ފުވައްމުލަކުގައި ވަޅިޖެހި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި
ފުވައްމުލަކުގައި ވަޅިޖެހި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި

ފުވައްމުލަކުގައި އިއްޔެ މީހަކަށް ވަޅިން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ފުލުހުން މީހަކު ހައްޔަރު ކޮށްފި އެވެ.

އިއްޔެ ފުވައްމުލަކުގައި ހިންގި މި މާރާމާރީގައި ޒަހަމްވެފައި ވަނީ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ.

މި މާރާމާރީއާ ގުޅޭ ގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ ވަޅި ޖެހި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދިވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ފަރުޒާދު ވިދާޅުވީ މާރާމާާރީގައި ޒަހަމްވި މީހާގެ ކަރާއި ބޮލާއި ބުރަކައްޓާއި ބަނޑަށް ވަޅި ހަރާފައިވާ ކަމަށެވެ.

"ފުދޭ ވަރެއްގެ އަނިޔާތަކެއް ލިބިފައި ހުރީ. ބަނޑު ވެސް ވަރަށް ބޮޑަށް ފަހަން ޖެހުނު،" ފަރުޒާދު ވިދާޅުވި އެވެ.

ޒަހަމްވި މީހާގެ ހާލު އިތުރަށް ގޯސްނުވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެ އެވެ. ނަމަވެސް އޭނާ ވަނީ އަމިއްލަ އަށް އެދިގެން ހޮސްޕިޓަލުން ޑިސްޗާޖްވެ ގެއަށް ގޮސްފައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ފުވައްމުލަކުގައި މާރާމާރީ ހިންގާފައި ވަނީ ކީއްވެގެންކަން ސާފުވާ ގޮތެއް ނުވެ އެވެ. ފުވައްމުލަކު ކައުންސިލުން ބުނީ އެ މައްސަލައިގައި އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.