14 ސެޕްޓެމްބަރ 2018 - 18:42

ހައިދަރުއާބާދު (ސެޕްޓެމްބަރު 14) - އިންޑިއާގެ ދެކުނުގެ ހައިދަރުއާބާދުގެ ކުރީގެ ޝާހީ އާއިލާއަކުން ބޭނުން ކުރި ރަނުގެ ތަށިބަރި ބަޔަކު ވަގަށް ނެގިތާ ދުވަސްކޮޅެއް ފަހުން އިންޑިއާ ފުލުހުން އެ ހޯދައިފި އެވެ.
ވަގުން ވަނީ ޖަވާހިރަކާއި ރަނުގެ ސައިބޯ ޖޯޑަކާއި ވަތުތައްޓަކާއި ސަމުސަލެއް ވެސް ވަގަށް ނަގައިފަ އެވެ. އެ ތަކެތީގެ އަގު ހަތް މިލިއަން ޑޮލަރަށް އަރަ އެވެ. އެ ތަކެތި ނިސްބަތް ވަނީ ހައިދަރުއާބާދުގެ ކުރީގެ ރަސްގެފާން މީރް އުސްމާން އަލީ ޚާން އަށެވެ.
މި ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައިދަރުއާބާދުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ ދެ މީހުން ވަނީ ރަނުގެ ތަށިބަރި ހިފައިގެން މުމްބާއީ އަށް ގޮސް އެ ގަންނާނެ ބަޔަކު ވޭތޯ ބަލައިފައި ކަމަށެވެ. ނަމަވެސް ތަށިބަރި ގަންނާނެ ބަޔަކު މުމްބާއީ އިން ނުވުމުން އެ މީހުން ވަނީ އެނބުރި ހައިދަރުއާބާދަށް ގޮސްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވަގުން ތަށިބަރި ނަގާފައި ވަނީ ގަނޑުވަރުގެ 32 ސީސީޓީވީ ކެމެރާ ނިއްވާލުމަށް ފަހު އެވެ. ނަމަވެސް ގަނޑުވަރާ ކައިރީގައިވާ ކެމެރާއަކަށް ވަނީ ދެ މީހުން މޮޓޯސައިކަލެއްގައިދާ މަންޒަރު ރެކޯޑްވެފަ އެވެ. ފުލުހުން ވަނީ އެ ސައިކަލް ހޯދައިފަ އެވެ. އަދި ވަގުން ހޯދާފައި ވަނީ އެ ސައިކަލްގެ އެހީގަ އެވެ.
ވަގަށް ނެގި ރަނުގެ ތަށިބަރި ބަހައްޓާފައި ހުރީ މިހާރު ދާރުލްއާސާރަކަށް ބަދަލުކޮށްފައިވާ ރަސްގެފާން ދިރިއުޅުއްވި ގަނޑުވަރުގަ އެވެ. ފުލުހުން ބުނީ ތަށިބަރި އާއި އެހެން ތަކެތި ދާރުލްއާސާރަށް ހަވާލު ކުރާނެ ކަމަށެވެ.