލްމު "ކާލަކާންޑީ" އެވެ. އޭގެ ކުރިން ރިލީޒްވި އޭނާގެ "ޝެފް" އާއި "ރަންގޫން" އަކީ ވެސް ވަރަށް ނާކާމިޔާބު ދެ ފިލްމެވެ.
ނަމަވެސް ޖުލައި މަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރި ސައިފްގެ ވެބް ސީރީޒް "ސެކްރެޑް ގޭމްސް" އަކީ އާންމުންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބުނު އެއްޗެކެވެ. މީގެ ދެވަނަ ސީޒަނެއްގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، އޭނާ މިހާރު އަންނަނީ "ހަންޓާ" ކިޔާ ފިލްމެއް ވެސް ކުޅެމުންނެވެ.